އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން ވަކިކުރުމާމެދު މަޖިލީހުން ގޮތެއް ނިންމުމަށް ދަައުރުން ބޭރު ޖަލްސާއެއް ބޭއްވުމުގެ މަސައްކަތް ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އެމްޑީޕީން ފަށައިފިއެވެ.
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަޖިލީހުގެ ގަވާއިދުގެ 45 ވަނަ މާއްދާގެ ދަށުން އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ފަރާތުން މަޖިލީހަށް ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް ހުށަހަޅާނެ ކަމަށެވެ.
އެނގިފައިވާ ގޮތުގައި ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން ހުށަހަޅަން އެމްޑީޕީގެ ޕީޖީން ނިންމާފައި މިވަނީ އޭސީސީގެ މެމްބަރުން ވަކި ކުރުމަށެވެ.
މަޖިލީހުގެ ގަވާއިދުގެ 45 ވަނަ ނަމްބަރުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް ނުވަތަ ޖަލްސާތަކެއް ބާއްވަން ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެމްބަރުން ސަބަބު ބަޔާންކޮށް ސޮއިކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހުށަހަޅައިފިނަމަ، 14 ދުވަހުގެ ތެރޭގައި އެ ޖަލްސާއެއް ނުވަތަ ޖަލްސާތައް މަޖިލީހުގެ ރައީސް ބާއްވަންވާނެ ކަމަށެވެ. އެ 14 ދުވަސް ގުނާނީ ބަންދު ދުވަސްތައް ހިމަނައިގެން ކަމަަށް ވެސް އެ ނަމްބަރުގައި ވަނީ ބުނެފައެވެ.
ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހުން ފެށިގެން މަޖިލިސް ތިން މަހުގެ ޗުއްޓީއެއްގައި ވަނިކޮށް މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން ވަނީ އޭސީސީގެ ހުރިހާ މެމްބަރުން ވަކިކުރަން ފާސްކޮށްފައެވެ.
އޭސީސީން ބަލާ މައްސަލަތައް ދިގުދެމިގެން ގޮސް މަސައްކަތްތައް ލަސްވަމުންދާ މައްސަލައިގައި، މީގެ ކުރިން އެކި ފަހަރުމަތިން އެ ކޮމިޝަންގެ މެމްބަރުން ވަނީ ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ. އަދި ކޮމިޝަންގެ މަސައްކަތްތައް އަވަސްކުރުމަށްޓަކައި އަންނަ އަހަރުގެ ބަޖެޓަށް އިތުރުކުރުމަށް ކޮމިޝަނުން އެދުނު ބައިވެސް ކޮމިޓީން ވަނީ ބަޖެޓަށް އިތުރު ކޮށްދީފައެވެ.
އޭސީސީގެ ހުރިހާ މެންބަރުން ވަކިކުރަން ކޮމިޓީން ފާސްކޮށްފައި މިވަނީ، ކޮމިޝަންގެ މަސައްކަތްތައް ދާގޮތާ މެދު ހިތްހަމަ ނުޖެހިގެން، އެ ކޮމިޝަންގެ ޕާފޯމަންސް އޮޑިޓެއް ހެދުމަށް ފަހުގައެވެ.
ޕާފޯމަންސް އޮޑިޓާ ގުޅިގެން އެ ކޮމިޝަންގެ މެންބަރު އަލީ އަޝްރަފު ވެސް ވަނީ މިމަހުގެ ދެވަނަ ދުވަހު ކޮމިޝަނުން އިސްތިއުފާ ދެއްވައިފައެވެ.
ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޝަންގެ ހުރިހާ މެންބަރުން ވަކިކުރަން ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމެވެ.
ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރުންގެ ގޮތުގައި މިހާރު ތިއްބެވީ، މަރިޔަމް ޝިއުނާ އާއި ފާތިމަތު އަނޫލާ އާއި އިބްރާހިމް ޝަކީލްގެ އިތުރުން އައިޝަތު އަބްދުﷲ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު