ރޯދަ މަހާ ދިމާކޮށް ވިލިމާލޭގައި ވަގުތީ ލޯކަލް މާރުކޭޓެއް ހަދަން ހަމަޖެހިފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލްގެ ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ ވިދާޅުވެއްޖެއެވެ.

ނަހުލާ އިއްޔެ ވިދާޅުވީ، ލޯކަލް މާރުކޭޓު ހަދާނީ ވިލިމާލޭ ބޮޑުމަގުގައި ހުންނަ އިހުސާން ފިހާރަ ކުރިމަތީ ކަމަށެވެ. އެ މާރުކެޓުން 10 ފޫޓު 10 ފޫޓުގެ 20 ގޮޅި ދޫކުރާ ގޮތަށް ވެސް ހަމަޖެހިފައިވާ ކަމަށް ވެސް ނަހުލާ ވިދާޅުވިއެވެ.

އަންނަ އަހަރު ފެށޭ ހިސާބުގައި ވިލިމާލޭގައި ދާއިމީ މާރުކޭޓެއް ހެދުމުގެ މަސައްކަތް ވެސް ފެށިގެންދާ ނެކަމަށް ނަހުލާ ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، ވިލިމާލޭގައި ދާއިމީ މާރުކޭޓެއް ގާއިމުކުރެވިގެންދާއިރު، އެ މާރުކޭޓުގައި މަސް މާރުކޭޓާއި، ލޯކަލް މާރުކޭޓެއްގެ އިތުރުން ތަރުކާރީ މާރުކޭޓެއް ހެދި ވެ ހުރިހާ ހިދުމަތެއް އެއް ފުރާޅެއްގެ ދަށުން ލިބިގެންދާނެ ކަމަށެވެ.

ދާއިމީ މާރުކޭޓު ހެދެންދެން، ކުރެވެންދެން ރޯދަ މަހާ ދިމާކޮށް ހަދާ ވަގުތީ މާރުކޭޓުން ހިދުމަތް ލިބެން ހުންނާނެ ކަމަށް ނަހުލާ ވިދާޅުވިއެވެ.