އޭނާއަށް އެކުށް ކުރެވުނީ ދީނީ ގޮތުން ގަބޫލުކުރެވިފައިވާ ގަބޫލުކުރެވުން ތަކެއްގެ ސަބަބުން ކަމަށާއި އެ ކަމަށް ޓަކައި ރައީސް ނަޝީދާއި އެ ހަމަލާފައި ޒަހަމްވި އެންމެންގެ ކިބައިން މައާފަށް އެދޭ ކަމަށް މެއި ހަވަނަ ދުވަހުގެ ރޭ ސައިކަލެއްގައި އައިއީޑީއެއް ގޮއްވާލައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން ކުރާ ދައުވާގައި އަދުހަމް އަހުމަދު މިއަދު ބުނެފި އެވެ.

މެއި ހަވަނަ ދުވަހުގެ ރޭ ސައިކަލެއްގައި އައިއީޑީއެއް ގޮއްވާލައިގެން ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން ކުރާ ދައުވާއަށް އަދުހަމް ވަނީ ކުރީން އިއުތިރާފު ވެފައެވެ. އަދި އެ މައްސަލައިގައި ދައުލަތުން އަދުހަމަށް ހަތަރު ދައުވާއެއް ކޮށްފައިވެއެވެ.

އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ދައުވާއާއި ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާ އާއި ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުން ކޮށްގެން ގަސްތުގައި މީހަކު މަރާލަން އުޅުނު ދައުވާ އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާއެވެ.

އެ ހުރިހާ ދައުވާތަކަށް އަދުހަމް އެއްބަސްވީ ދައުލަތާއެކު ހަދާފައިވާ އިއުތިރާފުގެ އެއްބަސްވުމުގެ ދަށުންނެވެ. އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތު ވެއްޖެ ނަމަ، 37 އަހަރުގެ ހުކުމެއް އަންނަ ގޮތަށް އޮތް ނަމަވެސް އިއުތިރާފުގެ އެއްބަސްވުން ހަދާފައިވަނީ އޭނާގެ މައްޗަށް 23 އަހަރުގެ ޖަލު ހުކުމެއް އަންނަ ގޮތަށެވެ.

އަދުހަމް ކުށަށް އިއުތިރާފުވެފައިވާތީ މި މައްސަލަ ކުރިއަށް ގެންދިޔައީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައެވެ.

އެގޮތުން އެ މައްސަލައިގައި ހުކުމް ކުރުމަށް މިއަދު ކުރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލު ވަނީ އިއުތިރާފުގެ އެއްބަސްވުން ދަމަހައްޓަން ބޭނުން ވޭތޯ އަދުހަމް ކައިރިން ސުވާލުކޮށްފައެވެ. އެގޮތަށް ދެ ފަހަރެއްގެ މަތިން ސުވާލުކުރުމުންވެސް އަދުހަމް ބުނީ، ދައުލަތާއެކު ހަދާފައިވާ އިއުތިރާފުގެ އެއްބަސްވުން ދަމަހައްޓަން ބޭނުން ވާ ކަމަށެވެ.

އެއަށްފަހު ގާޒީ ވަނީ އަޑުއެހުމުގައި އިތުރު ކަމެއް ފާހަގަކުރަން ބޭނުންވާނަމަ އެ ފުރުސަތު ދެއްވައިފައެވެ. ދެއްވި ފުރުސަތުގައި ތެދުވެ އަދުހަމް ބުނީ، އޭނާ ދިން ހަމަލާއަކީ ކުރެވުނު ކުށެއް ކަމަށާއި އަދި އެއީ ދީނީ ގޮތުން ގަބޫލު ކުރެވުނު ގަބޫލުކުރުންތަކެއްގެ ސަބަބުން ދެވުނު ހަމަލާއެއް ކަމަށެވެ.

"ދެވުނު ހަމަލާއަކީ ކުށެއް ކަމަށް ގަބޫލުކުރަން. އެއީ ދީނީ ގޮތުން ގަބޫލުކުރެވުނު ކަންތައްތަކެއް ސަބަބުން ދެވުނު ހަމަލާއެއް. އެކަމަށް ޓަކައި ރައީސް ނަޝީދާއި އެ ހަމަލާގައި އަނިޔާ ލިބުނު މީހުންނާއި ރައްޔިތުންގެ ކިބައިން މައާފަށް އެދެން. އަދި އެފަދަ ކަމެއް ތަކުރާރު ނުވާނެކަމުގެ ޔަގީންކަން ދެން،" މަޑުމައިތިރި ކަމާއެކު އަދުހަމް ބުންޏެވެ.

ބޮން ގޮއްވާލި މައްސަލައިގައި އަދުހަމްގެ އިތުރުން އެހެން ބަޔަކަށް ވެސް ދައުވާކުރެއެވެ. އެ މީހުންނަކީ މުޖާޒް އަހުމަދު، ތަހުމީން އަހުމަދު، އަލީ ހައިޝަމް، މުހައްމަދު ނާޒިމު، ފަހުމީ އަލީ، އިސްހާގު، މުހައްމަދު ތަސްލީމު އަދި އަބްދުﷲ އަލިމަނިކެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލައާ ގުޅިގެން ހައްޔަރުކުރި އެކެއްގެ ހެކި ނެތުމުގެ ސަބަބުން އޭނާއަށް ދައުވާ ނުކުރަން ވަނީ ނިންމައިފައެވެ. އެއީ ލ. ގަން، ދުންފިނިއުފާ، އަހުމަދު ފާތިހު އެވެ. ފާތިހު އަކީ ކުރިން ޕޮލިސް އިންޓެލިޖެންސްގައި މަސައްކަތްކުރި މީހެކެވެ.