ޚަބަރު

ރައީސް ސޯލިހު، މެރިން އެކްސްޕޯއަށް ޒިޔާރަތްކުރައްވައިފި

މުހައްމަދު އިޝާން

ރަައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު "މޯލްޑިވްސް މެރިން އެކްސްޕޯ 2021" އަށް ޒިޔާރަތްކުރައްވައިފިއެވެ.

މޯލްޑިވްސް މެރިން އެކްސްޕޯ އަކީ ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް)އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ އެކްސްޕޯއެކެވެ.

މޯލްޑިވްސް މެރިން އެކްސްޕޯ 2021 އަށް ރައީސް ޒިޔާރަތްކުރެއްވުމުން އެމަނިކުފާނަށް މަރުހަބާ ދަންނަވާފައިވަނީ އެންބީއޭއެމްގެ ރައީސް އަހުމަދު އަފްރާހުއެވެ.

މި ޒިޔާރަތްކުރެއްވުމުގައި ރައީސް ވަނީ އެކްސްޕޯގެ ސްޓޯލުތައް ބައްލަވައިލައްވައިފައެވެ. އަދި އެކްސްޕޯގައި ދައްކާލާފައިވާ ބައެއް ތަކެތީގެ މައުލޫމާތުވެސް އެމަނިކުފާނު ވަނީ އައްސަވައިފައެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ އެވެއަނެސް ކެމްޕެއިން ކަމަށްވާ "ލައިފް ޖެކެޓް ވެއާ އިޓް" މި އެކްސްޕޯގައި އިފްތިތާހުކޮށްދެއްވައިފައެވެ.

ހުޅުމާލެ ސެންޓަރަލް ޕާކުގައި ކުރިއަށްގެންދާ މެރިން އެކްސްޕޯއަކީ މެރިން ދާއިރާގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވަމުން ގެންދާ އެކްސްޕޯއެކެވެ. މި އެކްސްޕޯގައި ރާއްޖޭގެ މެރިން އިންޑަސްޓްރީގެ ގިނަ ބާވަތްތަކެއް ދައްކާލާފައިވެއެވެ. އަދި މި އެކްސްޕޯގައި މެރިން ދާއިރާއާ ގުޅުންހުރި މުދަލާއި ފޯރުކޮށްދޭ ހިދުމަތްތަކުގެ މައުލޫމާތުވެސް ދާއިރާގެ ގިނަ ބައިވެރިންނާ ހިއްސާކޮށްފައިވެއެވެ.

އޭގެ އިތުރުން މި އެކްސްޕޯގައި ބައިވެރިވި ބައެއް ކުންފުނިތަކުން ވަނީ އަލަށް ބާޒާރަށް ނެރުމަށް ހަމަޖެހިފައިވާ ތަކެތި ދައްކާލައި އެ ތަކެއްޗާއި ބޭހޭގޮތުން ބައިވެރިންނާ މައުލޫމާތު ހިއްސާކޮށްފައެވެ.

މިއަހަރުގެ އެކްސްޕޯގައި 50 ފަރާތަކުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ޔޮޓުތަކާއި ސަފާރީތަކާއި މަސްވެރިކަމުގެ ވިޔަފާރިތަކާއި މޫދު ކުޅިވަރުގެ ހަރަކާތްތައް ކުރިއަށްގެންދާ ވިޔަފާރިތަކާއި ލޮޖިސްޓިކްސް ވިޔަފާރިތަކާއި ކަނޑުއުޅަނދުފަހަރަށް ބޭނުންވާ ސާމާނު ވިއްކާ ވިޔަފާރިތައް ހިމެނެއެވެ.

މިއަހަރުގެ މެރިން އެކްސްޕޯގެ މެއިން ސްޕޮންސަރަކީ އެމްޓީސީސީއެވެ. ކޯ ސްޕޮންސަރުންނަކީ ގަލްފް ކްރާފްޓާއި ޖަލްބޫތުއެވެ.

އާއްމުކޮށް ހުޅުވާއިގެން ބާއްވާ މި އެކްސްޕޯ ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ ބުދަ ދުވަހާ ހަމައަށް، ކޮންމެ ދުވަހެއްގެ މެންދުރުފަހު 2:00 އިން ރޭގަނޑު 10:00 އަށެވެ.

މޯލްޑިވްސް މެރިން އެކްސްޕޯއަކީ 2014 ވަނަ އަހަރުން ފެށިގެން އެންބީއޭއެމްއިން މެރިން ދާއިރާގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވަމުން ގެންދާ އެކްސްޕޯއެކެވެ.