ޓިއުޝަން ކުލާސް ހިންގާ ތަންތަނާއި ގުރުއާން ކުލާސްތައް ހިމެނޭ ގޮތަށް، ސްކޫލުތައް ފިޔަވައި ކުޑަކުދިންނަށް ކިޔަވައިދޭ ހުރިހާ ތަނެއް އެޑިއުކޭޝަން މިނިސްޓްރީގައި އަލުން ރަޖިސްޓަރީ ކުރަން ޖެހޭ ގަވާއިދަށް އަމަލުކުރަން ފަށައިފިއެވެ.

ސްކޫލު ފިޔަވައި ކުޑަކުދިންނަށް ކިޔަވައިދޭ ތަންތަން ރަޖިސްޓަރީ ކުރުމާއި ހިންގުމުގެ ގަވާއިދެއް އެކުލަވައިލީ ތައުލީމީ ގާނޫނުގެ ދަށުންނެވެ.

އެ ގަވާއިދުގެ ދަށުން ބޭބީ ނާސަރީއާއި ނާސަރީއަށް ކިޔަވައިދޭ ތަންތަނާއި ޕްރީސްކޫލާއި ޅަފަތުގެ ތައުލީމުގެ ބޭނުމަށް ހިންގާ އެ ފެންވަރުގެ ތަންތަނާއި ޓިއުޝަން ދޭ ތަންތަނާއި ގުރުއާން ކުލާސްތަކާއި ހާއްސަ އެހީތެރިކަމަށް ބޭނުންވާ ކުދީންނަށް ތައުލީމާއި ތަމްރީނުދޭ ތަންތަން އެޑިއުކޭޝަން މިނިސްޓްރީގައި ރަޖިސްޓަރީ ކުރަން ޖެހޭނެއެވެ.

ގަވާއިދުގައިވާ ގޮތުން އެފަދަ ތަންތަން ރަޖިސްޓަރީކޮށްދޭނީ އެޑިއުކޭޝަން މިނިސްޓްރީން ކިޔަވައިދޭ ތަނެއްގައި ފުރިހަމަވާން ޖެހޭ ކަމަށް ކަނޑައަޅާފައިވާ "މިނިމަމް ސްޓޭންޑާޑް ފެސިލިޓީސް" ގައި ހިމެނޭ ވަސީލަތްތައް އެ ތަނެއްގައި ފުރިހަމަވާނަމައެވެ. އަދި ރަޖިސްޓަރީކުރުމަށްޓަކައި "ސުކޫލު ފިޔަވައި ކިޔަވައިދޭ އެނޫން ތަންތަނުން ޕްރޮގްރާމް ރަޖިސްޓަރީ ކުރުމަށް އެދޭ ފޯމު" ފުރިހަމަކޮށްފައި ހުށަހަޅަން ޖެހޭނެއެވެ.

ގަވާއިދުގައި ބުނީ، އެ ގަވާއިދުގެ ދަށުން ކިޔަވައިދޭ ތަނެއް ރަޖިސްޓަރީކުރަން އެދި ހުށަހަޅާ ފަރާތަކީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނުގެ ދަށުން ނުވަތަ ޖަމިއްޔާތަކުގެ ގާނޫނުގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ފަރާތަކަށް ވާންވާނެ ކަމަށެވެ.

ސުކޫލު ފިޔަވައި ކިޔަވައިދޭ އެނޫން ތަންތަން ރަޖިސްޓަރީ ކުރުމާއި ހިންގުމުގެ ގަވާއިދަށް މިއަދު އަމަލުކުރަން ފަށާފައިވާ އިރު، ރަޖިސްޓަރީނުކޮށް ހިންގަމުންދާ ކިޔަވައިދޭ ތަންތަން ދެ މަސް ދުވަހުގެ ތެރޭގައި ރަޖިސްޓަރީ ކުރަން ޖެހޭނެއެވެ. އަދި މިހާރު ރަޖިސްޓަރީކޮށްފައި ހުރި ތަންތަން ދޮޅު އަހަރުގެ ތެރޭގައި އަލުން ރަޖިސްޓަރީ ކުރަން ޖެހޭނެއެވެ.

މިދިޔަ އަހަރު އަމަލުކުރަން ފެށި މަތީ ތައުލީމުގެ ގާނޫނުގެ ދަށުން މިދިޔަ ހަފުތާގައި ވަނީ ކޮލެޖުތަކާއި މަރުކަޒުތައް ރަޖިސްޓަރީކޮށް ހިންގުމުގެ ގަވާއިދެއް އެކުލަވާލައި އެތަންތަންވެސް އަލުން ރަޖިސްޓަރީ ކުރަން އަންގައިފައެވެ.