ރ. މަޑުއްވަރީ ދެކުނު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމުމަކާ ގާތަށް ގޮސްފިއެވެ.

އެމްޓީސީސީން މިއަދު ބުނީ، މަޑުއްވަރީ ދެކުނު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 90 ޕަސެންޓް ނިންމާލާފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 7,280 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 80،400 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމުގެ އިތުރުން 65,520 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ހާބަރު ބޭސިން ފުންކުރުން ހިމެނެއެވެ.

އޭގެ އިތުރުންވެސް 411 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 582 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމުގެ އިތުރުން 135 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. އަދި 2840 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ނެރު ބައްތި އަދި މަގުމަތީ ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.

މި މަޝްރޫއަކީ 72.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.