އިސްލާމީ ތާރީޚު

ނަބަވީ ސީރަތާއި އިންސާނީ ނަފުސިއްޔާތު - 2

އަބްދުﷲ ފާރޫގް ހަސަން

މެދުމިންކަން

(6 ޑިސެމްބަރުގެ އަދަދާ ގުޅޭ)

އެހެނިހެން ނަބީބޭކަލުންގެ ޙަޔާތްޕުޅުން އަޅުގަނޑުމެން އިމްތިޔާޒީ ސިފަފުޅަކީ ކޮބައިކަން ފާހަގަކުރާފަދައިން އިސްލާމްދީނުގެ ނަބިއްޔާގެ ޙަޔާތްޕުޅާމެދު ވިސްނާއިރު ފާޅުކަންބޮޑު ގޮތެއްގައި ފެންނަނީ މެދުމިންކަމެވެ. އެމާތް ސާހިބާގެ ނުބުއްވަތަށް ނުވަތަ ސީރަތަށް އަބަދަށް ދެމިހުރުމުގެ ސިފަލިބިފައިވަނީ މެދުމިންކަމުގެ ސަބަބުންނެވެ. ކައުސާހިބާ صلّــى اللّــه عليـه وسلّـم ފިޔަވައި އެހެންހުރިހައި ނަބީބޭކަލުންގެ ދަޢުވަތަކީވެސް ވަކިސަރަޙައްދަކަށް ނުވަތަ ތަފާތު ޤައުމަކަށް ޚާއްޞަ ނުބުއްވަތެކެވެ. އެބޭކަލުންގެ ނަބީކަން އެއަށްވުރެ ބޮޑަށް ފުޅާވެފައެއް ނުވެއެވެ. މެދުކެނޑުމެއްނެތި ދެމިހުރުމެއްވެސް ލިބިފައެއް ނުވެއެވެ. ކީރިތި ޤުރްއާނުގެ އަންނަނިވި އާޔަތުން ހާމަކުރައްވައިފައިވަނީ އެޙަޤީޤަތެވެ.

"އަދި ހަމައެފަދައިން މެދުމިން އުންމަތެއްކަމުގައި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ލެއްވީމެވެ. އެއީ (ޤިޔާމަތްދުވަހުން) މީސްތަކުންގެ މައްޗަށް ހެކިވާ ބަޔަކުކަމުގައި ތިޔަބައިމީހުން ވުމަށްޓަކައެވެ." (الـبقــرة: 143)

އާދެ، މިއުންމަތަށް މެދުމިންކަމަށް ދަޢުވަތު ދެއްވިގެންވާއިރު އުންމަތުގެ އިމާމު އަދި އުންމަތް އެބޭކަލަކަށް އިޤްތިދާވާ މާތް ސާހިބާ محمّد صلّــى اللّــه عليـه وسلّـم ގެ ޝަޚްޞިއްޔަތު މެދުމިންވެގެންވާނެ މަތިވެރި ދަރަޖައޮތީ ހީކޮށްލުމެވެ. ޚުލާޞާއެއްގެގޮތުން ދަންނަވާނަމަ ކައުސާހިބާ صلّــى اللّــه عليـه وسلّـم އެކަލޭގެފާނުގެ ދަޢުވަތު އިންސާނީ ނަފްސިއްޔާތާ އެއްގޮތްކުރެއްވުމަށްޓަކައި ހުންނެވީ މެދުމިންކަމާއި ވަކިއަތަކަށް ބަރުވެވަޑައިނުގެންނެވުމުގެ އެންމެ ފުރިހަމަ މިންގަނޑުގައިކަން ކަށަވަރެވެ. އޭގެ ލާޒިމީ ނަތީޖާއަކަށްވީ އެމާތް ސާހިބާގެ ދަޢުވަތު އޭގެ އަމިއްލަ ޒާތުގައި ކޮންމެ އިންސާނެއްގެ އުންމީދުތަކުގެ ސަމުގާގެ ގަހާ ކަމުގައްޔާއި ހިތާމަޔާއި މޮޅިވެރިކަމުގެ ޝިފާކަމުގައްޔާއި ކޮންމެ އިންސާނެއްގެ ކަންބޮޑުވުމުގެ ޙައްލުކަމުގައި ވަމުންދިޔުމެވެ. އިތުރު ސާހިބާގެ ދަޢުވަތުގެ އިމްތިޔާޒީ ސިފަފުޅަކީ އެއީއެވެ.

ވަޙީގެ ދެބާވަތެއްވެއެވެ.

އުޞޫލުއްތަފްސީރުގެ ޢިލްމުވެރީންނާއި މުފައްސިރުން ވިދާޅުވާގޮތުގައި ވަޙީގެ ދެބާވަތެއްވެމެވެ. ކިޔެވޭ ވަޙީއާއި ނުކިޔެވޭ ވަޙީއެވެ. ކިޔެވޭ ވަޙީއަކީ ކީރިތި ޤުރްއާނެވެ. ނުކިޔެވޭ ވަޙީއަކީ ނަބަވީ ޙަދީޘްފުޅުތަކެވެ. މާނައަކީ އިތުރު ސާހިބާ صلّــى اللّــه عليـه وسلّـم ވިދާޅުވި ކޮންމެ ބަސްފުޅަކާއި ކުރާން އެންގެވި ކޮންމެ ކަމަކާއި ކުރުން މަނާކުރެއްވި ކޮންމެ ކަމެއްގެ ވާހަކަ ބަޔާންކުރެއްވުމުގައި ބޭނުންކުރެއްވި ލަފުޒުތަކަކީ މާތް اللّــه ގެ ވަޙީއެވެ. އެކަލާނގެ ބަސްފުޅެވެ. އެމާތް ސާހިބާގެ އަމިއްލަފުޅު ބަސްފުޅުތަކެއް ކަމުގައިވިޔަސްވެހެވެ. ޚުދު އަރަހުށި މާތް اللّــه سبحـانــه وتـعــالــى ވަނީ އެކަމަށް ހެކިވެވޮޑިގެންފައެވެ.

"އަދި އެކަލޭގެފާނު އަމިއްލަ އެދުންފުޅަކަށް ވާހަކަފުޅެއް ނުދައްކަވާމެއެވެ. އެއީ އެކަލޭގެފާނަށް އިއްވަވާ ވަޙީއެއްކަމުގައިނޫނީ ނުވެއެވެ." (الـنّــجــــم: 3، 4)

أمّ المـؤمـنــيـن السّـيّدة عـائـشــة رضى اللّـه عنـهــا އަށް މިރޮނގުން ދެންނެވުނު ސުވާލެއްގެ ޖަވާބުގައި އެކަމަނާ ވިދާޅުވެފައިވަނީ އެމާތް ސާހިބާގެ ޚުލުޤުފުޅަކީ ކީރިތި ޤުރްއާން ކަމުގައެވެ. މިއީވެސް ނަބަވީ ސީރަތު މުޅީންވެސް ބިނާވެފައިވަނީ ކީރިތި ޤުރްއާނުގެ މައްޗަށްކަމުގެ ވަރުގަދަ ދަލީލެކެވެ. އެހެންކަމުން ނަބަވީ ސީރަތު ދިރާސާކުރާއިރު ކީރިތި ޤުރްއާނުގެ މައްޗަށް ފިކުރު ހިންގަމުން ގެންދިޔުމަކީ ލާޒިމު ކަމެކެވެ. އެމާތް ސާހިބާގެ ރީތި ސީރަތުގައި އިންސާނީ ނަފުސިއްޔަތާމެދު ޚިޔާލު ބެހެއްޓެވި ވަރުގަދަކަމާއި އެމާތް ސާހިބާ ދެއްވި އިރުޝާދުތަކާއި އެމާތް ސާހިބާގެ މަގުދެއްކެވުމުގައި އެމަންބަޣަކުން މަންފާ ހޯއްދަވަމުން ގެންދެވި ފެނާރަކީ ކީރިތި ޤުރްއާންކަން އެނގޭނީ އޭރުންނެވެ.

އިންސާނާގެ އަމާޒުފަތްގަނޑު

އަޅުގަނޑުމެންނަށް އެނގިފައިވާ ފަދައިން އިންސާނާގެ ހުރިހައި މަސައްކަތްތަކަކާއި އޭނާކުރާ ހުރިހާ ހިންމަތެއްގެ ނާރެހަކީ ކާނާއާއި، އުނުފޭރާމާއި ގެދޮރެވެ. އިންސާނާ ދިރިހުންނަނީވެސް އަދި މަރުވެދަނީވެސް އެކަންކަމުގެ ފިކުރުގައެވެ. ކީރިތި ޤުރްއާނުގެ އަންނަނިވި އާޔަތްތަކުންވެސް އަޅުގަނޑުމެންގެ މިވާހަކައަށް އިތުރު ބާރެއް ލިބެއެވެ.

"ފަހެ ތިމަންރަސްކަލާނގެ ވަޙީކުރެއްވީމެވެ. އޭ آدم ގެފާނޭވެ! ހަމަކަށަވަރުން، މިއީ ކަލޭގެފާނާއި ކަލޭގެފާނުގެ އަނބިކަނބަލުންނަށްހުރި ޢަދާވަތްތެރިއެކެވެ. ފަހެ، އެކަލޭގެ ތިޔަ ދެކަނބަލުން ސުވަރުގެއިން ނެރެލިޔަ ނުދެއްވާހުށިކަމެވެ! އޭރުން ކަލޭގެފާނު ދަތިތަކާ ކުރިމަތިލައްވާން ޖެހިވަޑައިގެންފާނެތެވެ. ހަމަކަށަވަރުން ކަލޭގެފާނަކަށް އެތާނގައި ބަނޑުހައިވުމެއްނެތެވެ. އަދި އުނުއޮރިޔާންވުމެއްވެސް ނުމެވޭމެއެވެ. އަދި ހަމަކަށަވަރުން، ކަލޭގެފާނަށް އެތާނގައި ކަރުހިއްކުމެއް ނުލިބޭނެތެވެ. އަދި ކަލޭގެފާނަށް އަވީގެ ހޫނެއްވެސް ނުމެވާނެމެއެވެ. (طـــه: 119-117)

آدم ގެފާނު ސުވަރުގެއިން ނުކުމެވަޑައިނުގެން ހުންނަވާނަމަ ލިބިވަޑައިގަންނަވާނެ ތިން ފައިދާއެއްގެ ވާހަކަ މިވަނީ ބަޔާންކުރައްވައިފައެވެ. އެއީ ހައިހޫނުކަން ލިބިވަޑައިނުގެންނާއި ޢައުރަ ނިވައިކުރެއްވެވިގެންވުމާއި އަތްވާއި ކަރުފުޅު ހިއްކުމުގެ ސަބަބުން ކަންބޮޑުވެވަޑައިގަންނަވަން ޖެހިވަޑައިނުގެންނެވުމެވެ. އަރަހުށި މާތް اللّــه އާ ކުއްތަންވުމަށްވުރެ މަތިވެރި ނިޢުމަތެއް ސުވަރުގޭގައި ދިރިއުޅޭ އިންސާނަކަށް އޮންނާނެތޯއެވެ؟ އެކަމަކު މިއާޔަތްތަކުގައި އެމަތިވެރި ނިޢުމަތުގެ ވާހަކަ ބަޔާންކުރެއްވުމުގެ ބަދަލުގައި ބަޔާންކުރައްވައިފައިއެވަނީ އެއްގޮތެއްގައި ވަރަށް އާދައިގެ ނިޢުމަތްތަކެއްގެ ވާހަކައެވެ. އެހެނީ آدم ގެފާނާއި حــوّاى ގެފާނަކީ އެދެކަނބަލުންގެ މާތްކަމާއި މަތިވެރިކަމާއެކުވެސް އިންސާނުންނެވެ. އެހެންކަމުން ބަޔާންވެދިޔަ އާޔަތްތަކުގައި އެދެކަނބަލުންގެ ނަފްސިއްޔާތަށް ރިޢާޔަތްކުރައްވައި އެދެކަނބަލުންގެ މަތިވެރި ރައްބާ ވަކިވެވަޑައިގެންނެވުމުގެ އަފޫރުއްބަ ގެއްލުމަށް އިޝާރަތްކުރައްވައިފައެއް ނުވެއެވެ. އަދި ކީއްތޯއެވެ؟ އަސްލު މަޙްރޫމްވެވަޑައިގެންނެވުމެއްކަމުގައި ބަޔާންކުރައްވައިފައިވަނީ ކެއިންބުއިމާއި އުނުފޭރާމާއި ގެދޮރުން މަޙްރޫމުވެވަޑައިގެންނެވުމެވެ.

ޙިކުމަތްތެރި ޤުރްއާނުގައި މާތް اللّــه ގެ ނިޝާންތައް ބަޔާންކުރެއްވުމުގައިވެސް ޢާއްމުގޮތެއްގައި ފައްޓަވައިފައިވަނީ ކޮންމެ އިންސާނަކަށްވެސް އެކަންކަން މައްސަލަޔަކަށްވާ ކަންތައްތަކުގެ ވާހަކައިންނެވެ. އަންނަނިވި އާޔަތްތަކުން އެކަން އެނގެއެވެ.

"އަދި ރޭގަނޑާއި ދުވާލުގެ ވަގުތުތަކުގައި ތިޔަބައިމީހުން ނިދާ ނިދުމާއި އެކަލާނގެ ފަޟްލުވަންތަކަމުގެ ތެރެއިން އެދި ތިޔަބައިމީހުން މަސައްކަތްކުރުންވަނީ އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންނެވެ." (الــرّوم: 23)

"އަދި އަހާއި، ބަޣަލާއި، ޙިމާރުވެސް ހެއްދެވިއެވެ. އެއީ ތިޔަބައިމީހުން އެތަކެއްޗަށް ސަވާރުވުމަށާއި، އަދި ޒީނަތެއްގެ ގޮތުގައެވެ. އަދި ތިޔަބައިމީހުން ނުދަންނަ ތަކެތި އެކަލާނގެ ހައްދަވަތެވެ." (الـنّـمل: 8)

"އަދި ތިޔަބައިމީހުންނަށްޓަކައި ކަނޑު ޚިދުމަތްތެރިކުރެއްވީ އެކަލާނގެއެވެ. (އެއީ) ތިޔަބައިމީހުން އެކަނޑުން ތާޒާމަސް ކެއުމަށްޓަކައެވެ. އަދި ތިޔަބައިމީހުން އަޅައިއުޅޭ ގަހަނާ، އެކަނޑުންނެރެ، ނެގުމަށްޓަކައެވެ. އަދި އެކަނޑުގައި ގޮސްއައިސްވާ އުޅަނދުތައް ތިބާ ދެކޭނޫއެވެ." (الـنّـمل: 14)

މަތީގައި ބަޔާންކޮށްފައިވާ އާޔަތްތަކަކީ ނުހަނު އާދަޔާ ޚިލާފު އާޔަތްތަކެއް ކަމުގައިވުމާއެކުވެސް ވަރަށް އާންމު ކަންތައްތަކެއް ބަޔާންކުރައްވާ އާޔަތްތަކެކެވެ. އެއާޔަތްތަކުގެ ޚާއްޞަކަމަކީ ކިތަންމެ ގަބުމީހަކަށްވެސް އަދި ކިތަންމެ ޖާހިލު މީހަކަށްވެސް އެ އާޔަތްތަކާމެދު ވިސްނައިގެން އިލާހީ މަޢުރިފަތު ހޯދައިގަނެވިދާނެކަމެވެ. ޝައްކެއްނެތެވެ. ހުސްޠާހިރުވަންތަ މާތް اللّــه އެދިވޮޑިގެންވާނަމަ ކިތަންމެ އާދަޔާ ޚިލާފު ނާޒުކު ނުކުތާތަކަކުންވެސް އެކަލާނގެ ނިޝާންތައް ބަޔާންކުރައްވައިފީހެވެ. އެކަމަކު އެކަލާނގެ ޙިކުމަތްވަންތަކަމުގެ ޚާއްޞަ މަޞްލަޙަތާ އެއްގޮތްވާ ގޮތުގެމަތީން ބަޔާންކުރައްވައިފައިއެވަނީ ކޮންމެ އިންސާނަކަށްވެސް ވިސްނައިގަނެވިދާނެ ކަންތައްތަކެވެ.

ســورة الـغـاشـيــة ގެ އަންނަނިވި އާޔަތްތަކަކީ މާތް اللّــه ގެ ކުޅަދުންވަންތަކަން ފާޅުކުރެއްވުމަށްޓަކައި ވަޙީކުރައްވައިފައިވާ އާޔަތްތަކެކެވެ. އެއީވެސް ބަޔާންކުރެއްވުމުގެ ތަފާތު ގޮތެއް ފެންނަ އާޔަތްތަކެކެވެ.

"ފަހެ ޖަމަލު ހައްދަވައިފައިވަނީ ކޮންފަދަޔަކުން ކަމާމެދު އެއުރެން ޖަމަލަށް ނުބަލަނީހެއްޔެވެ؟ އަދި އުޑު އުފުއްލަވައިފައިވަނީ ކޮންފަދަޔަކުންކަމާމެދު އެއުރެން އުޑަށް ނުބަލަނީހެއްޔެވެ؟ އަދި ފަރުބަދަތައް ކޮޅަށް ނަންގަވާފައިވަނީ، ކޮންފަދަޔަކުން ކަމާމެދު އެއުރެން ފަރުބަދަތަކަށް ނުބަލަނީހެއްޔެވެ؟ އަދި ބިން ފަތުރުއްވާފައިވަނީ ކޮންފަދަޔަކުން ކަމާމެދު އެއުރެން ބިމަށް ނުބަލަނީހެއްޔެވެ؟" (الـغـاشـيــة: 20-17)

މިމާތް އާޔަތްތަކުގެ ތެރެއިން އެންމެފުރަތަމަ އާޔަތް ޚާއްޞަ ކުރައްވައިފައިވަނީ ކީރިތި ޤުރްއާން އެންމެފުރަތަމަ އެބަޔަކާ މުޚާޠަބުކުރެއްވި ޢަރަބީންނަށެވެ. ޢާންމުކޮށް ޤިޔާމަތާ ހަމަޔަށް ދުނިޔެއަށް އަންނާނެ ހުރިހައި އިންސާނުންނަށެވެ. ޖަމަލަކީ އެސޫފި އުފައްދަވައިފައިވާގޮތުން މިއަދުވެސް އިންސާނުންނަށް އަޖައިބުކަމާއި ހައިރާންކަން ލިބުމުގެ ސަބަބެއްކަމުގައިވާ ޖަނަވާރެކެވެ. މި އާޔަތްތަކުގައިވާ ޚާއްޞަކަމަކީ މިއާޔަތްތަކުގައި ޖަމަލާއި ފަރުބަދަތަކާއި އުޑާއި ބިމުގައި ލައްވައިފައިވާ ޚާއްޞަ ކަންކަމަށް އަލިއަޅުއްވައިފައި ނުވާކަމެވެ. ޢިލްމުގެ ތެރެއަށް ފުނަށް ފީނައިގަނެވިފައިނުވާ މީހުންވެސް އެބައިމީހުންގެ ފޯރުންތެރިކަމުގެ މިންވަރުން އެތަކެތީގެ ޚާއްޞިއްޔަތާމެދު ވިސްނުމަށްޓަކައެވެ. ޢިލްމާއި ފަންނުގެ އަހުލުވެރީން އެބައިމީހުންގެ މިންގަނޑުން އެ މަޚްލޫޤާތުތަކާމެދު ވިސްނައި މަޢުރިފާ ޙާޞިލުކުރުމަށްޓަކައެވެ.

(ނުނިމޭ)