ވަޒީފާގެ މާހައުލުގައި އިންސާނީ ހައްގުތައް ކަށަވަރުކޮށްދޭ ދިވެހި ވިޔަފާރިތަކަށް ހާއްސަކޮށްގެން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން އެވޯޑެއް ތައާރަފުކޮށްފިއެވެ.
އެ އެވޯޑު ތައާރަފުކޮށްފައިވަނީ އިންސާނީ ހައްގުތަކުގެ ދުވަހާއި އެޗްއާރުސީއެމްގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައެވެ.
ހިއުމަން ރައިޓްސް ސެޓްފިކޭޝަން އޮފް ބިޒްނަސް ޕްރޮގްރާމުގެ ނަމުގައި ފަށާ ޕްރޮގްރާމެއްގެ ދަށުން ވިޔަފާރިތަކަށް އެ އެވޯޑު ދޭން ނިންމާފައިވާ އިރު، އެވޯޑް ލިބޭނީ އިންސާނީ ހައްގުތައް ކަށަވަރުކޮށްދޭ ވިޔަފާރިތަކުގެ ތެރެއިން އެކަމަށް ކުރިމަތިލާ ވިޔަފާރިތަކަށެވެ.
އެވޯޑު ދޭން ނިންމާފައިވަނީ މައިގަނޑު ހަ ކަަމަކަށް ބެލުމަށް ފަހުއެވެ. އެއީ އިންސާނީ ހައްގުތައް ކަށަވަރުކުރުމުގެ ޕޮލިސީތަކެއް ހަދާފައިވޭތޯއާއި ހިއުމަން ރައިޓްސް ރިސްކް އެންޑް އިމްޕެކްޓް އެސެސްމަންޓަކާއި ހިއުމަން ރައިޓްސް ރެމިޑީއާއި ވަޒީފާގެ މާހައުލުގައި ތަފާތުކުރުން ގެންގުޅޭތޯއާއި ވިޔަފާރީގެ ބާވަތާއި ބޮޑުމިނާއި އިޖުތިމާއީ ޒިންމާގެ ދަށުން އެ ވިޔަފާރިން ކުރާ ކަންކަމަށް ބެލުމަށް ފަހުއެވެ.
ވިޔަފާރިތަކަށް ހާއްސަކޮށް ތިން އެވޯޑެއް ވަނީ ތައާރަފުކޮށްފައެވެ. އެއީ ހިއުމަން ރައިޓްސް ބިޒްނަސް އެވޯޑް ގޯލްޑް، ސިލްވާ އަދި ބްރޮންޒެވެ.
އެޗްއާރްސީއެމުން ބުނީ، އެފަދަ އެވޯޑެއް ތައާރަފުކުރުމުގެ ބޭނުމަކީ، ވިޔަފާރިތަކުން އިންސާނީ ހައްގުތަކަށް ސަމާލުކަންދޭ މިންވަރު އިތުރުކުރުމާއި ހުރިހާ ވިޔަފާރިތަކަކީވެސް އިންސާނީ ކަރާމާތް ނަގަހައްޓައި އިންސާނީ ހައްގުތައް ކަށަވަރުކޮށްދޭ ވިޔަފާރިތަކަކަށް ހެދުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު