އޭނާ ޖަލަށްލާން ކުރާ މަސައްކަތް އަދި އެއްވެސް ބަޔަކަށް ކާމިޔާބު ނުވާ ކަމަށާއި އެކަން ނުވެސްވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު ނަސީރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް) ރާއްޖޭގެ ޓީވީ ޗެނަލެއްގައި ދެއްކެވި ވާހަކައަކާ ހަވާލާދީ ނޫހެއްގައި ޖަހާފައިވާ ހަބަރަކާ ގުޅިގެންނެވެ.
ދޮންބިލެތް ވިދާޅުވެފައި ވަނީ، އުމަރު ނަސީރަކީ ހަތެއް ފެބްރުއަރީގެ ބަޣާވާތުގެ ބައިވެރިއެއް ކަމަށާއި އެހެންކަމުން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށްފަހު އުމަރު ނަސީރުވެސް ޖަލަށް ދާން ޖެހޭ ކަމަށެވެ. އަދި އޭނާ ތައްޔާރުވެ ވަޑައިގަންނަވަންވީ 2023ގައި ޖަލަށް ދިއުމަށް ކަމަށްވެސް ވިދާޅުވެފައިވެއެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ދޮންބިލެތް ދެއްކެވި އެ ވާހަކައަށް ރައްދު ދެއްވައި އުމަރު ނަސީރު މިއަދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދަޅުވީ، މި ސަރުކާރަކީ އޭނާ ޖަލަށް ގެންދެވޭތޯ މަސައްކަތްކުރާ ތިން ވަނަ ސަރުކާރު ކަމަށެވެ. ނަމަވެސް އެއްވެސް ބަޔަކަށް އެކަން ކާމިޔާބުވެފައި ނުވާ ކަމަށް ވިދާޅުވިއެވެ.
"އިދާރަކުރެއްވިއްޔާ އަދި އެއްވެސް ބަޔަކަށް (އޭނާ ޖަލަށް ގެންދިުން) ކާމިޔާބެއް ނުވޭ. އަދި ނުވެސްވާނެ،" އުމަރު ވިދާޅުވިއެވެ.
އުމަރު މިހެން ވިދާޅުވި އިރު، 2015 ވަނަ އަހަރު ތެރޭގައި ހޯމް މިނިސްޓްރީން ކުށްވެރިންގެ ފައިގައި ޓެގު އެޅުވުމުގެ މަސައްކަތް އުމަރު ނަސީރާ ވިޔަފާރީގެ ގޮތުން ގާތްގުޅުން އޮންނަ ފަރާތެއްގެ ކުންފުންޏަކަށް ހަވާލުކުރި ކަމަށް ބުނާ މައްސަލައެއްގައި އޭނާގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ކުރުމަށް އެދި ޕީޖީ އޮފީހަށް ވަނީ ފޮނުވައިފައެވެ.
ނަމަވެސް އެކަން ދޮގުކުރައްވައި އުމަރު ވިދާޅުވީ، އެ މަސައްކަތް ހަވާލުކުރީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތް ވާ ގޮތުގެ މަތިން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު