މިހާރު ރާއްޖެއަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި ވައިގަދަވާނެ ކަމަށް ލަފަކޮށް ކ. އަތޮޅުން ފެށިގެން އދ. އަތޮޅާ ހިސާބަށް ޔެލޯ އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ބުނީ ކ. އަތޮޅުން ފެށިގެން އދ އަތޮޅާ ހަމަޔަށް މިއަދު މެންދުރު 12:15 އިން ފެށިގެން ހަވީރު 16:15 އާ ހަމަޔަށް ޔެލޯ އެލާޓު ނެރެފައިވާ ކަމަށެވެ. މިއީ ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ނެރެފައިވާ އެލާޓެއް ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.
މެޓް އޮފީހުން ބުނީ، އެ އަތޮޅުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ.
މެޓް އޮފީހުގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ކަނޑުގަދަވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް 24 ގަޑި އިރު ހުރިހާ ސަރަހައްދަކަށްވެސް ވިއްސާރަ ކުރާނެ ކަމަށެވެ.
އޮފިޝަލު ވިދާޅުވީ މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން ހުރިހާ ސަރަހައްދަކަށްވެސް މޫސުން ރަނގަޅުވާނެ ކަމަށެވެ. އެކަމަކު ކުރިއަށް މިއޮތް ދެތިން ދުވަހު އުތުރުގެ އަތޮޅުތައް ފިޔަވައި އެހެން ހުރިހާ ސަރަހައްދަކަށްވެސް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވިދާޅުވި އެވެ.
މިއީ ދެ މޫސުން ބެދޭތީ ކުރާ ވިއްސާރައެކެވެ. އަދި ކަނޑުތައް ގަދަވާނެތީ ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް އެ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު