ދުނިޔެ

މީސްމީޑިއާއަކީ ޑިމޮކްރަސީއަށް ގެއްލުން ހުރި ވަސީލަތެއް: ތުރުކީގެ ރައީސް

މީސްމީޑިއާއަކީ ޑިމޮކުރަސީއަށް ގެއްލުން ހުރި ވަސީލަތެއް ގޮތުގައި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އެރްދުގަން ސިފަކުރައްވައިފިއެވެ.

ތުރުކީގެ ރައީސް އެރްދުގާން ހޮނިހިރު ދުވަހު ދެއްކެވި ވާހަކަފުޅުގައި މީސްމީޑިއާގެ ވަސީލަތްތަކުން ދޮގު ހަބަރާއި މައުލޫމާތު ފެތުރުން ހުއްޓުވައި ސައްހަ މައުލޫމާތު ވީ ވަރަކުން ކަށަވަރުކޮށްދިނުމުގެ މުހިއްމު ކަމުގެ މައްޗަށް ވަނީ އަލިއަޅުވައިލައްވައިފައެވެ.

ދޮގު ހަބަރާއި މައުލޫމާތު ފެތުރުމަކީ ގާނޫނީ ކުށަކަށް ހެދުމުގެ މަސައްކަތް އެގައުމުގައި ކުރަމުން އަންނައިރު މިއީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އެމަނިކުފާނު ހުރަސް އަޅުއްވަން އުޅުއްވުން ކަމަށް ބައެއް މީހުން ތުހުމަތު ކުރެއެވެ.

ތުރުކީގެ ރައީސް އެރްދުގާން ވިދާޅުވީ މީސްމީޑިއާގެ ސަބަބުން ހިޔާލުފާޅުކުރުމުގެ މިނިވަންކަން މީގެ ކުރިން ފަހިކޮށްދިން ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށާއި ނަމަވެސް މިހާރު އެއީ ޑިމޮކުރަސީ ހަލާކުކުރަމުންދާ ވަސީލަތެއް ކަމަށެވެ. އޭގެ އިތުރުން ސައްހަ މައުލޫމާތުގެ އަލީގައި ދޮގު ހަބަރާއި މައުލޫމާތު ފެތުރުން ހުއްޓުވައި ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރު ކޮށްދޭން ޖެހޭ ކަމުގައިވެސް ވަނީ ފާހަގަކުރައްވާފައެވެ.

ދޮގު ހަބަރު ފެތުރުމުގެ ސަބަބުން މުޖުތަމައުތައް ހަލާކުވެގެން ދާކަމަށާއި އެއްވެސް ނިޒާމެއް ނެތި ހިންގަމުން ގެންދާ ޗެނަލްތަކުން ފަތުރާ ދޮގު މައުލޫމާތުތަކުގެ ނަތީޖާއެއްގެ ގޮތުގައި އެތަކެއް މިލިއަން މީހުން ''އަނދިރިކަމެއްގެ'' ތެރެއަށް ވެއްޓިގެންދާ ކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ތުރުކީން މިދިޔަ އަހަރުވަނީ އެއް މިލިއަނަށްވުރެ ގިނަ މީހުން ބޭނުންކުރަމުން އަންނަ މީސްމީޑިއާ މަންސައެއް ނަމަ ގާނޫނީ ބެލެނިވެރި ފަރާތެއް ކަނޑައަޅައިގެން ހިންގުމަށް ގާނޫނު ފާސްކޮށްފައެވެ. އަދި އެ ގާނޫނަށް އަމަލުކުރުމުގެ ގޮތުން ތުރުކީގައި ފޭސްބުކް، ޔޫޓިއުބް އަދި ޓުވިޓާގެ އޮފީސްތައް ވަނީ ގާއިމުކުރެވިފައެވެ.

އެ ގައުމުގައި އަލަށް ފާސްކުރަން އުޅޭ ގާނޫނުގެ ދަށުން މީސްމީޑިއާގައި ދޮގު ހަބަރާއި މައުލޫމާތު ފަތުރާ ކަމުގެ ކުށް ސާބިތުވެއްޖެ ނަމަ އެފަރާތަކަށް 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް ކަނޑައެޅިފައިވާ ކަމަށް ސަރުކާރުގެ މީޑިއާ ހަބަރުތަކުން ރިޕޯޓު ކުރެއެވެ.