Close
ވާހަކަ

ވަކިވާން ޖެހުމުން - 22

6

(ޚާއްސަ ނޯޓް: ކުރީ ބައިގައި (21ވަނަ ބައިގައި) ޝިޔާމާ ދެއްކި ވާހަކަ (ޑައިލޮގް)ގައި "ފަލަކު" މިނަން ބޭނުން ކުރެވިފައި އެވަނީ ޓައިޕިންގ ކުށަކުންނެވެ. އެހެންކަމުން އެކަމަށްޓަކައި ކިޔުންތެރިންގެ ފަރާތުން ނިހާޔަތަށް މާފަށް އެދެމެވެ. ރަނގަޅު ގޮތަކީ އެތާނގައި އޮންނާނީ "ޝައުފާ" މިނަމެވެ. އަދި އެކުށް ރަނގަޅުކޮށްފައި، މިބައިގައި ފެށުމަށް އެޕެރެގްރާފް އަލުން ހިމަނާފައިވާނެ ވާހަކަވެސް ދެންނެވީމެވެ. ޝުކުރިއްޔާ..!")

ހަމަތެދެއް މިބުނީ....ތިކައިވެނި ކުރާކަށް ލާހިކެއް ނޫން...މަށަކުވާ ނުދެނެހުރިން މަގޭ ފިރިހެން ދަރިފުޅު މޮޔަވިކަމެއް...."

މަންމަގެ އަޑު ގޭތެރޭގައި ބޮމެއް ގޮވިހާ ބާރަށް ގުގުމާލިއެވެ...އަބުރާއި އިއްޒަތާއި ކަރާމާތަށްޓަކައި އަމިއްލަ ލެއިންވެސް ޤުރުބާންވުމަށް ތައްޔާރަށް އިންނަ އަންހެނަކު އޭނާގެ ހުރި ހަމައެކަނި ދަރިފުޅު އާދައިގެ އަންހެނަކާއި ކައިވެނިކުރަން އެއްބަސްވާނީ ކޮންފަދައަކުން ހެއްޔެވެ.

މަންމަގެ އެއްވެސް އަމުރެއްގެ ކުރިމަތީގައި ދުވަހެއްގައިވެސް ދެކޮޅަށް ކޫސްވެސް ކިޔާނުލާ، ޝާމިން ހާސްވެ ކަންބޮޑުވެފައި އޭނާގެ ދެޖީބަށް އަތްޖަހާލިއެވެ. ހާސްވެ ކަންބޮޑުވުމުން އަބަދުވެސް އޭނާއަށް ކުރެވޭ ކަމަކީ ދެޖީބަށް އަތްމަހާލައިގެން ދެކޮޅަށް ހިނގުމެވެ.

"ދެޖީބަށް އަތްޖެހުމަކުން ޝާހީ ލޭހިނގާކަމަކަށް ނުވާނެ...އަހަރެެމެންގެ އާއިލާގެ އެއްވެސް ކުއްޖަކު....އަމުދުން ފިރިހެން ކުއްޖަކު އަހަރެމެންގެ ދަރަޖައާއި ނަމާއި ހަމަ ހަމަ ނުވާ އަންހެނަކާއި ކައިވެންޏެއް ނުކުރޭ.....ނޯނިވެސް އިނީ އަހަރެމެން ރުހޭ މީހަކާއި ނޫން....އެކަމަކު އެއާއިލާގެވެސް ކޮންމެވެސް ހިސާބަކުން އަހަރެމެންނާއި އެއް ހަމައަކަށް އާދެއެއްނު...ތިޔަ ބުނަ ޝައުފާއެއްގެ ކޮންހިސާބެއްގެ އާއިލާގެ ކިތައްވަނައިގަ އަހަރެމެންނާއި އަރާއަރަފޯދޭ ވަރުގެ ނަމަަކާއި ޤދަރެއް އޮތީ....ހެޔޮ....ކުރިންވެ ސް ބުނީމެއްނު...ޝާމިނަކަށް އަޑެއް ނީވުނެއްނު...ދުލުން ބުނެގެން ނީވެންޏާ...އަމަލުން ބުނެދޭންވެސް އަހަރެެމެންނަށް ކެރޭނެ...."

ޝިޔާމާ ރުޅިއައިސްގެން ގޮސް ތުރުތުރު އަޅާ ގަދަ އަޑަކުން ވާހަކަ ދެއްކިއެވެ. ބޮޑުކޮޓަރީގެ ސޯފާ ކުރިމަތީގައި ހުރި ބިއްލޫރި ކުޑަ މޭޒުމަތީގައި ހައެއްކަ ދުވަސް ކުރިން ޝާމިން އާއިލާ ކޯޓަށް ހުށަހެޅި ކައިވެނީގެ ފޯމްގެ ފޮޓޯކޮޕީއެކެވެ. މިގޮތަށް މަންމަގެ ކުރިމަތީގައި އެލިޔުން އޮތުމަކީ އެހާ ހައިރަާން ވާވަރުގެ ކަމެއް ނޫނެވެ. ރަށުތެރޭގެ ކޯޓެކޭ އޮފީހެކޭ މަންމައަށް އަވަސް ކުއްލި ތާޒާ ހަބަރު ނުގެނެސްދޭ އެއް ތަންވެސް މާލޭގަ ނުހުންނާނެއެވެ. ކޯޓަށް ފޯމް ހުށަހެޅިއިރުވެސް ގެއިން އަލިފާނުގެ ތޫފާނެް އަންނާނެކަން އޭނާއަށް މާރަނގަޅަށްވެސް އެނގެއެވެ. އެކަމަކު އޭނާ އެކަމަކަށް މާބޮޑަށް ތައްޔާރުނުވީ އާދައިގެ ކުޑަކުޑަ ޒުވާބަކަށްފަހު މަންމަ ފަލކާއި ކައިވެނިކުރުމަށް އެއްބަސްވާނެކަމަށް ހީކޮށްފައެވެ. އެކަމަކު ގޭތެރޭގެ ހާލު ހީކުރވުނު ވަރަށްވުރެ މާބޮޑަށްވެސް މިއޮތީ ގޯސްވެފައެވެ.

ޝާމިން...އަދިވެސް ވިސްނާލާ...އަދވެސް ވަގުތު އެބައޮތް..."

ޝިޔާމާ ރުޅީގެ މައްޗަށް ބުއްދި އިސްކުރެވޭތޯ ބަލަމުން ބުނެލިއެވެ.

"މަންމާ...އިތުރަށް ވިސްނާނެ ވިސްނުމެއް ނެތް ވަރަށް ވިސްނާފަ ނެގި ފިޔަވަޅެކޭ ތީ...މަންމައަށް ހީވޭތަ މަންމަގެ މިދަރިފުޅަކީ ހަމަ ހުރެފަ އެއްވެސް ކަމަކާ ނުލައި ކަމެއް....އަމުދުން ތިވަރުގެ ކަމެއް ނިންމާނެ މީހެއްހެން..."

ވަރަށް ހިތްވަރުކޮށްފައި، ޝާމިން މަންމައަށް ޖަވާބު ދިނީ މަންމަގެ ދެލޮލާއި ހަތަރުކަޅިހަމަކޮށްގެން ހުރެއެވެ.. އޭނާގެ އެޖަވާބުން ދެން ވާނި ކިހިނެއްކަން ކިތަންމެހާވެސް ރަނގަޅަށް އެނގިހުރެ ބުނަން ބޭނުންވި ވާހަކަ ޝާމިން ބުނެލިއެވެ.

"އެހެންތަ...!؟"

ޝިޔާމާ އަލިފާނުގެ ނަޒަރަކުން އޭނާގެ ހުރި ހަމައެންމެ ފިރިހެންދަރިފުޅު، އަދި އޭނާގެ ފުރަތަމަ ދަރިފުޅު، އޭނާގެ ހިތާއި ފުރާނައިން އެމީހެއްދެކެ ނިހާޔަތަށް ލޯބިވި އަދިވެސް މިއަދުގެ މިހިނދުގައިވެސް ލޯބިވާ އިންސާނާގެ ދިރިހުރި ތަސްވީރެއްފަދަ ލޯބިވާ ލޮބުވެތި ދަރިފުޅާއި ދިމާއަށް ކަޅިއަޅާލިއެވެ. މަންމަގެ އެބެލުމުން އަދާއަޅިއަށްވެދާނެކަމުގެ ބިރުވެރި އިހްސާސް ކުރެވިފައި ޝާމިން އަވަހަށް އިސްޖަހާލިއެވެ.

"އަހަރެމެންގެ އާއިލާގެވެސް އަދި ޝާމިންގެ ބައްޕަ ފަރާތު އާއިލާގައިވެސް ބަސްނާހާ ދަރިންނަށް ދެވޭ އަދަބަކީ ކޮބައިކަން އެނގޭތަ...؟ މަންމަ މިބުނަނީ އަދިވެސް ވަގުތު އެބައޮތޭ....ލަހެއް ނުވެއޭ...ހަމަ އެންމެ ފޯންކޯލަކުން މިއީ ނުވާކަމަކަށް ހެދިދާނެއޭ...ވީއިރު ކޮން ބޮޑާހޭކުމެއްތަ...؟"

ޝިޔާމާގެ ބާރު އަޑު ގޭގެ ހަތަރުފާރުވެސް ގުޑުވާލާ ހާ ގަދަވެފައި އެއަޑުގައި އަމުރާއި ހަރުކަށިކަމާއި ބޮޑުކަމާއި ކެރުމުގެ އަސަރު ހުއްޓެވެ.

"މަންމާ...ކުރިންވެސް ބުނެފިން އިތުރަށް އެއްވެސް ބަދަލެއް ގެންނާކަށް ނިންމި ނިންމުމެއް ނޫނޭ...އެހެންނޫނަސް ކައިވެންޏެއް ކޮށްގެން ދިރިއުޅެން މިއުޅެނީ އަހަރެން...އެހެންމީހެއްގެ ރުހުމާއި ހިތްހަަމަޖެހުމެއް އެކަމަކަށް ބޭނުމެއް ނުވާނެ...މަންމައަށްވުރެ ރަނގަޅަށް މިކަން އެނގޭނީ ވަކި އެހެން ކާކަށް...ޚުދު މަންމަގެ ކައިވެނީގައިވެސް މިކަހަލަ ކިތަންމެ މައްސަލައެއް ޖެހުނެއްނު...ބައްޕަ މަންމައަށްޓަކައި އެހެން ހުރިހާ އެއްޗެއް ދުލެއް ނުކުރޭތަ....މަންމަގެ ބައްޕަ...އަހަރެންގެ ކާފައާއި ބައްޕަގެ ބައްޕައާއި ކިތައް ކޯޅުން ކޯޅެން ޖެހުނު....އެކަމަކުވެސް ބައްޕަ ކައިވެނި ކުރެއްވީ ހަމަ މަންމައާ...ހަމަ އެއްކަމެއް އެއްގޮތަކަށް މިވަނީ...މާޒީ އިއާދަ ވަނީ....އެހެންނޫނަސް....އަހަރެންމީ ބައްޕަގެ ދަރިއެއްނު...ލޭގާ ޝާހީކަމުގެ އަސަރު ހުރިގޮތަށް ބައްޕަގެ ކެރުމާއި ކުރިމަތިލުމުގެ ހިތްވަރުވެސް ލޭގައި ހިނގާނެ ނޫންތޯ...! މަންމާ....ޝާމިން މީހަކާއި އިންނަންޏާ އިންނާނީ ހަމައެކަނި ޝައުފާއާ..."

ޝާމިން ހިތްވަރުކޮށްފައި ބުނަން ބޭނުންވި ހުރިހާ ވާހަކައެއް މަންމަގެ ކުރިމަތީގައި ބުނެނިންމާލިއެވެ. ޝިޔާމާގެ ބޮޑުވެގެން ދިޔަ ދެލޮލާއި، ނިއްކުރިއަށް އަރައިގެންދިޔަ ހައެއްކަ ވަރަކަށް ރުލާއި މޫނުގެ ފަޑުވެގެން ދިޔަ ކުލައިގެ އިތުރުން ތުރުތުރު އަޅައިގެން ދިޔަ މީހާއާއި މުށްކެވިގެން ދިޔަ އަތެއް ޝާމިންއަކަށް ފާހަގައެއް ނުކުރެވުނެވެ. އެހެންނޫނަސް މާކުރިން ޝާމިން އެހެރީ މިކަމަށް ތައްޔާރުވެގެންނެވެ.

"އެހެންވިއްޔާ ކަނުލާ އަޑުއަހާ...މިފޯމަށް އަމަލުކުރަންޏާ...މިވަގުތުން މިސިކުންތުން ފެށީގެން...މިހިނދުން ފެށިގެން ޝާމިން ޖެހޭނީ މިގެއާއި މިދެއާއިލާއާއި ވަކިވެގެން ދާން...އެއްވެސް މުދަލަކުން އަދި އެހެންވެސް މާލީ އެހީއެއްވިޔަސް ނުލިބޭނެ...މިފަދަ ކަންތަކުން މަހްރޫމު ކުރެވޭނެކަން ހަމަ ރަނގަޅަށްވެސް ޝާމިންއަށް އެނގޭނެ...އަޑުއިވިއްޖެތަ...މިހާރުން މިހާރަށް މިގެއިން ނުކުމެގެން ދާންވީ....އަހަރެމެންނަށްޓަކައި ޝާމިން ސައްތާރުސައީދު މިވަގުތުން ފެށިގެން މަރުވީ...."

ޝިޔާމާ އަކުރުތަކަށް ބާރުލަމުން ހަރުކަށިކަމާއި ރުޅިވެރިކަމުގެ ބުން އަޑަކުން ބުނެލިއެވެ. ހީވީ ކޯޓެއްގައި ފަނޑިޔާރަކު ކުށްވެރިއަަކަށް މަރުގެ ސަޒާ އިއްވުމަށް ޙުކުމް ކުރި ހެނެވެ.

ބޮޑުކޮޓަރީގެ އެއްފަރާތުން ގޭގެ ކޮޓަރިތަކާއި ދިމާއަށް ދާން އޮންނަ ކޮރިޑޯގެ ކަނުގައި ހުއްޓިގެން ތިބި ޝާމިންގެ ދެ އަންހެންކޮއްކޮގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ސަމާހާ އަވަހަށް މަންމައާއި ގާތަށް ހިނގައިގަތީ އެނިންމުން ބަދަލުކޮށްދޭތޯ އާދޭސް ކުރުމުގެ ނިޔަތުގައެވެ. އެންމެ ހަނގު ދާނާ ދުއްވައިގަތީ، ދުރުދުރުގައި ފިޔަވަޅު އަޅަމުން ގޮސް އަމިއްލަ ކޮޓަރިއަށް ވަން ޝާމިންއާއި ދިމާއަށެވެ. ގޭގައި ހިވީ ބިރުވެރި އެއްޗެއް ގޮވި ހެނެވެ. އެކި ބޭބެމެނާއި ދައްތަމެނާއި ކޮއްކޮމެން އެކަަކަށްވުރެ އަނެއްމީހާގެ ޚިޔާލު ކަމުގޮސްދާނެކަމުގެ ކުށްހީގައި ޝިޔާމާގެ ކުރިމަތީގައި އެމީހެއްގެ ޚިޔާލު ފާޅުކުރަމުން ދިޔައެވެ.

"ހެޔޮ...މިއީ އަހަރެންގެ އެންމެ ފަހުގެ ނިންމުން...ޝާމިން ޖެހޭނީ މިގެއިން ނުކުމެގެން ދާން...މިވަގުތާއި ހަމައަށް ބޭންކުގައި ޖަވާވެފައި ހުރި ފައިސާއަކާއި ގަހަނާ އާއި އޭނަގެ ނަންމަތީ ސައްތާރުސަޢީދު ރަޖިސްޓްރީކޮށްފައި އޮތް ޔޮޓާއި ރަށުގައި އޮތް ބިން ފިޔަވައި ދެނެއް އޭނާގެ ބައްޕަ ފަރާތުންވެސް މަންމަ ފަރާތުންވެސް، އެއްވެސް މުދަލެއް އެއްވެސް ފައިސާއެއް ނުލިބޭނެ...ވާރިޘް މުދަލުން ވެސް، ކޮންމެ މަހަކު ޖަމާ ކުރާ ޑޮލަރާއި ދިވެހި ފައިސާވެސް މިއަދުން ފެށިގެން ހުއްޓުނީ....މިއީ ބަދަލެއް ނުވާނެ ނިންމުމެއް.."

ޝިޔާމާ އެންމެ ފަހުގެ ނިންމުމުގެ އަޑު އިއްވައިފިއެވެ. އަދި ދެން އެކަކަށްވެސް އެއީ ބަދަލު ނުކުރެވޭނެ ނިންމުމެއް ކަން އެންމެނަށްވެސް އެނގެވެ. އެހެންކަމުން އެހިސާބުން އެވާހަކަ ދެއްކުން ހުއްޓާލައިފިއެވެ.

ކޮޓަރިއަށް ވަދެ މުހިންމު ލިޔެކިޔުންތަކާއި ޕާސްޕޯރޓާއި ޗެކް ފޮތާއި ކާޑުތަކުގެ އިތުރަށް އަލްބަމްތަކެއް ނަގާ އެނދުމަތީގައި ހުރި އަންނައުނު އަޅާފަ ހުރި ބޮޑު ދަބަހުގެ އަރިމަތީގައި ހުރި ޖީބު ތެރެއަށް އެތަކެތި ލަމުން ޖބުން ނެގި ފޯނުގެ ޒެލޯ އެޕުން ޝާމިން އޭނާގެ އެކުވެރިއަކަށް ގޮވާލިއެވެ. އަދި އޭނާ ވަރަށް މުހިންމު މެސެޖެއް އެބަފޮނުވަމޭ ބުނެލިއެވެ.

"ދޮންބޭ...ޕްލީޒް ނުދޭބަލަ..." ރޮވިފައިވާ އަޑަކުން ކޮއްކޮ ދާނާ ގޮވާލި އަޑު އިވިފައި ޝާމިން އެނބުރިލިއެވެ.

"ނޯ ޗޮއިސް ކޮއްކޯ...އެހެންނޫނަސް ދޮންބެ މިދަނީ ވަރަށް ހެޕީ ލައިފެއް ސްޓާޓް ކުރާށޭ...ދާދު ހަދާން އެބަހުރިތަ ދޮންބެ ވަރަށް ބޮޑަށް ބަލިވެގެން ރަނގަޅު ކުރަން ގޯސް ބޭހެއް ކައިއުޅުނު ހަނދާން....އެކަމުން ދޮންބެ ސަލާމަތްވެ ދޮންބެ ދޮންބެއަކަށް ހެދީ އެމަންޖެއޭ...ދޮންބެދައްތަ ވަރަށް ސްވީޓް ވެފަ ލޯބިވާނެ...ދާދުދޫންޏާ...ބަސްއަހައްޗޭ...މަންމައަށް ކެއަރ ކުރާތި....ލަވްޔޫ..."

ދާނާގެ ބޮލުގައި ފިރުމާލަމުން ޝާމިން އޭނާގެ އެސްފިޔަތައް ތެންމަމުން ދިޔަ ކަރުނަ އަތުގެ ނުުފުށުން ފޮހެލިއެވެ. އަދި ދަބަސް ނަގާ ކޮޑުގައި އަޅުވާލަމުން ކޮޓަރީގެ ދޮރާއި ދިމާއަށް ހިނގައިގަތެވެ.

"ދޮންދޮންބޭ....މާމަ ކައިރީ ސޮރީ ބުނަން ހިނ ގާބަލަ..ޕްލީޒް..." އެވަގުތު ދޮރު ހުޅުވާލާފައި އެތެރެއަށް ވަން ސަމާހާގެ އިގިލީގައި ހިފަހައްޓައިގެން ހުރި ކުޑަކުޑަ ރަސެލް، މަންމަގެ އިގިލިން ދޫކޮށްލަފައި ގޮސް ޝާމިންގެ ފައިގައި އޮޅުލައިގަތެވެ. އެއާއިއެކު ވަރަށް ހިތްވަރުކޮށްގެން ހުރުމާއިއެކުވެސް ޝާމިންގެ ލޮލުން ކަރުނަ ފާއްދާލިއެވެ.

"...ރަސްއަށް ރަނގަޅު ތަރުބިއްޔަތެއް ދޭތި....މިއީ އަހަރެންގެ ޕްރިންސް..."

ރަސެލްއާއި ލޯބިކޮށްލުމަށްފަހު އިތުރަށް އެންމެ މިނިޓެއްވެސް މަޑުކުރުމެއްނެތި ޝާމިން ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ.

މަރުގެ ހިމޭންކަން ވެރިވެފައި އޮތް ގޭގެ މައިދޮރާއި ދިމާއަށް ދަމުން ޝާމިން ފަހަތަށް އެނބުރި ގޭގެ ދެވަނަބުރީގެ ކުޑަދޮރުތަކާއި ދިމާއަށް ބަލާލިއެވެ. ކިތަންމެ ފޮރުވިގެން ފަރުދާއާއި ނިވާވެގެން ހުއްޓަސް މަންމަގެ ކަރުނައިން ފުރިފައިވާ ދެލޯ ޝާމިންއަކަށް ނުފޮރުވުނެވެ. އެވަގުތު އޭނާގެ ހިތުގައި ބާރު އެއްޗަކުން ޖެހުނު ކަހަލައެވެ. ކިތަންމެ ހަރުކަށި ވިޔަސް މަންމައަކީ އެމީހަކަށްޓަަކައި އޭނާ އިންތިހާއަށް ފަޚުރުވެރިވާ އޭނާ ނުހަނު ލޯބިވާ އިންސާނެކެވެ. ބައްޕައަށްފަހު މަންމަ އެމީހުން ބަލާ ބޮޑުކުރުމަށް އެކަނިމާއެކަނި މަންމަގެ ޒުވާން އުމުރު، އެހެން ފިރިހެނަކާއި ނުލާ ހޭދަކޮށްފައިވާ ގޮތާއި އެމީހުންނަށް ސަމާލުވެ ތައުލީމު ހޯދަދީ އަޅާލަ ލޯބިދިނުމުގައި އުމުރުގެ ބޮޑުބައެއް ހޭދަކޮށްފައިވާ ފުރިހަމަ ގޮތަށް އޭނާ ނުހަނު ޝުކުރުވެރިވެއެވެ.

އެހެންނަމަވެސް މިއަދު އެމަންމައާއި ދެކޮޅަށް އޭނާ ފުރަތަމަ ފިޔަވަޅު ނަގައިފިއެވެ.

ކުރާނެ ކަމެއް ނެތެވެ. މިނޫން އެހެން ގޮތެއް ނެތީއެވެ. މަންމަގެ ލޯތްބާއި ޝައުފާގެ ލޯބި ތިލަފަތުގައި ހަމަހަމަ އޭ ބުންޏަސް އެވާހަކަ މަންމަ ގަބޫލެއް ނުކުރާނެއެވެ. އެކަމަކު އޭނާއަކަށް ޝައުފާ އެކަނި ދޫކޮށްލާކަށް ނުކެރޭނެއެވެ. އޭނާއަށްޓަކައި ޝައުފާ ވަނީ އެތައް ކަމެއް ކޮށްދީފައެވެ. އޭނާގެ އޮޅިގެއްލިފައިވާ މަގުން އަނބުރާ އަލިސީދާ މަގަށް ގެނައި އެޝައުފާދެކެ އޭނާއަށް ލޯބިވެވުނީއެވެ. އޭނާގެ މުޅި ހަޔާތުގައިވެސް އެވަރަށް އަނެކާދެކެ ލޯބިވާ އެއްވެސް އަންހެނަކު އޭނާއަަކަްށް ފެނިފައެއް މިވެއެވެ. ވީއިރު އެވަރުގެ އަންހެނަކު ދޫކޮށްލާނީ ކޮންފަދައަކުން ހެއްޔެވެ.

ކޯޓުގައި ޝައުފާއާއި ކައިވެނި ކުރަން ޝާމިން ބޭނުމެއް ނުވިއެވެ. އެހެންކަމުން އަންނަ ހުކުރުވިލޭރޭ އެކައިވެނި، ކުލަގަދަ އުފާވެރި މާހައުލެއްގައި ކުރެވޭނެ ހުރިހާ ކަމެއް އޭނާގެ ގާތް އެކުވެރިން ތައްޔާރުކޮށްދިނެވެ. އޭނާގެ އެކައުންޓުގައި ފައިސާ ހުއްޓެވެ. އެންމެ ކުޑައިރުއްސުރެވެސް އޭނާގެ ޑޮލަރ އެކައުންޓެއް ހުޅުވިފައި ހުއްޓެވެ. ބައްޕަ ދުނިޔޭގައި ހުންނެވިއިރު އޭނައާއި އޭނާގެ އަނބިމީހާއަށް އެއްވެސް ދައްޗެއް ނެތި ހައެއްކަ މަސްދުވަހު އަރާމުގައި އުޅެވޭ ވަރަށް އެއެކައުންޓަށް ޑޮލަރު ޖަމާކޮށްފައި ހުއްޓެވެ. ކައިވެނި ކުރުމަށްފަހު ބޭނުން ކުރެވޭ ގޮތަށް ހުރި އެއެކައުންޓުން އެއްވެސް ލާރިއެއް ކުރިން އޭނާ ބެނުމެއް ނުކުރެއެވެ. އަދި ކުރެވޭކަށްވެސް ނެތެވެ. އަމިއްލަ ދިވެހި ފައިސާ އެކައުންޓުގައި ފުދޭވަރަކަށް ޖަމާވެފައި ހުރި ފައިސާވެސް އޭނަ އޭގެ ކުރިން ޙަރާމް އެއްވެސް ކަމެއް ކުރުމަށް ބޭނުން ނުކުރީ، އެއީ ބައްޕަ ނުހަނު މަސައްކަތުން ޖަމާކޮށްފައިވާ ފައިސާކަން އެނގޭތީއެވެ. އަދި މަންމަ އެކަމަށް ފުރުސަތުވެސް ނުދިނީތީވެއެވެ. އޭނާ މަސްތުވާތަކެއްޗަށް ދެވިހިފިކަމާއި އެއަށް ފައިސާ ހަރަދުކުރާނެކަން އެނގުނު ވަގުތުން ފެށިގެން ޝިޔާމާ އޭނާގެ ބެންކް އެކައުންޓުތައް ވަރަށް ފަރުވާތެރިކަމާއިއެކު ބެލެހެއްޓިއެވެ. ބެންގަލޯރއިން ފަރުަވާ ފުރިހަމަކޮށްގެން އައިސް ރަނގަޅަށް އުޅެން ފެށިކަމުގެ ޔަގީންކަން ލިބެންދެންް ޝިޔާމާ އެކަންތައް ކުރަމުން ދިޔައެވެ.

ޒިމްނާއާއި ސަމަދު ތިބީ އިންތިހާއަށް އުފަލުންނެވެ. ޝާމިން ކަހަލަ ފިރިއަކު ޝައުފާއަށް ލިބެން އުޅޭތީ އެކަމާއި އެމީހުން އުފާފާޅުކުރިއެވެ. އަދި ކައިވެނީގެ ހުރިހާ ކަމެއްގައި އަމަލީ ގޮތުން އިސްނަގައިގެން އުޅޭނީ ތިމަންނަމެނަ ކަމަށާއި ގެއިން ބޭރުކުރުމުން ޝާމިންއަށް އެމީހުން ގާތުގައި އެގޭގައި ހުރެވޭނެ ގޮތްވެސް އެމީޙުން ހަމަޖެއްސިއެވެ. ކައިވެންޏަށްފަހު ޝާމިން ޝައުފާ ގޮވައިގެން ދާން ހަމަޖެއްސި ދެކޮޓަރީގެ ކުޑަކުޑަ ގެ އަލަތު އަނތްބެއްފަދައިން ތައްޔާރުކުރުމަށް އެދެމަފިރިން ހުރިހާ ގޮތަކުންވެސް ޝާމިނާއި އެހީވިއެވެ. އަދި މިކަން ބޮޑު ސިއްރެއްގެ ގޮތުގައި ތިންމީހުންވެސް ބޭއްވީ އެއީ ޝައުފާއަށް ދެވޭ ހަދިޔާއަކަށް ވާތީއެވެ.

"ކޮބާ....ހެކިވެރިން ފޮނުވި ކަންތައް ވެއްޖެތަ...؟"

ބޮޑުކޮޓަރީގެ ސޯފާގައި ދަރިފުޅަށް ޖޫސްތަށްޓެއް ދޭން އިން ޒިމްނާ ސުވާލުކުރީ، ޖެހިގެން ހުރި ސޯފާގައި، ލެޕްޓޮޕުން ކައިވެނީގެ ހެދުމާއި ގަހަނާގެ އިތުރަށް ކޭކަށް އޯޑަރު ދީފައިވާ ތަކެތި ގެނެސްދޭން ޖެހޭ ތަނާއި ގަޑި، މެސެޖް ކުރަން އިން ޝާމިނާއެވެ.

"އެކަކަށް ހުރީ ސަމަދުބެއެއްނު....ފަހަރިއަކަށް ނޭނގޭތަ...؟" ޝާމިން ޙައިރާންވެފައި އަހާލިއެވެ.

"އާނ...މަށަކަށް ނޭނގޭ...ކިހިނެއްވީ...؟"

"ބޮޑުކަމެއް ލައިގަތީ...އަދިވެސް އަހަރެން މިހިރީ ހަމަ ގަބޫލު ކުރަން ދަތިވެފަ..." ޝާމިން ލެޕްޓޮޕް، މޭޒުމަތީ ބެހެއްޓުމަށްފަހު ކޮންމެެވެސް ފައިލެއް ހުޅުވާލިއެވެ.

"ޝައުގެ ވަލީ ހޯދަން ރަށު އޮފީހުން، ލިބުނު މައުލޫމާތާއި އެއްގޮތަށް އެކޮޅުން ދިން އެޑްރެހަށް ސަމަދުވެ ދިޔައިރު އަހަރެންވެސް ދިޔައިން.....އެއީ މަޝްހޫރު ގެއެއް...އެނަމާއި އެގެ ނޭނގޭނެ މީހަކު ހިއެއް ނުވޭ ކުޑަބޮޑުވެސް އުޅޭނެހެނެއް..."

ޝާމިން ހުޅުވާލި ފޯލްޑަރ ގައި ހުރި ފޮޓޯތަކާއި މައުލޫމާތުތައް، ޒިމްނާއަށް ދެއްކުމަށް ޒިމްނާއިން ފަރާތަށް ޝާމިން ލެޕްޓޮޕް އަނބުރާލިއެވެ.

"މިއީ...އެމީހަކީ...ޝައުފާގެ މަންމައާއި ހަމަ އެންމެ ރެއަކަށް ކަހަލަ ގޮތަކަށް މެރީ ކުރި، އެމީހަކު އެއީ ކޮންގެއެެއްގެ ކާކުކަން މިއަދާއި ހަަމައަށްވެސް ޝައުައަށް ނޭނގި އޮތް މީހަކީ މިއީ....!"

ޒިމްނާގެ ދެލޯވެސް ބޮޑުވެގެން ދިޔައެވެ. ޙައިރާންވެފައި ގަބޫލުކުރަން ދަތި ގޮތަކަށް ޒިމްނާ އެއްފަހަރު ޝާމިނަށް އަނެއް ފަހަރު ލެޕްޓޮޕްގެ ސްކްރީނަށްބަލާލިއެވެ.

"ދިސް އިޒް އިމްޕޮސިބްލް...އަންބިލީވަބްލް...ޝޮކިންގ އެންޑ ރިއަލީ ވިއަރޑް..."

"ޔޫ އަރ ކަރެކްޓް....އިޓްސް ރިއަލީ ވިއަރޑް....ޝޮކިންގ.......އެކަމަކު އިޓްސް ދަ ޓްރުތު...ތެދު ހަގީގަތް އަބަދުވެސް ހިތިވެފައި ދިލަގަދަ ވާނެ.."

އެއަރކޮންޑިޝަންގ ގެ ފިނީގައިވެސް، ޒިޔާދު އަޚްތަރުގެ ނިއްކުރިން ދާހިއްލާފައި ހުއްޓެވެ. ކޮޓަރީގެ ދެކޮޅަށް ދެކޮޅަށް ހިނގަމުން ދިޔަ ޒިޔާދު ދެއަތަކަށް ބޯހޫރާލަމުން ބަލާލީ އޭނާއާއި ވާހަކަ ދައްކަމުން ދިޔަ އޭނާގެ އެނދުގައި އިށީނދެގެން ތިބި މަންމައާއި ބައްޕައަށެވެ.

"ކީއްވެ ކުރިން ދުވަހަކުވެސް މިވާހަކަ ނުބުނީ...؟ ނަސީބެއްނު...އޯހް ޝިޓް....މަށަށް ކުރެވެން އެއުޅެވުނީ ކޮންފަދަ ހަޑި ހުތުރު ބޮޑު ފާފައެއް...." ޒިޔާދަށް އަމިއްލަ ބޮލުގެ އިސްތަށިގަނޑުގައި ބާރަށް ދެއަތުންހިފަހައްޓާލެވުނެވެ. އިޚްތިޔާރަކާއި ނުލައި ދަތްކުޑިވިކާލެވުނެވެ.

"ކޮންމެ ވާހަކައެއް ބުނަންވެސް އެންމެ ރަނގަޅު ވަގުތު އަންނާނެ...އަސްލު ބައްޕަ މިވާހަކަ ބުނަން އުޅުނު..ކޮންމެ ފަހަރަކު ދަރިފުޅަށް މިވާހަކަ ސިއްރު ކުރަން ބާރުއެޅީ މަންމަ...މިފަހަރު އަސްލު މާލެ އަންނަން ޖެހުނު އެންމެ ބޮޑު ސަބަބަކީވެސް ދަރިފުޅުގެ ކޮއްކޮގެ ކައިވެނި..."

ރަހުމާގެ ދުލުން "ކޮއްކޮގެ ކައިވެންޏޭ" ބުނި އަޑު އިވުމުން ޒިޔާދަށް އެހުރި ދިމާއިން ފާރުގައި ލެގިގަނެވުނެވެ.

"އެނގޭ މާފް ހައްގުވާވަރަށްވުރެ ބޮޑު ވާހަކައެއްކަން މީ...އެކަމަކުވެސް މާފަށް އެދުން ނޫން އެހެން ކޮންކަމެއް ބައްޕަމެނަށް ވަކި ކުރެވޭނިވެސް...."

އަޚްތަރުގެ އަޑުގައި ފިނިކަމަކާއި މަޑުތުރުތުރުލުމެއް ހުއްޓެވެ.

"އެކައިވެންޏަކީ ފާޑެއްގެ ވިޔަފާރިއެއް...އެކަމަކު އެވަރުގެ ކަމަކުން އާ ނަމެއް އުފަންވެދާނެކަމެއް އެކަކުވެސް ހިއެއް ނުކުރޭ...އަަހަރެން ދެކޮޅެއް ނަހަދަން...އެކަމަކު ސާމިޔާ ބޭނުން ނުވީ...ދަރިފުޅަށް އަހަރެންގެ ނަންވެސް ދޭން އެއްބަހެއް ނުވި....އެހިސާބުން އެއީ ދުވަހަކުވެސް ނުވާކަމަކަށް ހަދާފަ އެކަން ހަނދާން ނައްތާލަން އެމީހުން ބުނިއިރު އެކަމާއި ރަހުމާވެސް އެއްބަސްވި...އަހަރެން ހަރަދު ކުރަންވެސް އުޅުނިން...އެކަމަކު އެކަންވެސް ކުރާނެ ފުރުސަތެއް ނުލިބުނު...މިދުވަސް އަންނާނެކަން އެނގޭތީ ދަރިފުޅަށް ކިޔައިދޭންވެސް އުޅުނިން...އަހަރެން އެދަތުރު ނިންމާފައި މާލެ އައި އިރު ދަރިފުޅަށް އޮތީ ތިން އަހަރަށް...އަހަރެމެން އެންމެން ފުރައިގެން ދިޔައީ...އަބަދުވެސް އަހަރެންވެސް ދަރިފުޅުގެ މަންމަވެސް...ސާމިޔާމެންގެ ހާލު ބަލަމުން ދިޔައިން..މިދުވަހަށް އަހަރެމެން ވަރަށް ކުރިންވެސް ތިބީ ތައްޔާރަށް...އެކަމަކު....އަހަރެމެންނަށް ހުވަފެނުގައިވެސް ވިސްނާނުލެވި އޮތް ކަމަކާއި ކުރިމަތިލާން ޖެހުނީ....."

އަޚްތަރުގެ އަޑު ބެދިއްޖެއެވެ. އޭރު ވަރަށް ހިތްވަރުކޮށްގެން ހުރުމާއިއެކުވެސް ޒިޔާދުގެ ލޮލުން ކަރުނަ ނިރާލައިފިއެވެ.

މިއީ ކޮންފަދަ އިމްތިޙާނެއް ބާވައެވެ. އޭނާއާއި ކުރިމަތިމިވީ ކޮންކަހަލަ ބޮޑު ހާސްކަމެއްހެއްޔެވެ. މިދުވަސް ދެކެން އޭނާއަށް ޖެހުނީ ކޮން ފާފައެއް ނޫނީ ކޮންފަދަ ކުށެއް ކުރެވިފައި އޮތީމަހެއްޔެވެ. އޭނާގެ ހަޔާތުގައި އައިސް މިހުއްޓެން ޖެހުނީ ކޮންކަހަލަ ހަތަރު އަގޮޅިއެއްގެ ކަންމައްޗަކަށް ބާވައެވެ. މާތްކަލާކޯއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟