2021ވަނަ އަހަރު ގޫގުލް އިން އިންޑިއާގެ އެންމެ ގިނަ ބަޔަކު ހޯދި ފިލްމު ތަކުގެ އެއްވަނަ ސުރިޔާގެ ''ޖައި ބިމް'' އަށް ލިބިއްޖެއެވެ.
ކޮވިޑުގެ ހާލަތުގެ ސަބަބުން އިންޑިއާގައި މިއަހަރުގެ ބޮޑުބައި ތިއޭޓަރުތައް ބަންދުކޮށްފައި އޮތުމަށްފަހު ހުޅުވާލައި ބައެއް ފިލްމުތައް ބޮޑު ސްކުރީނުގައި އެޅުވިނަމަވެސް ގިނަ ފިލްމުތައް ރިލީސްކުރަމުން އައިސްފައިވަނީ އޯޓީޓީކޮށެވެ.
ގޫގުލް އިން މިއަހަރު އާއްމު ކުރި ލިސްޓުގައި އިންޑިއާގައި އެންމެ ގިނަ ބަޔަކު ހޯދާފައިވާ ފިލްމުތަކުގެ ކުރިއަށް އޯޓީޓީކޮށް ރިލީސްކުރި ތަމަޅަ ފިލްމު ''ޖައި ބިމް'' ޖެހިލާފައި މިވަނީ ބޮލީވުޑްގެ ފިލްމުތައް ފަހަތަށް ޖައްސާލުމަށްފަހުގައެވެ.
މި ލިސްޓުގެ ދެވަނައަށް އޯޓީޓީކޮށް ރިލީސް ކުރި ސިދާތު މަލްހޯތުރާ އަދި ކިއާރާ އަދްވާނީގެ ''ޝޭރްޝާހް'' ވަނީ އައިސްފައެވެ. ލިސްޓުގެ ތިން ވަނައިގައި ސަލްމާން ހާންގެ ''ރާދޭ'' ހިމެނޭއިރު އަކްޝޭ ކުމާރުގެ ''ބެލް ބޮޓަމް'' ވަނީ ހަތަރުވަނަ އަށް އައިސްފައެވެ.
މާވެލް ސްޓޫޑިއޯސްގެ ހޮލީވުޑް ފިލްމު ''އިޓާނަލްސް'' އަށް ފަސް ވަނަ ޖާގަ ލިބިފައިވާއިރު ހަވަނަ ޖާގައެއް ކަށަވަރުކޮށްފައިވަނީވެސް ސައުތު އިންޑިއާގެ ފިލްމެއް ކަމަށްވާ ''މާސްޓާ''އެވެ. އަދި 7ވަނައިގައި މިއަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށް ބެލެވޭ އަކްޝޭ ކުމާރުގެ ''ސޫރިޔަވަންޝީ'' ހިމެނެއެވެ.
ސުރިޔާ ކުޅެފައިވާ ''ޖައި ބިމް'' އަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. ފިލްމުގެ މައިގަނޑު ވާހަކަ ބިނާވެފައިވަނީ ދޮގު ތުހުމަތުތަކެއްގައި ހައްޔަރުކޮށް އަނިޔާ ލިބެމުންދިޔަ ފިރިމީހާއަށް އިންސާފު ހޯދައިދިނުމަށް އިރުލާގެ އަންހެނަކު ކުރާ މަސައްކަތަށެވެ. ސުރިޔާ މި ފިލްމުގައި ފެނިގެން ގޮސްފައިވަނީ ވަކީލު އަދި ފަނޑިޔާރު ކޭ ޗަންދުރޫގެ ކެރެކްޓާ އިންނެވެ.
''ޖައި ބިމް'' ވަނީ މީގެ ކުރިންވެސް އިތުރު ކާމިޔާބެއް ހާސިލުކޮށްފައެވެ. އައެމްޑީބީގެ އެންމެ ކުރީގައި އުޅުނު ''ދަ ގޯޑް ފާދާ'' ފަހަތަށް ޖައްސާލުމަށްފަހު ޓީ ޖޭ ނަނަވެލް ޑައިރެކްޓުކޮށްފައިވާ ތަމަޅަ ފިލްމު ''ޖައި ބިމް'' ވަނީ 9.6ގެ ރޭޓިންގެއް ލިބި އެންމެ ކުރިއަށް ޖެހިލާފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން