އެކާވީސް ވަނަ ބައި
"ޑޭޑީ....ޑޭޑް...."
ބާރަކަށް ގޮވަމުން އައިސް ޒިޔާދުގެ ފައިގައި ހިފައިގެން ތަޅުވައިގަތް ނޯޔާގެ މޫނަށް ހިޔާލުތަކުން ނުކުމެ ޒިޔާދު ބަލައިލިއެވެ.
"ކީކޭ ބައްޕަގެ ރާނީކަމަނާ....!؟" ޒިޔާދު ގުދުވެލާފައި މަލެއް ހިފައިގެން އައިސް ހުރި ދަރިފުޅުގެ ކޮލުގައި ވިކާލިއެވެ.
"ޑެޑީއަށް ގޮވީ އެކޮޅުގައި ހުރެއޭ... ޑޭޑް އިޒް ޑެއި ޑްރީމިން ހެން ހީވެގެން ނޯ މިއައީ ...ހަމަ ރަނގަޅަށްތާ މިހީވީ.....!"
"ޑެޑީގެ ޕްރިންސަސް.... ރިއަލީ ވެރީ ސޮރީ.... ޑެޑީ އެޕޮލޮޖައިޒެސް.... އޯކޭ... އަސްލު ދަރިފުޅުގެ ގްރޭނީ އެންޑް ގްރޭންޑްޕާ އިޒް ކަމިން ޓު މާލެ... އެހެންވެ އެކަމާ ވިސްނާލަން އިނދެވުނީ...!" ޒިޔާދު ކިޔައިދިނެވެ. ނޯޔާއަށް މާމަ އާއި ކާފަ އަންނަ ހަބަރު ލިބުމުން އުފަލުން ފުމެގެންފައި ޒިޔާދުގެ އަތުގައި ހިފައި ތަޅުވައިގަތެވެ.
ދަރިފުޅުގެ ސުވާލަށް ޖަވާބު ދިނުމަށްފަހު ޒިޔާދު ކޮފީ ހުސްކުރި ޖޯޑު މޭޒުމަތީގައި ބަހައްޓަމުން ގޮޑިން ތެދުވިއެވެ. އަދި ނޯޔާގެ އަތުގައި ހިފައިގެން ވާޙަކަ ދައްކަމުން ކޮޓަރި ހުންނަ ދިމާއަށް ދާން ހިނގައިގަތެވެ.
މަންމަ އާއި ބައްޕައަށް އިސްތިގުބާލު ކުރުމުގެ ގޮތުން ޒިޔާދު ނޯޔާ ގޮވައިގެން އެއާޕޯޓަށް ދިއުމަށް ރިސޯޓްގެ ދަތުރު ކެންސަލްކޮށްލުމަށްފަހު މާލެ އައިސްފިއެވެ. ގޭތެރެ ސާފުކުރުމާއި ކެއްކުމުގެ ކަންތަކަށް ހާއްސަކޮށް ގޭގައި އުޅޭ މަސައްކަތު ހާދިމުންނަށް މަންމަމެން އަންނަކަމުގެ ހަބަރު ދިނުމަށްފަހު ނޯޔާ ލާނެ އާ ހެދުމެއް ހޯދުމަށް ނޯޔާ ގޮވައިގެން ޒިޔާދު ބޭރަށް ނުކުތެވެ. ކާރުގައި ނޯޔާ ގޮވައިގެން އާންމުކޮށް ނޯޔާގެ ހެދުން ގަންނަ ފިހާރައަށް ގޮސް ޒިޔާދު ކާރު މަޑުކޮށްލިއެވެ.
ފިހާރައިގެ ތެރެއަށް ވަދެގެން ދަމުން ކައުންޓަރުގައި އިން އަންހެންކުއްޖާއަށް ޒިޔާދު ހިނިތުންވެލިއެވެ. އެއަށްފަހު ނޯޔާއަށް ކަމުދާ ކަހަލަ ހެދުމެއް ނަގަން ހެދުން ހަރުގަނޑުތައް ކައިރިއަށް ހިނގައިގަތެވެ.
މާމަ އާއި ކާފައާ ބައްދަލުވުމަށް ދާއިރު ލާނެ ހެދުމަކަށް ނޯޔާ ހިޔާރުކުރީ ދަނބުކުލައިގެ ލޭސްފޮތީގެ މިޑީ ހެދުމެކެވެ. ހެދުމާ ގުޅޭ ފައިވާނާއި ބޮލުގައި ޖަހާ ދަތީގެ އިތުރުން ހެދުމާ ގުޅޭ ގަހަނާވެސް ނޯޔާއަށް ޒިޔާދު ގަނެދިނެވެ. ފައިސާއިން އެއްވެސް ދައްޗެއް ނެތި ބޭނުން ކަންތައް ކުރުމުގެ ނަސީބު އެމީހުންނަށް ވަނީ ލިބިފައެވެ. ދުނިޔޭގެ ހިތްހަމަޖެހުމާއި އުފަލަކީ ފައިސާ އާއި މުދަލުން ހޯދޭނެ ތަކެތިކަމަށްވާނަމަ ޒިޔާދުމެން އެތަކެތި އެއްވެސް ދަތިކަމެއް ނެތި ހޯދީހެވެ.
ރަހުމާ އާއި އަހްތަރަށް ޒިޔާދާއި ނޯޔާ އެއާޕޯޓުގައި ހޫނު މަރުހަބާއެއް ކިޔެވެ. ރާއްޖެއިން ބޭރުގައި އަހަރުތަކެއް ހޭދަކުރުމަށްފަހު ދުވަސްކޮޅަކަށް ނަމަވެސް އަމިއްލަ ގައުމަށް އާދެވުމުން ރަހުމާ އާއި އަހްތަރުގެ ހިތަށް ބުނެދޭން ނޭނގޭފަދަ އިހުސާސްތަކެއް ކުރެވެމުން ދިޔައެވެ. އަމުދުން ދެލޯނޭދި އެދޭ ދަރިފުޅާއި ލިބުނު ހަމައެކަނި މާމަކާފަ ދަރިފުޅު ފެނި ބައްދަލުވުމުން އެމީހުންގެ ދުވަސްވެފައިވާ ކުލަފަޑުވަމުންދާ ދެލޮލުން އިންތިިހާ ދަރަޖައިގެ އުފާވެރިކަމުގެ ކުލަތަކެއް ފާޅުވަމުން ދިޔައެވެ.
ގެއަށް އާދެވުމާއެކު މާލަސްތަކެއް ނުވެ ރަހުމާ ބޭނުންވީ އޭނާގެ ވާން އުޅޭ ޅީދަރިފުޅުގެ ވާހަކަ އޮޅުން ފިލުވުމަށެވެ. އެހެންނަމަވެސް އަހްތަރު އެގޮތަކާ އެއްބަހެއް ނުވިއެވެ.
"ޑާލިން... ނިކަން ހަމަޖެހިބަލަ.... އަހަރެމެން އެސޮރު ގާތަށް މިއައީ ކިހާ ދުވަހަކަށްފަހު.... ތަންކޮޅެއް ހަމަޖެހިގެން ތިކަހަލަ ވާހަކަ ދައްކަން ވާނީ... އެހެންނޫނަސް އަހަރެމެން ރާއްޖެ އައުމުގެ ކޮންމެވެސް އެހެން ބޭނުމެއްވެސް އޮތްކަން މުހުތަރަމާ ހަނދާންނައްތާލައިގެނެއް ނުވާނެ.... އެންމެ ފުރަތަމަ އެދަތުރުގެ ކަންތައް ހަމަޖައްސާނީ... އެކޮޅަށް ގޮސް ކޯޓުގައި ނިންމަން ޖެހޭ ބައެއް ކަހަލަ ލިޔެކިޔުންތައް ހަމައަކަށް އަޅުވާފައި ނޫނީ ޒިޔާދުގެ ކަންތަކާ ނުވެސް އުޅެވޭނެ... ކޮންމެ ގޮތެއްވިޔަސް އެއީ ޒިޔާދަށްވެސް ޝޮކެއް ލިބޭނެ ބޮޑުކަމަކަށް ނޫނީ ނުވާނެ...."
ނިދާ އެނދުގެ ފަޑީގައި ބާލީސްޖައްސައި އޭގައި ލެގިލަމުން އަހްތަރު ރަޙުމާއަށް ވިސްނަދެވޭތޯ މަސައްކަތް ކުރިއެވެ. އުމުރުން ދުވަސްވެފައި އިނަސް އަދިވެސް ނުހަނު ސިއްހަތު ރަނގަޅު ސަމައްތަރު ހެޔޮ ހަށިގަނޑެއްގެ ވެރި ރަހުމާ އޭނާގެ ބޮލުގައި އޮތް ރަންކުލަ އަރާ އިސްތަށިގަނޑު އެއްވަރުކޮށްލަމުން ފިރިމީހާގެ މޫނަށް ބަލައިލިއެވެ.
ދާދި ދެންމެއަކު އަހްތަރު އެދެއްކި ވާހަކައިން އޭނާގެ ހިތަށް ތަދުވެއްޖެއެވެ. އެތަކެއް ދިގު އަހަރުތަކެއް ވަންދެން ހިތުގައި ހިލައެއް ބާއްވައިގެން އޭނާ އަހްތަރާ އެކީ ދިރިއުޅެމުން އެއަންނަނީ އިންތިހާއަށް އަހްތަރުދެކެ ހިތުގެ އެންމެ ފުންމިނުން ލޯބިވާތީއެވެ. އޭނާހެން ދުނިޔޭގައި އަލަތު ލޯބިވެރިޔާއާއެކު މުޅި އުމުރު ހޭދަ ކޮށްލަން އަނތްބެއްގެ ގޮތުގައި އިނދެ ނިމިދާނެ ހެޔޮ ނަސީބު ލިބޭނީ ވަރަށް މަދު އަންހެނަކަށެވެ. އެކަމަކު މިގޮތަށް މިނަސީބު ލިބުމުގައި އޭނާ ގުރުބާންކޮށްލީ ކިތައް ކިތައް ކަންތައްކަން ނުވަތަ އޭނާ ހިންދިރުވާލައިގެން ހަޖަމުކޮށްލީ ކިތައްކިތައް ކަންތައްކަން އެނގޭނީ ހަމައެކަނި އޭނާއަށާއި އޭނާ ހެއްދެވި ފަރާތަށެވެ.
"އަހްތަރަށް ހީވޭތަ... ޒިޔާދު އަހަރެމެންނާ ޝަކުވާއެއް ނުކުރާނެތަ....؟ އެހާ ފަސޭހައިން ޒިޔާދަށް ވިސްނަދެވޭނެހެން އަހްތަރަށް ހީވޭތަ...؟"
ލައިގެން ހުރި ނިދާ ހެދުމުގެ މަތިން ލާފައިވާ ޖެކެޓްގެ ޓައީމޮހެމުން އައިސް އަހްތަރާ ދާދި ގާތުގައި އިށީނދެ، ފިރިމީހާގެ އަތްތިލައިގާ ހިފާލަމުން ރަހުމާ ސުވާލުކޮށްލިއެވެ.
"އެއް ދުވަހެއްގައި.... ރަހުމާ އަހަރެންގެ ހުރިހާ ވާހަކައެއް އަޑުއަހާ ގަބޫލުކުރީމު... އެއީ ތިރަހުމާގެ ބަނޑުން ވިހާފައިވާ ތިމައިމީހާގެ ތަރުބިއްޔަތުން ކުލަ ޖެހިފައި ހުރި ދަރިއެއް... ރަހުމާ އަހަރެންދެކެ ނުވި ފޫއްސެއް.... ނައި ރުޅިއެއް... ނުކުރި ޝަކުވާއެއް... ރަހުމާގެ ދަރިފުޅަކު ކުރާނެހެން ހީވޭތަ...؟"
އަހްތަރު، އޭނާގެ ނުހަނު ލޯބިވާ، އޭނާއަށް ނިހާޔަތަށް ގަދަރުކޮށް އިތުބާރުކުރާ، އަނބިމީހާގެ ދެކޮޑުގައި ހިފައި ގަޔާ ކައިރިކޮށްލިއެވެ. އަހަރުތަކެއް ކުރިން ރަހުމާއާއެކީ މުޅި އުމުރު ހޭދަ ކުރުމަށް ގަސްދުކޮށް، އެހެން ހުރިހާ ގުޅުމަކާއި، ގަވާއިދަކާއި ގާނޫނު، އާދަކާދައާއި ދެކޭ ގޮތްތަކާއި ހުރާފަތްތައް، އެއްފަރާތްކޮށް، ރަހުމާއާ ކައިވެނިކުރެވުނީތީ މިއަދު އޭނާ އިންތިހާއަށް އުފާކުރެއެވެ. އޭނާގެ ހަޔާތުގައި އެޅުނު މިފިޔަވަޅަކީ ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ބުންޏަސް އޭނާއަށްޓަކައި ހެޔޮފާލެއްކަމުގައި ނޫނީ އަހްތަރު ނުދެކެއެވެ. އެކަމަކު..... އޭނާގެ ސަބަބުން ދުނިޔޭގެ ކޮންމެވެސް ހިސާބެއްގައި ކޮންމެވެސް ދިމާލެއްގައި އަނިޔާ ލިބުނު ބައެއް އުޅޭކަމުގެ އިހުސާސް އަހުތަރަށް އުދަނގޫ ކުރުމެއް ނުހުއްޓިއެވެ. އެންމެ ފަހުން އެވަޅުޖެހިފައިވާ ހަގީގަތާ ކުރިމަތިލުމަށް އޭނާ އަމިއްލައަށް އިސްނަގައިގެން އައުމުގެ ކުރިން އޭނާގެ މިލޮބުވެތި އަނބިމީހާ އެއިނީ އެކަމުގައިވެސް އިސްނަގައިގެން އައިސްފައެވެ.
"ތިކަން އޮތީ ތިހެން... އެކަމަކު މިކަން ކުރަން އަހަރެމެން ވަރަށް ލަސްކޮށްފިހެނެއް އަހްތަރަކަށް ހިއެއް ނުވޭތަ....؟"
ރަހުމާ، އޭނާގެ ލޯބިވާ ފިރިމީހާގެ މޭގައި ބޯޖައްސާލަމުން އަސަރުން ފުރިފައިވާ އަޑަކުން އަހާލިއެވެ. އެއަޑުގައިވާ ހާސްކަމާއި ކަންބޮޑުވުމާއި ކުށްވެރިކަމުގެ އިހުސާސް އަހްތަރަށް ކިތަންމެހާވެސް ރަނގަޅަށް އަސަރުކުރުވިއެވެ.
"ލަސްވެއްޖެކަން ގައިމު.... އެކަމަކު ވަގުތު ފާއިތު ނުވަނީސް ރަހުމާ އަހަރެން މިހިސާބަށް ގެނެސްދީފީމު.... ޝުކުރިއްޔާ އަނބިކަމަނާ.... ހަޔާތުގެ ކޮންމެ ދުވަހެއްވެސް އަހަރެން ރަހުމާފަދަ އަންބަކު ލިބުނީތީ އުފާކޮށް ޝުކުރުވެރިވަން...."
އަހްތަރު އޭނާގެ ފަހު ޖުމްލަ ބުނެލީ ރީތި އިނގިރޭސި ބަސްތަކަކުންނެވެ. ކޮންމެއަކަސް، އަހަރުތަކަކަށްފަހު، އެދެމަފިރިން އަމިއްލަ ގައުމުގެ ފަސްގަނޑުގައި ރޭގަނޑުގެ ފުރަތަމަ ދަން ހޭދަކުރަމުން އެގެންދަނީ، ވަރަށް އަވަހަށް އެދެމީހުންގެ ހިތުގައި އޮތް ބޮޑުބުރައަށް ލުޔެއް ހޯދުމުގެ އަޒުމުގައި އެކަކު އަނެކަކަށް އެކަމުގައި ހިތްވަރު ދެމުންނެވެ.
*************************************************************************************
"ހަމަތެދެއް މިބުނީ.... ތިކައިވެނި ކުރާކަށް ލާހިކެއް ނޫން... މަށަކުވާ ނުދެނެހުރިން މަގޭ ފިރިހެން ދަރިފުޅު މޮޔަވިކަމެއް...."
މަންމަގެ އަޑު ގޭތެރޭގައި ބޮމެއް ގޮވިހާ ބާރަށް ގުގުމާލިއެވެ... އަބުރާއި އިއްޒަތާއި ކަރާމާތަށްޓަކައި އަމިއްލަ ލެއިންވެސް ގުރުބާންވުމަށް ތައްޔާރަށް އިންނަ އަންހެނަކު އޭނާގެ ހުރި ހަމައެކަނި ދަރިފުޅު އާދައިގެ އަންހެނަކާ ކައިވެނިކުރަން އެއްބަސް ވާނީ ކޮންފަދައަކުން ހެއްޔެވެ.
މަންމަގެ އެއްވެސް އަމުރެއްގެ ކުރިމަތީގައި ދުވަހެއްގައިވެސް ދެކޮޅަށް ކޫސްވެސް ކިޔާނުލާ، ޝާމިން ހާސްވެ ކަންބޮޑުވެފައި އޭނާގެ ދެޖީބަށް އަތްޖަހާލިއެވެ. ހާސްވެ ކަންބޮޑުވުމުން އަބަދުވެސް އޭނާއަށް ކުރެވޭ ކަމަކީ ދެޖީބަށް އަތްމަހާލައިގެން ދެކޮޅަށް ހިނގުމެވެ.
"ދެޖީބަށް އަތްޖެހުމަކުން ޝާހީ ލޭހިނގާކަމަކަށް ނުވާނެ... އަހަރެމެންގެ އާއިލާގެ އެއްވެސް ކުއްޖަކު.... އަމުދުން ފިރިހެން ކުއްޖަކު އަހަރެމެންގެ ދަރަޖަ އާއި ނަމާ ހަމަހަމަ ނުވާ އަންހެނަކާ ކައިވެންޏެއް ނުކުރޭ..... ނޯނިވެސް އިނީ އަހަރެމެން ރުހޭ މީހަކާ ނޫން.... އެކަމަކު އެއާއިލާގެވެސް ކޮންމެވެސް ހިސާބަކުން އަހަރެމެންނާ އެއް ހަމައަކަށް އާދެއެއްނު... ތިޔަ ބުނާ ފަލަކެއްގެ ކޮންހިސާބެއްގެ އާއިލާގެ ކިތައްވަނައިގައި އަހަރެމެންނާ އަރާއަރަފޯދޭ ވަރުގެ ނަމަކާއިގަދަރެއް އޮތީ.... ހެޔޮ.... ކުރިންވެސް ބުނީމެއްނު... ޝާމިނަކަށް އަޑެއް ނީވުނެއްނު... ދުލުން ބުނެގެން ނީވެންޏާ... އަމަލުން ބުނެދޭންވެސް އަހަރެމެންނަށް ކެރޭނެ...." ޝިޔާމާ ރުޅިއައިސްގެން ގޮސް ތުރުތުރު އަޅާ ގަދަ އަޑަކުން ވާހަކަ ދެއްކިއެވެ.
ބޮޑުކޮޓަރީގެ ސޯފާ ކުރިމަތީގައި ހުރި ބިއްލޫރި ކުޑަ މޭޒުމަތީގައި ހައެއްކަ ދުވަސް ކުރިން ޝާމިން އާއިލާ ކޯޓަށް ހުށަހެޅި ކައިވެނީގެ ފޯމްގެ ފޮޓޯކޮޕީއެއް އޮތެވެ. މިގޮތަށް މަންމަގެ ކުރިމަތީގައި އެލިޔުން އޮތުމަކީ އެހާ ހައިރާން ވާވަރުގެ ކަމެއް ނޫނެވެ. ރަށުތެރޭގެ ކޯޓެކޭ އޮފީހެކޭ މަންމައަށް އަވަސް ކުއްލި ތާޒާ ހަބަރު ނުގެނެސްދޭ އެއްތަންވެސް މާލޭގައި ނުހުންނާނެއެވެ. ކޯޓަށް ފޯމް ހުށަހެޅިއިރުވެސް ގެއިން އަލިފާނުގެ ތޫފާން އަންނާނެކަން އޭނާއަށް މާރަނގަޅަށްވެސް އެނގެއެވެ. އެކަމަކު އޭނާ އެކަމަކަށް މާބޮޑަށް ތައްޔާރުނުވީ އާދައިގެ ކުޑަކުޑަ ޒުވާބަކަށްފަހު މަންމަ ފަލަކާ ކައިވެނިކުރުމަށް އެއްބަސްވާނެކަމަށް ހީކޮށްފައެވެ. އެކަމަކު ގޭތެރޭގެ ހާލު ހީކުރެވުނު ވަރަށްވުރެ މާބޮޑަށްވެސް މިއޮތީ ގޯސްވެފައެވެ.
"ޝާމިން... އަދިވެސް ވިސްނާލާ... އަދިވެސް ވަގުތު އެބައޮތް..." ޝިޔާމާ ރުޅީގެ މައްޗަށް ބުއްދި އިސްކުރެވޭތޯ ބަލަމުން ބުނެލިއެވެ.
ވާހަކަ
ވާހަކަ