ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ ވިނަރެސް ފްލެޓުތައް ވަކި ކެޓަގަރީއަކަށް ހާއްސަކުރަން ނިންމައިފިއެވެ.
ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން "ވަން" އަށް މިއަދު ވިދާޅުވީ، ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑަށް އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކާފައިވާ މީހުންނާއި ހިޔާ މަޝްރޫއުން ފްލެޓް ދޫކޮށްލި މީހުންނާއި ގުޅީފަޅުން ފްލެޓް ދޫކޮށްލި މީހުންނަށް ވިއްކުމަށްފަހު ވިނަރެސް ފްލެޓުތައް ދެން ވިއްކާނީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަމަށެވެ.
"މާލޭގެ ރައްޔިތުންނާއި މާލޭގައި ދިިރިއުޅޭ އަތޮޅުތެރޭގެ ރައްޔިތުންނަށް މި ހާއްސަކުރަނީ،" އަކްރަމް ވިދާޅުވިއެވެ.
އަކްރަމް ވިދާޅުވީ ވިނަރެސް ފްލެޓުތައް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަކުރަން ނިންމީ މާލޭގެ ރައްޔިތުންނަށް ގެދޮރުވެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކަމަށެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފައިވާ ގޮތުގައި ވިނަރެސް ފްލެޓުތައް އަންނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ނިމޭނެއެވެ.
ވިނަރެސް މަޝްރޫއުގެ ދަށުން ޖުމުލަ ދިހަ ޓަވަރު ހަދާނެއެވެ. މި ޓަވަރުތަކުގައި ޖުމުލަ 1340 އެޕާޓްމަންޓާ އެކު ހަތަރު ވައްތަރެއްގެ އެޕާޓްމަންޓް ހުންނާނެއެވެ. އެއީ މެރީނާ ވިއު، އިނާ ވިއު، އައުޓާ ވިއު އަދި ސްޓޭންޑާޑް ވިއުއެވެ. މި ހުރިހާ ވައްތަރެއްގައިވެސް ހުންނާނީ ތިން ކޮޓަރީގެ އެޕާޓްމަންޓުތަކެވެ.
އިނާ ވިއު، އައުޓާ ވިއު އަދި މެރީނާ ވިއު އެޕާޓްމަންޓުތަކުގެ ބޮޑުމިނުގައި 902 އަކަފޫޓު ހުންނާނެއެވެ. ސްޓޭންޑާޑް ވިއު އެޕާޓްމަންޓުތަކުގެ ބޮޑުމިނުގައި ހުންނާނީ 883 އަކަފޫޓެވެ.
އެޗްޑީސީން ކުރިން ބުނެފައިވާ ގޮތުން، މި ފްލެޓުތަކުގެ ފިނިޝިންގެ މަސައްކަތް ނިމޭ އިރު، ލިވިން ރޫމާއި ކޮޓަރިތަކުގައި ހުންނާނީ ތަށިމުށި ޖަހައިފައެވެ. ފާހާނާގެ ތަޅުމާއި ފާރުގައި ވެސް ތަށިމުށި ޖަހައި، ފާހާނާގައި ފިކްސްޗާސްތައް ވެސް ހަރުކޮށްފައި ހުންނާނެއެވެ.
އޭގެ އިތުރުން ބަދިގެ ކަބަޑު ސެޓު ހަރުކޮށް، ބެލްކަނި ހުންނާނީ ދޮންނަ މެޝިން ބެހެއްޓޭ ގޮތަށެވެ. ލިވިން ރޫމާއި ކޮޓަރިތަަކުގައި އޭސީ ހަރުކޮށްފައި ހުންނާނެއެވެ. ނަމަވެސް އެޕާޓްމަންޓްތައް ހަވާލުކުރާއިރު އެތަނުގައި ފަރުނީޗަރެއް ނުހުންނާނެއެވެ.
އެޗްޑީސީން ބުނީ، އެތަންތަން ވިއްކަން ހަމަޖެހިފައި ވަނީ ތިން މޮޑެލެއްގެ ދަށުން ކަމަށެވެ. އެއީ ލީސް ޓު އޯން މޮޑެލް، އޯން އިކުއިޓީ ފައިނޭންސިން މޮޑެލް އަދި އެންޑް ޔޫޒާ މޮޑެލްއެވެ.
ލީސް ޓު އޯން މޮޑެލްގެ ދަށުން ދެ ގޮތެއް ލިބޭނެއެވެ. ފުރަތަމަ ގޮތަކީ އެޕާޓްމަންޓް އަގުގެ 15 ޕަސެންޓް ޑައުންޕޭމަންޓުގެ ގޮތުގައި ދެއްކުމަށް ފަހު، 20 އަހަރަށް ބަހާލައިގެން ފައިސާ ދެއްކުމެވެ. ދެވަނަ ގޮތަކީ ޑައުންޕޭމަންޓަށް ވިހި ޕަސެންޓް ދައްކައިފިނަމަ 25 އަހަރަށް ބަހާލައިގެން ފައިސާ ދެއްކުމެވެ.
އޯން އިކުއިޓީ ފައިނޭންސިން މޮޑެލްގެ ދަށުން، ޕްރޮޖެކްޓުގެ އަގު އެއް ފަހަރާވެސް ދެއްކޭނެއެވެ. އަދި ބަހާލައިގެން ޕޭމަންޓް ޝެޑިއުލްގެ ދަށުންވެސް ފައިސާ ދެއްކޭނެއެވެ. އެންޑް ޔޫސާ ފައިނޭންސިން މޮޑެލްގެ ދަށުން ބޭންކެއް ނުވަތަ އެހެން ފައިނޭންޝަލް އިންސްޓިޓިއުޓެއް މެދުވެރިކޮށް ލޯނެއްގެ ދަށުން އެޕާޓްމަންޓް ގަނެވޭނެއެވެ. އޯން އިކުއިޓީ ނުވަތަ އެންޑް ޔޫޒާ މޮޑެލް ބޭނުންކުރާނަމަ ދިހަ ޕަސެންޓުގެ ޑިސްކައުންޓެއް ވެސް ލިބޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު