ވޭސްޓް މެނޭޖްމަންޓު ކޯޕަރޭޝަން (ވެމްކޯ) އިން މަހަކު 5000 ރުފިޔާގެ އެލެވެންސް ލިބޭ ގޮތަށް އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ފެށުމަށް ތައްޔާރުވެއްޖެއެވެ.
ސަރުކާރުން ކުރިއަށްގެންދާ ހުނަވަރު ޕްރޮގުރާމުގެ ދަށުން ވެމްކޯއިން މިއަދު ވަނީ ޔޫތު މިނިސްޓްރީއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދެވެ. ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން އިސްމާއިލެވެ.
ވެމްކޯ އިން ބުނީ ދިވެހި ޒުވާނުންނަށް އެހީތެރިވުމަށް އެކުންފުނިން ދޭ އަހައްމިއްޔަތުގެ ދަށުން އެކުންފުނީގެ އެކި ދާއިރާތަކުން 29 މީހުން ތަމްރީނުވުމަށް ފުރުސަތު ހުޅުވާލާނެ ކަމަށެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ކާމިޔާބުކުރާ ހުރިހާ ކެންޑިޑޭޓުންނަށް މަހަކު 5000 ރުފިޔާގެ އެލެވެންސެއް ދޭނެ ކަމަށް ވެމްކޯއިން ވަނީ ބުނެފައެވެ.
ހުނަވަރު ޕްރޮގްރާމުގެ ދަށުން ޒުވާނުން ތަމްރީނުކުރުމަށް އެމްޓީސީސީންނާއި މިފްކޯ އާއި އެމްޕީއެލް އަދި އެމްޑަބްލިޔުއެސްސީން ވެސް ވަނީ ޔޫތު މިނިސްޓްރީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.