ވެކްސިން ޖެހުން މަޖުބޫރު ކުރުން އެއީ އެންމެ ފަހަށް ބޭއްވުން ބުއްދިވެރި ކަމެއް ކަމުގައި ޑަބްލިއުއެޗްއޯ އިން ބުނެފިއެވެ.
އަންނަ އަހަރުގެ ފެބްރުއަރީ 1 އިން ފެށިގެން ވެކްސިން ޖެހުން މަޖުބޫރު ކުރުމަށް އޮސްޓްރިއާ އިން މިދިޔަ މަހު ނިންމުމާ ގުޅިގެން ޔޫރަޕުގެ ގިނަ ގައުމުތަކުގައި އަންނަނީ މިކަމާ މެދު ބަހުސް ކުރެވެމުންނެވެ.
ޖަރުމަނުން ވެކްސިން ޖެހުން މަޖުބޫރު ކުރުމުގެ މަޝްވަރާތައް ކުރަމުން ދިއުމާ ގުޅިގެން އެގައުމުގައި އަދި ޔޫރަޕުގެ ގިނަ ގައުމުތަކުގައިވެސް އަންނަނީ ވެކްސިން މަޖުބޫރުކުރުމާ ދެކޮޅަށް މުޒާހަރާތައް ކުރަމުންނެވެ.
މިކަމާ ގުޅިގެން ޑަބްލިއުއެޗްއޯގެ ޔޫރަޕު ރީޖަނަލް ޑައިރެކްޓާ ޑރ. ހާންސް ކުލޫގަ ވިދާޅުވީ ވެކްސިން ޖެހުން މަޖުބޫރު ކުރުމަކީ އެންމެ ފަހުގެ ހަތިޔާރުގެ ގޮތުގައި ބޭއްވުމަށާއި، އެފަދަ ބޮޑުކަމެއް ނިންމުމުގެ ކުރިން ވެކްސިނާ މެދު ރައްޔިތުންގެ އިތުބާރު ހޯދުމަށް ސަރުކާރުތަކުން މަސައްކަތްކުރުން މުހިއްމު ކަމަށެވެ. ވެކްސިނަށް ރައްޔިތުންގެ ފަރާތުން އެދެވޭ ތަރުހީބެއް ނުލިބޭ ނަމަ އަދި އެކަމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްގެންވެސް އެދެވޭ ނަތީޖާއެއް ނުލިބޭ ނަމަ ވެކްސިން ޖެހުން މަޖުބޫރު ކުރުމަށް ވިސްނުން ބޭއްވުމަށް އޭނާ ވިދާޅުވި އެވެ.
ވެކްސިނާ ގުޅޭ އިތުރު ހަބަރުތަކަށް ބަލާއިރު ޔޫރަޕުގެ ސިއްހަތާ ގުޅޭ އޭޖެންސީތަކުން ވަނީ ކޮވިޑް ވެކްސިން ޖެހުމުގައި ދެވައްތަރުގެ ވެކްސިން ހަށިގަނޑަށް އެކުވުމުން ފައިދާ ކުރާކަމަށް ބުނެފައެވެ. ވައިރަލް ވެކްޓާ ވެކްސިނާއި އެމްއާރްއެންއޭ ވެކްސިން އެކުވުމުން ކޮވިޑް-19 އިން ދިފާއުވުމަށް ހަށިގަނޑުގައި އެންޓިބޮޑީސް ގިނަ އަދަދަކަށް އުފައްދާކަން މިހާތަނަށް ހޯދި ހޯދުންތަކުން ސާބިތުވެފައިވާ ކަމަށް ޔޫރަޕިއަން މެޑިސިން އޭޖެންސީ (އޭއެމްއޭ) އަދި ޔޫރަޕިއަން ސެންޓާ ފޮ ޑިސީސް ޕްރިވެންޝަން އެންޑް ކޮންޓްރޯލް (އީސީޑީސީ) އިން ގުޅިގެން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.
ޔޫރަޕުގައި ވެކްސިނަށް ލިބޭ ތަރުހީބު ކުޑަވުމުގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ކޮވިޑުގެ އަދަދުތައް މަތިވެ އެނދުމަތިކުރުމާއި މަރުވާ ރޭޓުތައް މައްޗަަށް ދާނެކަމުގެ އިންޒާރު އީސީޑީސީން ވަނީ ދީފައެވެ.
އެމެރިކާގެ ފަރާތުން ޑރ. އެންތޮނީ ފައުޗީ ވަނީ އޮމިކްރޯން ގެ ސަބަބުން ނުރައްކާވާ މިންވަރު ސީދާ ދެނެގަނެވޭނީ ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި މިވޭރިއަންޓުން ލިބޭ ގެއްލުންތައް ދެނެގަތުމަށްފަހު ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މީގެކުރިން ފެނުނު ކޮވިޑުގެ ވޭރިއަންޓުތަކާ އަޅައިބަލާއިރު އޮމިކްރޯން އިން މާބޮޑަށް ނުރައްކާވާ ކަމަށް އަދި މިހާތަނަށް ދައްކާފައި ނުވާ ކަން އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ