ބޮލީވުޑްގެ އަހަރުގެ އެންމެ ބޮޑު ކައިވެނީގެ ގޮތުގައި ބެލެވެފައިވާ ކެޓްރީނާ ކެއިފް އަދި ވިކީ ކޯޝަލްގެ ކައިވެނީގެ ހަފުލާގައި ބައިވެރިވުމަށް ދައުވަތު ލިބުނު ގިނަ ބަޔަކު ޖައިޕޫރަށް ދަތުރުކޮށްފިއެވެ.
މި ދެތަރީންގެ ފަރާތުން ކައިވެނީގެ ވާހަކަތައް ޔަގީންކޮށްދީފައި ނުވިނަމަވެސް، ޑިސެމްބަރު 9 (މާދަމާ) ކުރުމަށް ހަމަޖެހިފައިވާ މި ކައިވެނީގެ ހުރިހާ މައުލޫމާތެއް އަންނަނީ މީޑިއާގައި ދައުރުވަމުންނެވެ. ކައިވެނީގެ ވަގުތު ކުޑަތަންވަމުން އަންނައިރު މިކަމާ ގުޅޭ އެންމެފަހުގެ ހަބަރުތަކުގެ ތެރޭގައި ކައިވެންޏަށް ދައުވަތު ލިބުނު ގިނަ ބަޔަކު ޖައިޕޫރަށް ދަތުރުކުރަމުން އަންނަ ހަބަރު ހިމެނެއެވެ.
ރާޖަސްތާނުގެ ސަވައި މޮދާޕޫރުގެ ސިކްސް ސެންސަސް ރިސޯޓު ފޯޓް ބަރްވާރާގައި ކުރުމަށް ހަމަޖެހިފައިވާ މި ކައިވެނީގެ ސެކިއުރިޓީ ވަނީ ވަރަށް ބޮޑަށް ވަރުގަދަ ކޮށްފައެވެ. ހަފުލާ ކުރިއަށް ދާނީ ދެފަރާތުގެވެސް އާއިލާ އަދި ގާތް ރަހުމަތްތެރީންގެ މެދުގައި ކަމަށްވާއިރު ދައުވަތު ލިބުނު ފަރާތްތަކަށް ވަނީ ހަފުލާގައި ބައިވެރިވުމަށް ވަރުގަދަ އުސޫލުތަކެއްވެސް ކަނޑައަޅާފައިކަމަށް ހަބަރުތައް ބުނެއެވެ.
މި ހަފުލާގެ އެއްވެސް ފޮޓޯއެއް އަދި ވީޑިއޯއެއް ލީކުކުރުމަކީ މަނާކަމެއް ކަމަށް ކަނޑައަޅައި ހަފުލާގައި ބައިވެރިވާ މެހެމާނުން ލައްވައި ލިޔުމެއްގައި ސޮއިކުރެވިފައިވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. ކައިވެނި ކުރެވޭ ދުވަހު އެއްވެސް މޯބައިލް ފޯނެއް އަދި ކެމެރާއެއް އެތަނުގައި ގެންގުޅުން ވަނީ މަނާކޮށްފައި ކަމަށްވެސް ވެއެވެ.
ހަފުލާގައި ބައިވެރިވާ އެންމެންވެސް ކޮވިޑުގެ ދެ ޑޯޒު ފުރިހަމަ ކުރެވިފައި ހުންނަން ޖެހޭނެ ކަމަށާއި، ވެކްސިން ފުރިހަމަ ނުކުރާ މީހަކު ނަމަ ކޮވިޑް ޕީސީއާރް ޓެސްޓު ހަދައި ނެގެޓިވް ނަތީޖާއަކާއެކު ނޫން ގޮތަށް ބައިވެރިވުން ވަނީ މަނާކޮށްފައެވެ. މި ހޮޓާ ހިމެނޭ ސަރަހައްދު ވަށައިގެން ސެކިއުރިޓީ ވަރުގަދަ ކުރެވިފައިވާއިރު ސެކިއުރިޓީ ބެލެހެއްޓުމަށް ޖައިޕޫރުން 100 މީހަކު ގެންގޮސް، ރާޖަސްތާނުގެ ފުލުހުންވެސް ވަނީ ވީއައިޕީ މެހެމާނުންގެ ސެކިއުރިޓީ ބެލެހެއްޓުމަށް ހާއްސަ ކޮށްފައެވެ.
މެހެމާނުންނާ ހަވާލުވުމަށް 40 އާއި ގާތްކުރާ އަދަދަކަށް ލަގްޒަރީ ކާރުތައް ވަނީ އިއްޔެ ހެނދުނުން ފެށިގެން ޖައިޕޫރު އެއާޕޯޓު ކައިރީ ފުރާލައިފައެވެ. މިހާތަނަށް ކާބިރް ހާން، މިނީ މާތުރް، ޝަންކަރް މަހަދެވަން، ގުރްދާސް މާން، ނޭހާ ދޫޕިއާ ވަނީ ސަވައި މޮދާޕޫރަށް ގޮސްފައިކަމަށް ހަބަރުތައް ބުނެއެވެ. ދައުވަތު ދެވުނު 120 މެހެމާނުންގެ ތެރޭގައި ބޮލީވުޑްގެ ގިނަ ބަޔަކު ހިމެނެއެވެ.
ކެޓްރީނާގެ ކުރީގެ ލޯބިވެރިޔާ ސަލްމާން ހާން އާއި ކެޓްރިނާ އަކީ ގާތް ރަހުމަތްތެރިންނަށް ވީނަމަވެސް ސަލްމާން ހާން މި ހަފުލާގައި ބައިވެރި ނުވާނެ ކަމަށް ހަބަރުތައް ބުނެއެވެ. ނަމަވެސް ސަލްމާން ހާންގެ އާއިލާގެ ގިނަބަޔަކު ބައިވެރިވާނެ ކަމަށާއި އޭގެ އިތުރުން ސަލްމާން ހާންގެ ހަށިފާރަވެރިޔާ ވަނީ ކެޓްރީނާ އަދި ވިކީގެ ކައިވެނީގެ ސެކިއުރިޓީ ބެލެހެއްޓުމަށް ދޫކުރެވިފައި ކަމަށްވެސް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން