ވިޔަފާރި އުސޫލުން ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޓްކުރަން ހުއްދަ ދިނުމުގެ ޕްރޮގުރާމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށައިފިއެވެ.
މިއަދު ފާހަގަކުރަމުން އަންނަ ބައިނަލްއަގުވާމީ މަދަނީ ވައިގެ ދަތުރުފަތުރުގެ ދުވަހާ ގުޅިގެން ދެއްވި ހިތޯބުގައި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ މަދަނީ ވައިގެ ދަތުރުފަތުގެ ދާއިރާ ކުރިއެރުވުމުގެ ބާބެއްގެ ގޮތުގައި ސިވިލް އޭވިއޭޝަންގެ ފަންނީ ގާބިލުކަން އިތުރުކުރުމުގެ ހަރަކާތްތައް އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މިއަހަރުވެސް އަންނަނީ ކުރިއަށް ގެންދަމުންނެވެ.
އެގޮތުން ހެލިކޮޕްޓަރު އޮޕަރޭޝަންތަކަށް ހުއްދަދިނުމަށް ތައްޔާރުވުމުގެ ގޮތުން އިނގިރޭސިވިލާތުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއާއެކު ކުރިއަށްގެންދާ ޕްރޮގްރާމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ނަހުލާ ވިދާޅުވިއެވެ.
ރާއްޖޭގައި މިހާރު ހެލިކޮޕްޓަރު ދުއްވަނީ ހަމައެކަނި އެމްއެންޑީއެފުންނެވެ. ރާއްޖޭގައި މިވަގުތު ދުއްވަނީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދީފައިވާ ދެ ހެލިކޮޕްޓަރެވެ.
އިންޑިއާއިން ރާއްޖެއަށް ފުރަތަމަ ހެލިކޮޕްޓަރެއް ގެނައީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. އެއް ހެލިކޮޕްޓަރު އައްޑޫގައި ބާއްވާފައި އޮންނަ އިރު، އަނެއް ހެލިކޮޕްޓަރު ބާއްވާފައި އޮންނަނީ ލ. ގަމުގައެވެ. އެ ހެލިކޮޕްޓަރުތައް ދުއްވަނީ އިންޑިއާ ސިފައިންނެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައިވެސް ވިޔަފާރި އުސޫލުން ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޓްކުރުމުގެ ހުއްދަ ދިނުމަށް މަސައްކަތްކޮށްފައިވެއެވެ. ނަމަވެސް އެކަން ފަހުން ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.
ރާއްޖޭގައި މީގެ ކުރިން ވަނީ ހެލިކޮޕްޓަރު އޮޕަރޭޓްކުރުމުގެ ހުއްދަދީފައެވެ. ނަމަވެސް ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާއެއް ހިނގުމުން ސަރުކާރުން ވަނީ އެ ހުއްދަ ބާތިލުކުރުމަށްފަހު އެކަން މަނާކޮށްފައެވެ.
ނަހުލާ މިއަދު ވިދާޅުވީ ޔޫރަޕިއަން ޔޫނިއަންގެ ފަންނީ އެހީތެރިކަމާއެކު ހިންގޭ ސަރަހައްދީ ޕްރޮގްރާމު "އީޔޫ – ސައުތު އޭޝިއާ ޕާޓްނާޝިޕް ޕްރޮޖެކްޓް"ގެ ދެވަނަ ޕްރޮޖެކްޓް މިއަހަރު ފަށާފައިވާ ކަމަށާއި ރާއްޖެއަކީ އެ ޕްރޮޖެކްޓުގެ ބައެއް ކަމަށެވެ.
ނަހުލާ ވަނީ އިންޓަނޭޝަނަލް ފުލައިޓުތައް އޮޕަރޭޓު ކުރުމުގެ ހުއްދަ ރާއްޖޭގެ ތިން އެއާލައިނަކަށް ދީފައިވާ ކަމަށް ވިދާޅުވެފައެވެ.
ނަހުލާ ވިދާޅުވީ މިއަހަރުގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާ ފުޅާކުރުމަށާއި އިތުރަށް ތަރައްގީ ކުރުން ކަމަށެވެ. އެގޮތުން ރާއްޖޭގެ އެއާލައިންތަކުގެ ހަރަކާތްތައް އިތުރުކުރުމާއި އެއާޕޯޓުތައް ތަރައްގީކުރުމުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުން ހިމެނޭ ކަމަށް ނަހުލާ ވިދާޅުވިއެވެ.
ނަހުލާ ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް މިއަހަރުވެސް ކުރިއަށްގެންދިޔަ ކަމަށާއި އެގޮތުން، އޭޕްރަން އަށް މުޅީން އަލަށް ބައިތަކެއް އިތުރުކޮށް ބޭނުންކުރަން ފެށުމުގެ އިތުރުން، ކުރިން ބޭނުން ކުރަމުން އައި އޭޕްރަން އަޕްގްރޭޑް ކުރެވި މިހާރު ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ.
ސަލާމަތީ މިންގަނޑުތައް އިތުރަށް ހަރުދަނާކޮށް ރެގިއުލޭޓަރީ ފްރޭމްވޯކް އިތުރަށް ފުޅާކުރުމުގެ ހަރަކާތްތައްވެސް މިއަހަރު ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން ރާއްޖެއިން އިހުތިޔާރުކޮށްފައިވާ ޔޫރަޕިއަން ސޭފްޓީ ރެގިއުލޭޝަން ސްޓްރަކްޗާއާ އެއްގޮތްވާ ގޮތުގެ މަތީން އެއާވާދިނަސްގެ ދާއިރާއިން ގާއިމު ކުރެވިފައިވާ ގަވާއިދުތަކަށް ބޮޑު ބަދަލުތަކެއް ގެނެވި މިއަހަރު ސިނާއަތުގެ ބައިވެރިންގެ ހިޔާލާއި މަޝްވަރާއަށް ހުޅުވާލެވުނު ކަމަށްވެސް ނަހުލާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު