ކޮލެޖުތަކާއި ޔުނިވާސިޓީތަކުގެ އެސައިމަންޓުތައް ފައިސާދީގެން ހަދައިދޭ މައްސަލައެއް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ފުލުހުންނަށް ހުށަހަޅައިފިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު "ވަން"އަށް މިރޭ ވިދާޅުވީ، ފައިސާއަށް އެސައިމަންޓު ހަދައިދިނުމަށް ކުރާ އިޝްތިހާރުތަކުގެ މައްސަލަ އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސް މި ހަފުތާގައި އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ، އެ މައްސަލަ ފުލުހުންނަށް ހުށަހަޅަނީ އެސައިމަންޓު ހަދައިދިނުން ހުއްޓުވަން މިހާރު ގާނޫނުގެ ދަށުން ބާރު ލިބޭތީ ކަމަށެވެ.

މިދިޔަ އޭޕްރީލް މަހު ފާސްކުރި މަތީ ތައުލީމުގެ ގާނޫނުގެ ދަށުން ދަރިވަރަކު އަމިއްލައަށް ފުރިހަމަކުރަން ޖެހޭ އެސައިމަންޓެއް އެހެން ފަރާތަކަށް އަގު ދީގެން ހެދުވުމާއި އެހެން ފަރާތަކުން އެކަން އަގަށް ކޮށްދޭން ހުށަހެޅުން ވަނީ ކުށެއްގެ ގޮތުގައި ކަނޑައަޅައިފައެވެ.

އެގޮތުން ދަރިވަރަކު އެހެން ފަރާތަކަށް އަގުދީގެން އެސައިމަންޓު ހަދައިފިނަމަ 5،000 ރުފިޔާއިން ޖޫރިމަނާކުރެވޭ އިރު، އަގަށް އެފަދަ މަސައްކަތްތައް ކުރަން ހުށަހަޅާ ފަރާތްތައް 10،000 ރުފިިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ގާނޫނު ބުނެއެވެ.

އަގަށް އެސައިމަންޓު ހަދައިދޭ މައްސަލަތައް ފެންމަތިވެ، އެކަމުގެ ކަންބޮޑުވުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަންވެސް ވަނީ މީގެ ކުރިން ފާޅުކުރައްވައިފައެވެ. އޭރު މިނިސްޓަރު ވިދާޅުވެފައިވަނީ އަގަށް އެސައިމަންޓު ހެދުމުގެ ސަބަބުން ދަރިވަރުންގެ ފެންވަރު ވަޒަންކުރަން އުނދަގޫވާ ކަމަށެވެ.