ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރަން ގޮވާލައި އިދިކޮޅުން ފަށާފައިވާ ކެމްޕެއިން "އިންޑިއާ މިލިޓަރީ އައުޓް"ގެ ހަރަކާތްތައް ފުޅާކުރަން އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުالله ޔާމީން އަތޮޅުތެރެއަށް ވަރަށް އަވަހަށް ދަތުރުތައް ފައްޓަވާނެ ކަމަށް އިދިކޮޅުން ބުނެފިއެވެ.
އެމަނިކުފާނަށް އިއްވާފައިވާ މަނީ ލޯންޑަރިންގެ ހުކުމް ސުޕްރީމް ކޯޓުން ބާތިލުކުރުމުން މިނިވަންވެ ވަޑައިގެން ފުރަތަމަ ފަހަރަށް ބޮޑު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން މިދިޔަ ހުކުރު ދުވަހު ވަނީ އިންޑިއާ މިލިޓަރީ އައުޓް ކެމްޕޭނަކީ އެމަނިކުފާނުގެ އިސްނެންގެވުމަށް ފެއްޓެވި ކެމްޕޭނެއް ކަމަށް ވިދާޅުވެފައެވެ. އަދި އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބީ ގާނޫނާ ހިލާފަށް ކަމަށާއި އިންޑިއާ ސިފައިން ރާއްޖޭން ފޮނުވައިލުމަށް އެމަނިކުފާނުގެ ވެރިކަމުގައި މަސައްކަތްތަކެއް ކުރެއްވި ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ, އިންޑިއާ ސިފައިން ޖެހޭނީ ރާއްޖޭން ފައިބަން ކަމަށެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަންގެ އިސް ތަރުޖަމާން ހީނާ ވަލީދު މިއަދު "ވަން" އަށް ވިދާޅުވީ, ރައީސް ޔާމީންގެ ސިޔާސީ ހަރަކާތްތަކުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރައްވަން ބޭނުންފުޅުވާ ކަމަކީ ރާއްޖޭގެ މިނިވަންކަމަށް ބުރޫ އަރާ ގޮތަށް ހިންގާ ކަންކަން ހުއްޓުވުން ކަމަށެވެ.
އެގޮތުން އިންޑިއާ މިލިޓަރީ އައުޓް ކެމްޕޭން ފުޅާކުރުމަށް އަންނަ ހަފުތާ ތެރޭގައި ރައީސް ޔާމީނާއެކު ކޯލިޝަންގެ ލީޑާޝިޕުގެ ބޭފުޅުން އަތޮޅުތެރެއަށް ދަތުރުތައް ފައްޓަވަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ފުރަތަމަ ވަޑައިގަންނަވާނީ މާލެ އަތޮޅުގެ ރަށްތަކަށް ކަމަށް ވިދާޅުވިއެވެ.
"މި ދަތުރުގެ މައިގަނޑު ބޭނުމަކީ އިންޑިއާ މިލިޓަރީ އައުޓް ކެމްޕެއިން ފުޅާކުރުން. ނަމަވެސް މި ދަތުރުތަކުގައި ދެ އަހަރަށްފަހު ޕާޓީގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި, އެބޭފުޅުން ކުރެއްވި މަސައްކަތްތަކަށް ޝުކުރު އަދާކުރުމަށް ހަމަޖެހިފައިވޭ," ހީނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ, މާލެ އަތޮޅުން ދަތުރުތައް ފެށި ނަމަވެސް, ބޮޑެތި ރަށްތަކަށްވެސް ދަތުރު ކުރައްވާނެ ކަމަށެވެ. އަދި ދަތުރުތައް ފަށާނެ ސީދާ ތާރީހެއް އަދި ފައިނަލް ނުކުރެވޭ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު