އއ. އުކުޅަހު ގެސްޓްހައުސެއްގައި ކްރިސްމަސް ފާހަގަކުރަމުންދަނިކޮށް އާންމުންނާއި ފުލުހުން ނުކުމެ އެކަން ހުއްޓުވައިފިއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ކްރިސްމަސް ގަހެއް ބަހައްޓައި ކްރިސްމަސް ފާހަގަކޮށްފައިވަނީ އުކުޅަހު ރަންތަރި ގެސްޓްހައުސްގައެވެ. އެ ގެސްޓްހައުސްގައި ހުރި ކްރިސްމަސް ގަސް ނުނަގައިގެން އެރަށުގެ އާންމު ރައްޔިތުން ވަނީ އެ ގެސްޓްހައުސް ހުންނަ ސަރަހައްދަށް މިރޭ އެއްވެ އިހުތިޖާޖުކޮށްފައެވެ.
ފުލުހުން ބުނީ، އުކުޅަހު ގެސްޓްހައުސެއްގައި ކްރިސްމަސް ފާހަގަކުރަމުންދާކަމުގެ މައުލޫމާތެއް ލިބިފައިވާތީ އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެ ގެސްޓްހައުސްގައި ހުރި ކްރިސްމަސް ގަސް، ފުލުހުން މިހާރު ވަނީ އެ ގެސްޓްހައުސްގެ ގުދަނަށް ވައްދައިފައެވެ.
މީގެ ކުރިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ކ. މާފުށީގައި ކްރިސްމަސް ގަހެއް ބެހެއްޓި މައްސަލައެއް ވެސް ވަނީ ބޮޑުވެފައެވެ. ކާނި ބީޗް ގެސްޓްހައުސް ބޭރުގައި ބަހައްޓާފައި ހުރި އެ ކްރިސްމަސް ގަސް ފުލުހުން އޭރު ނަގާފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.
ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރާ ގާނޫނުގައި ދީނީ ކަންކަމަށް ފުށޫ އަރާ ކަންތައްތައް ނުކުރެވޭނެ ކަމަށް ސާފުކޮށް ބަޔާންކޮށްފައިވެއެވެ. ހާއްސަކޮށް ކްރިސްމަސް ފަދަ ހަރަކާތްތައް ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ކުރިއަށް ގެންދިއުމަކީ ގާނޫނުން މަނާ ކަމެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު