ރިޝްވަތު ދިނުމަށް ކުރީގެ ރައީސް އަބުދުﷲ ޔާމީނަށް އެހީތެރިވުމާއި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާއިން މަނީލޯންޑާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާގެ މައްޗަށް އުފުލާފައިވާ ދައުވާތަކުން ދިފާއުވުމަށް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ދެ މޭސްތިރިން ކަމަށްވާ އަހުމަދު އަދީބާއި އަބްދުﷲ ޒިޔަތުގެ ހެކިބަސް ބަލައި ނުގަތުމަށް ރިޒާގެ ފަރާތުން އެދިއްޖެއެވެ.

ރިޒާގެ މައްޗަށް ދައުލަތުން އެ ދެ ދައުވާ ކުރަނީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ މެދުވެރިކޮށް، ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ރ. ފުއްގިރި ކުށްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެ ފައިސާ މަނީ ލޯންޑާ ކުރިކަމަށް ބުނާ މައްސަލައިގައެވެ.

މި ދެ މައްސަލަައިގައިވެސް ކޯޓުގައި ކުރިއަށްދަނީ ޝަރީއަތުގެ ކުރިން ދެ ފަރާތުން ހުށަހަޅަންޖެހޭ ހުށަހެޅުންތަކާ ބެހޭ މަރުހަލާއެވެ. މީގެ ކުރިން ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅައިފައެވެ. އޭގެ ތެރޭގައި ރިޒާއާ ދެކޮޅަށް ބޭނުންކުރާ ބައެއް ހެކިތައް ސިއްރުކުރުމުގެ އަމުރަކަށް ވަނީ އެދިފައެވެ. ދައުލަތުން އެގޮތަށް އެދުނީ ބައެއްގެ ޒާތީ މައުލޫމާތު ހާމަވެދާނެތީއެވެ.

ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި އެ މައްސަލައިގެ ޝަރީއަތަކީ ދައުލަތުގެ ފަރާތުން ހުށަހެޅި ހުށަހެޅުންތަކަށާއި ރިޒާގެ ފަރާތުން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް ބޭއްވި ޝަރީއަތެކެވެ.

ޝަރީއަތުގައި ވާހަކަ ދައްކަވަމުން ރިޒާގެ ވަކީލުންގެ ޓީމުގައި ހިމެނޭ ހުސްނީ މުބާރިކް ވަނީ ރިޒާއާ ދެކޮޅަށް ހުށަހަޅާފައިވާ ދެ ހެކިވެރިން ކަމަށްވާ އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައިނުގަތުމަށް އެދިފައެވެ. އޭނާ އެގޮތަށް އެދުނީ އެ ދެ މީހުންނަކީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލަ ފުއްގިރިގެ މައްސަލަ ހިމެނޭހެން ސާބިތުވެފައިވާ ދެ މީހުންގެ އިތުރުން އިއުތިރާފު އެއްބަސްވުމުގެ ދަށުން އެ މީހުންގެ އެމްއެމްޕީއާރްސީގެ މައްސަލައިގެ ހިމެނޭ މީހުނާ ދެކޮޅަށް ހެކިބަސް ދެނީ އަމިއްލަ މަސްލަހަތުގެ ފައިދާއަށް ކަމުގައިވުމުން ކަމަށެވެ.

ހުސްނީ މުބާރިކް ވިދާޅުވީ ރިޒާއަށް ކުރެވޭ ދައުވާއަށް ފުރިހަމަ ގޮތުގައި ދިފާއުވުމުގެ ފުރުސަތު ލިބޭނީ އަދީބާއި ޒިޔަތަށް ފުލުހުންކުރި ސުވާލުތަކުގެ ވީޑިއޯ އަދި އޯޑިއޯ ރެކޯޑިންތައް ލިބިގެން ކަމަށެވެ. އެގޮތަށް އެދެން ޖެހުނީ ދައުލަތުގެ ފަރާތުން މައްސަލައިގެ ބޭރުން ހެކި އުފައްދައިގެން ކޯޓަށް ހުށަހަޅާ ކަމަށް ތުހުމަތުކޮށެވެ. އަދީބާއި ޒިޔަތު ތަހުގީގަށް ދިން ބަޔާންކަމަށް ބުނެ ދައުލަތުގެ ފަރާތުން ވަނީ ކިތާބީހެކި ހުށަހަޅައިފައެވެ. ހުސްނީ މުބާރިކު ވިދާޅުވީ އެ ކިތާބީ ހެކިތަކުގެ ސައްހަކަން ކަށަވަރަ ކުރެވޭނީ ވީޑިއޯ އަދި އޯޑިއޯ ރެކޯޑިން އަޑުއެހުމަށްފަހު ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ އަދީބާއި ޒިޔަތަކީ "ފާސިގުން" ދަރަޖައަށް ގޮސްފައިވާ މީހުންނަށްވުމުން އެ މީހުންގެ ހެކިބަސް ބަލައި ނުގަނެވޭނެ ކަމަށެވެ. އެ ވާހަކަތަކާ ގުޅިގެން ދައުލަތުން ވިދާޅުވީ އަދީބާއި ޒިޔަތަށް، ފުލުހުން ތަހުގީގު މަރުހަލާގައި ސުވާލުކުރިއިރު ވީޑިއޯ ކޮށްފައިނުވާނެ ކަމަށެވެ. އަދި އޯޑިއޯ ރެކޯޑިން އެއްވެސް ނުހުންނާނެ ކަމަށެވެ.

ދައުލަތުގެ އެ ވާހަކަތަކާ ގުޅިގެން ހުސްނީ މުބާރިކު ވިދާޅުވީ ކުށެއްގެ ތުހުމަތުގައި ސުވާލުކުރެވޭ ކޮންމެ މީހަކާ ސުވާލުކުރާއި ވީޑިއޯ އަދި އޯޑިއޯ ރެކޯޑިން ކުރަން ޖެހޭ ކަމަށެވެ. ނަމަވެސް ދައުލަތުން ވިދާޅުވީ އޭރު އަދީބާއި ޒިޔަތާ ފުލުހުން ސުވާލުކުރީ މައްސަލައިގެ މައުލޫމާތު ސާފުކުރަން ކަމަށާއި ތުހުމަތު ކުރެވިގެން ނޫން ކަމަށެވެ. އަދި ވިދާޅުވީ އެ ދެ މީހުންގެ ބަޔާނުގައިވާ ކަންކަން ސާބިތުކުރުމަށް އިތުރު ހެއްކާއި ގަރީނާ ހުށަހަޅާފައިވާނެ ކަމަށެވެ.

ރިޒާގެ ވަކީލުންގެ ޓީމުގައި މަސައްކަތް ކުރައްވާ އިސްމާއީލް ވިޝާމު ވިދާޅުވީ ރިޒާގެ ފަރާތުން ހުށަހެޅި ބައެއް ހެކިތައް ބަލައި ނުގަތުމަށް ދައުލަތުން އެދުނީ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި ވިދާޅުވީ ދައުލަތުން އެ ހެކިތައް ބަލައިނުގަތުމަށް އެދުނީ ތަހުގީގު މަރުހަލާގައި ރިޒާ ހަނުހުރުމުން ކަމަށެވެ.

ވިޝާމު ވިދާޅުވީ އަމިއްލަ ނަފުސާ ދެކޮޅަށް ހެކިބަސް ނޫނީ މައްސަލައިން ދިފާއުވުމަށް ހުރަސް އެޅިދާނެ އެއްވެސް މައުލޫމާތެއް ހާމަ ނުކުރުމުގެ އިހުތިޔާރު ގާނޫނުން ލިބިދޭ ކަމަށެވެ. ވިޝާމު ވަނީ އެކަމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމު ލިޔުއްވާފައިވާ ބްލޮގެއް ވެސް ކޯޓަށް ހުށަހަޅައިފައެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ރިޒާގެ ފަރާތުން ހުށަހެޅި އިތުރު ހެކިތަކެއް ބަލައިނުގަތުމަށް ވެސް އެދިފައެވެ. އެއީ ރިޒާއާ ގުޅުން އޮންނަ ވިޔަފާރިއެއްގެ ބައެއް ލިޔެކިޔުންތަކެވެ. އަދި ލިޔެކިޔުންތައް ހެކީގެ ގޮތުގައި ހުށަހެޅުމުގެ ފުރުސަތު ނުދިނުމަށް ވެސް ދައުލަތުން ވަނީ އެދިފައެވެ. ރިޒާގެ ފަރާތުން ހުށަހެޅީ އޭ އެންޑް އޭ ކިޔާ ކުންފުންޏަކާއެކު 1.5 މިލިއަން ޑޮލަރުގެ ސައްހަ ވިޔަފާރިއެއް ކުރި ކަން ސާބިތު ކުރަން ހުށަހެޅި ލިޔެކިޔުންތަކެކެވެ.

ދައުލަތުން ވިދާޅުވީ އެ ކުންފުނިން ޖީއެސްޓީ ނުދައްކާ ކަމަށާއި އަދި އެ ވިޔަފާރީގެ އިސް މަގާމެއްގައި ރިޒާ އުޅެފައިވުމުން އެއީ ސައްހަ ހެކިތަކަކަށްވުމުގެ ފުރުސަތު ކުޑަ ކަމަށެވެ. އަދި އެއީ ވަކި ދުވަސްވަރެއްގައި ވިޔަފާރިކުރާ ކުންފުންޏެއް ކަމަށާއި ދާއިމީ ގޮތެއްގައި ވިޔަފާރިކުރާ ކުންފުންޏެއް ނޫން ކަމަށެވެ.

ނަމަވެސް ވިޝާމު ވިދާޅުވީ އެ ކުންފުނިން ބަރާބަރަށް ޖީއެސްޓީ ދައްކާފައިވާނެ ކަމަށާއި އަދި އެއީ ވަކި ދުވަސްވަރެއްގައި ވިޔަފާރިކުރާ ކުންފުންޏެއް ނޫން ކަމަށެވެ. އަދި އެއީ ދާއިމީކޮށް ހުރިހާ ދުވަސްވަރެއްގައި ވެސް ވިޔަފާރި ކުރަމުން އަންނަ ކުންފުންޏެއް ކަމަށެވެ.

މި މައްސަލައިގެ މިއަދު އަޑުއެހުން ނިންމާލަމުން ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލު ވިދާޅުވީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ ގުޅޭގޮތުން މިއަދުގެ އަޑުއެހުމުގައި ގޮތެއް ކަނޑައެޅުމަށް މަސައްކަތް ކުރި ނަމަވެސް އެކަން ވެފައި ނުވާ ކަމަށެވެ. ދެން އަންނަ އަޑުއެހުމެއްގައި ޝަރީއަތުން އެކަމަށް ގޮތެއް ކަނޑައަޅާނެ ކަމަށާއި މިއީ ދެ ގަޑިއިރަށް ވުރެ ދިގު ޝަރީއަތަކަށްވުމުން ދެއްކެވި ވާހަކަތައް ލިޔުމަށް ވަގުތު ބޭނުންވާނެ ކަމަށެވެ. ނަމަވެސް މަސައްކަތް ކުރާނީ ވީހާވެސް އަވަހަަށް ޝަރީއަތެއް ބޭއްވުމަށް ކަމަށް ގާޒީ ޝަކީލު ވަނީ ވިދާޅުވެފައެވެ.