އިސްލާމީ ތާރީޚު

ނަބަވީ ސީރަތާއި އިންސާނީ ނަފުސިއްޔާތު - 1

އަބްދުﷲ ފާރޫގް ހަސަން

ސަނާ ވަޙީކުރެއްވުން

އަރަހުށި މާތް اللّـه سبحـانــه وتـعــالــى ކީރިތި ޤުރްއާނުގައި ނަބީބޭކަލުންގެ މުޤައްދަސް ޖަމާޢަތުގެ ވާހަކަ ބަޔާންކުރައްވައިފައިވަނީ ނުހަނު ލޮބުވެތި ބަސްފުޅުތަކަކުންނެވެ. ޚާއްޞަ ޢިއްޒަތް ދެއްވުމަކާއި މާތްކޮށް ހިއްތެވުމަކާ އެކުގައެވެ. އެކިއެކި ނަބީބޭކަލުންނަށްވަނީ އެކިއެކި ލަޤަބުފުޅުތަކާއި ތާރީފުގެ ނަންފުޅުތައް ބޭނުންކުރައްވައިފައެވެ. އެކިއެކި ބޭކަލުންގެ އިމްތިޔާޒީ ސިފަފުޅުތައްވެސް ބަޔާންކުރައްވައިފައިވަނީ ނުހަނު ރީތި އަދި އެހައިމެ ފުރިހަމަ ސިފަކުރެއްވުމެއްގެ ގޮތުގައެވެ.

އެގޮތުން إبــراهيــم عـليــه السّـلام އާ ބެހޭގޮތުން ވަޙީކުރައްވައިފައިވަނީ، "اللّــه މިތުރަކުކަމުގައި إبــراهيــم ގެފާނު ހިއްޕެވިއެވެ." (الـنّسـاء: 125) މިފަދައިންނެވެ. އާދެ، إبــراهيــم ގެފާނަކީ خـليــل اللّــه ކަން ވަނީ އިޢުލާން ކުރައްވައިފައެވެ. إبــراهيــم ގެފާނުގެ ދަރިކަލުން إسمــاعـيـل ގެފާނާ ބެހޭގޮތުންވަނީ ވަޢުދު ފުއްދެވުމުގައި ތެދުވެރި ބޭކަލަކު ކަމުގައްޔާއި، ރަސޫލެއްކަމުގައްޔާއި، ނަބިއްޔެއްކަމުގައި ވަޙީކުރައްވައިފައެވެ. އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟުރަތުގައި ރުއްސުންލައްވައިފައިވާ ބޭކަލަކުކަން އަންގަވައި އެކަމުގެ ޚިޠާބު ދެއްވައިފައެވެ. (مــريــم: 55، 56)

ކީރިތި ޤުރްއާނުގައި އެބޭކަލެއްގެ ވާހަކަފުޅުތައް އެންމެގިނައިން އައިސްފައިވާ ނަބީބޭކަލަކީ ބަނޫއިސްރާއީލުގެ ދަރަޖަމަތިވެރި ނަބީބޭކަލެއްކަމުގައިވާ مــوسـى عـليــه السّـلام އެވެ. އެކަލޭގެފާނާ ބެހޭގޮތުން ވަޙީކުރައްވައިފައިވެއެވެ. "އޭ مــوسـى ގެފާނޭވެ! ތިމަންރަސްކަލާނގެ ރަސޫލުކަމާއި އަދި ބަސްވަޙީކުރެއްވުމުން މީސްތަކުންގެ މައްޗަށް ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭގެފާނު ޚިޔާރުކުރައްވައިފީމެވެ." (الأعــــراف: 144) އާދެ، މިގޮތުން مــوسـى عـليــه السّـلام އަށް އެވަނީ كـلـيــم اللّــه ގެ ލަޤަބު ދެއްވައިފައެވެ. داؤد ގެފާނުގެ ވާހަކަ ބަޔާންކުރައްވާއިރު ވަޙީކުރައްވައިފައިވެއެވެ. "އަދި ތިމަންރަސްކަލާނގެ އަޅު داؤد ގެފާނު ހަނދުމަކުރައްވާށެވެ! އެކަލޭގެފާނީ ބާރުގަދަ ބޭކަލެކެވެ. ހަމަކަށަވަރުން އެކަލޭގެފާނީ ތައުބާވެވަޑައިގަންނަވާ ބޭކަލެކެވެ.
(ص: 17) داؤد ގެފާނުގެ ދަރިކަލުން سليمـان ގެފާނުގެ ވާހަކަ ބަޔާންކުރައްވާއިރު ނުހަނު ލޮބުވެތި ބަސްފުޅަކުން ވަޙީކުރައްވައިފައިވެއެވެ. "އެއަޅާގެ ރަނގަޅުކަމާއެވެ! ހަމަކަށަވަރުން އެކަލޭގެފާނީ ގިނަގިނައިން ތައުބާވެވަޑައިގަންނަވާ ބޭކަލެކެވެ." (ص: 30) މިގޮތުން ކީރިތި ޤުރްއާނުގައި އެތަކެއް ނަބީބޭކަލުންގެ ވާހަކަ ބަޔާންކުރައްވައި އެބޭކަލުންނަށްވަނީ ތާރީފު ވަޙީކުރައްވައިފައެވެ. ޤަދަރުމަތިވެރި ލަޤަބުފުޅުތައް ދެއްވައިފައެވެ.

އަޅުގަނޑުމެންގެ މާތް ނަބިއްޔާ إمــــام الأنـبـيــاء محمّد مصطفــى صلّــى اللّــه عليـه وسلّـم ގެ ވާހަކަ ބަޔާންކުރައްވާއިރު ލޮބުވެތިކަން ފާޅުކުރައްވައިފައިވަނީ ނިހާޔަތަށެވެ. އެމާތް ސާހިބާއަށް ދެއްވައިފައިވަނީ مــزمّـــل އާއި مـدّثـــر ފަދަ ނަންފުޅުތަކެވެ. އުފާވެރިކަމުގެ ޚަބަރު ދެއްވަނީ "އަދި ކަލޭގެފާނަށްޓަކައި ތިމަންރަސްކަލާނގެ ކަލޭގެފާނުގެ ނަންފުޅު މަތިވެރި ކުރެއްވީމެވެ." (الشّـرح: 4) "ހަމަކަށަވަރުން ތިމަންރަސްކަލާނގެ ގިނަގުނަވެގެންވާ ހެޔޮކަން (އޭގެތެރޭގައި كــوثـــر އޭ ކިޔުނު އާރުވެސް) ކަލޭގެފާނަށް ދެއްވީމެވެ." (الـكــوثـــر: 1) މިފަދަ މާތްކަންކަމުގެ ވާހަކައިންނެވެ. ހަމައެފަދައިން އަރަހުށި މާތް اللّــه ދުނިޔެއާއި އާޚިރަތުގައި އެމާތް ސާހިބާއާ ރުހިވޮޑިގެންވާކަންވެސްވަނީ އިޢުލާންކުރައްވައިފައެވެ. އެމާތް ސާހިބާގެ އިސްވެދިޔަހައި ކުށްފާފަތަކާއި އަންނާންއޮތް ކަންތައްތަކުގެ ފާފަވެސްވަނީ ފުއްސަވައިދެއްވައިފައެވެ. އެކަލާނގެ ނިޢުމަތް ފުރިހަމަކޮށްދެއްވައި ތެދުމަގަށް މަގުދައްކަވައިފައެވެ. އަދި ގަދަފަދަވެގެންވާ ނަޞްރަކުން ނަޞްރު ދެއްވައިފައިވާކަމުގައިވަނީ އަންގަވައިފައެވެ. (الـفـتـح: 2، 3) އެމާތް ސާހިބާއަކީ ނަބީބޭކަލުންގެ إمــــام އެވެ. ހުރިހައި މަޚުލޫޤާތުތަކެއްގެ ވެރި މާތް اللّــه ގެ ޙަޟްރަތުގައި އެންމެ ލޮބުވެތި ޝަޚްޞިއްޔަތެވެ. އެހެންކަމުން އެމާތް ސާހިބާއާ ބެހޭގޮތުން ވަޙީކުރައްވައިފައިވެއެވެ. "ހަމަކަށަވަރުން اللّــه އާއި އެކަލާނގެ މަލާއިކަތުން ނަބިއްޔާގެ މައްޗަށް ޞަލަވާތް ލައްވަތެވެ. އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން އެކަލޭގެފާނުގެ މައްޗަށް ޞަލަވާތްލެއްވުންއެދި ދުޢާކުރާށެވެ! އަދި އެކަލޭގެފާނުގެ މައްޗަށް ސަލާމްލެއްވުންއެދި ތިޔަބައިމީހުން ގިނަގިނައިން ދުޢާކުރާށެވެ!" (الأحــزاب: 56) އާދެ، މިމާތް އާޔަތުގައި މިވަނީ އެންމެހައި މުއުމިން އިންސީންނާއި ޖިންނީންނަށް އެމާތް ސާހިބާގެ މައްޗަށް ޞަލަވާތް ކިޔެވުމަށާއި ސަލާމްލެއްވުންއެދި ދުޢާކުރާން އަމުރުކުރައްވައިފައެވެ.

މިދެންނެވި ހުރިހައި މާތްކަމެއް ދެއްވައިފައިވުމާއެކުވެސް އެމާތް ނަބިއްޔާގެ ނުބުއްވަތުގެ ޚާއްޞަ އިމްތިޔާޒީ ސިފަފުޅު ފޮރުވިފައިވަނީ رحـمــة لّلعـالمـيـن މި ލަޤަބުފުޅުގައެވެ. އަޅުގަނޑުމެން ވިސްނައިލުމުން ނުހަނު ޞަރީޙަކޮށް އެނގެނީ އިލާހީ ޙަޟްރަތުން އެމާތް ސާހިބާއަށް ދެއްވައިފައިމިވާ މަތިވެރި ލަޤަބުފުޅުގައި މުޙައްމަދީ ރިސާލަތުގެ މުޅި ރޫޙު އެކުލެވިފައިވާކަމެވެ. އެންމެހައި ނަބީބޭކަލުންގެ ތެރެއިން މިމަތިވެރި އިމްތިޔާޒީ ލަޤަބު ލިބިވަޑައިގެންފައިވަނީ ހަމައެކަނި خــاتــم الأنـبـيــاء محمّد مصطفــى صلّــى اللّــه عليـه وسلّـم އަށެވެ. އެމާތް އިތުރު ސާހިބާގެ ރިސާލަތު އަމާޒުވެފައިވަނީ ވަކިޤައުމަކަށް ވަކިތަނަކަށެއް ނޫނެވެ. ވަކިވޭލަޔަކަށް ނޫނެވެ. ތާއަބަދަށެވެ. ޤިޔާމަތާ ހަމަޔަށެވެ. ކޮންމެ އިންސިއަކަށާއި ޖިންނިއަކަށެވެ. އެކަލޭގެފާނު ގެންނެވި އިލާހީ މެސެޖަށްފަހު އެހެން އެއްވެސްފަރާތަކުން އިލާހީ މެސެޖެއް ގެންނެވުމެއް ނުވެއެވެ. އެމާތް ސާހިބާ ގެންނެވި ނިޒާމަށްފަހު އެހެން އެއްވެސް ނިޒާމެއްގައި ގަބޫލުކުރުމުގެ އެކަށޭނަކަމެއް ނުވެއެވެ. އެހެނީ އުޑުތަކާއި ބިންތަކުގެ ޚާލިޤު އަމިއްލަ ޒާތުފުޅުންވަނީ އެކަން އިޢުލާން ކުރައްވައިފައެވެ. އެކަލާނގެ ވަޙީކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ.

"ތިޔަބައިމީހުންގެ ބޮޑެތި ފިރިހެނުންގެ ތެރެއިން އެކެއްގެވެސް ބަފައިކަލަކު ކަމުގައި محمّد ގެފާނު ނުވެއެވެ. އަދި ކީއްހެއްޔެވެ! (އެކަލޭގެފާނީ) اللّــه ގެ ރަސޫލާއެވެ. އަދި ނަބީކަން ޚަތިމުކުރެއްވި ކަލޭގެފާނުވެސްމެއެވެ." (الأحــزاب: 40).

ކައުސާހިބާ صلّــى اللّــه عليـه وسلّـم އަކީ رحـمــة لّلعـالمـيـن ކަމުގައިވެވަޑައިގެންނެވުމުގެ ލާޒިމީ ނަތީޖާއަކީ އެމާތް ސާހިބާގެ ސީރަތަކީ އިންސާނީ ނަފްސިއްޔާތާ ކުޑަކޮށްވެސް ކަސިޔާރުވުމެއްނެތް މުޅިން އެއްގޮތް ސީރަތެއްކަމުގައިވުމެވެ. އެގޮތުން މެނުވީ ތަފާތު އެތަކެއް ޚަޞީލަތްތަކާއި ފިކުރިއްޔާތެއްގެ އެތަކެއްހާސް ބަޔަކު އެމާތް ސާހިބާ އަރިހަކަށް ޖަމަޢެއް ނުކުރެއްވުނީހެވެ. އެހެން ޢިބާރަތަކުން މިވާހަކަ ވިދާޅުވާން ބޭނުންފުޅުކަމުގައިވާނަމަ އަންނަނިވި ޢިބާރާތުންވެސް ވިދާޅުވެވިދާނެއެވެ. އާދެ ކައުސާހިބާ صلّــى اللّــه عليـه وسلّـم ގެ ރީތި ސީރަތު އިންސާނީ ނަފްސިއްޔަތާ ސައްތައިންސައްތަ އެއްގޮތް ނޫންނަމަކަ ތަފާތު އެކި މިޒާޖުގެ ތަފާތު ޠަބީޢަތުގެ އެތަކެއް މިލިޔަން ބަޔަކު އިސްލާމްދީނުގެ މަންސަޔަކަށް ޖަމަޢެއް ނުކުރެއްވުނީހެވެ. އެމާތް ސާހިބާ ގެންނެވިފަދަ އަފޫރުއްބަ އިންޤިލާބެއް އެންމެ ތޭވީސްއަހަރުގެ ކުރުމުއްދަތުގެ ތެރޭގައި ގެންނެވުންވީހީ ނާމުމްކިނު ކަމެއްކަމުގައެވެ. އެއިންޤިލާބަކީ ކޮންފަދަ އިންޤިލާބެއްތޯއެވެ. މުޅި އިންސާނީ ތާރީޚުންވެސް ދެވަނަ މިސާލެއް ނުފެންނަފަދަ އިންޤިލާބެކެވެ.

އެއްމިސްރާބަކަށް

ކައުސާހިބާ صلّــى اللّــه عليـه وسلّـم ނުހަނު ފުޅާދާއިރާއެއްގައި ގެންނެވި ވަރުގަދަ އިންޤިލާބުގެ ސަބަބަކީ ކުރީންވެސް ދެންނެވިފަދައިން އެމާތް ސާހިބާގެ ސީރަތާ އިންސާނީ ނަފުސިއްޔަތާ އެއްވެސް މަރުޙަލާއެއްގައި ފުށުއެރުމެއް ނެތުމެވެ. ވަޑިފަތިނުވުމެވެ.

مــولانــا محمّد رابــع حسنـى نــدوى ލިޔުއްވައިފައިވެއެވެ. "އިތުރު ސާހިބާ صلّــى اللّــه عليـه وسلّـم ގެ ރިސާލަތު ވަނީ އެތައްދާއިރާތަކަކަށް އަލިއަޅުއްވައިފައެވެ. އެއްނަސްލަކަށްފަހު އަނެއްނަސްލަކަށް ރައްދުވަމުންއައި އިސްވާރުކަމުގެ ހުރިހައި ފުރިހަމަކަމެއް އެމާތް ޒާތުފުޅުގައިވަނީ ޖަމާވެފައެވެ. އިންސާނީ އެންމެ މަތިވެރި އަޚްލާޤު ވަނީ އެމާތް ސާހިބާގެ ޝަޚުޞިއްޔަތުގައި ބިންވަޅު ނެގިފައެވެ. އެމާތް ސާހިބާ ވަނީ ވަރަށް ތަނަވަސް އަދި އެހައިމެ ފުޅާދާއިރާއެއްގެ ޢިލްމީ އަދި ފިކުރީ ހޭލުންތެރިކަމެއް އުފައްދަވައިފައެވެ. އެމާތް ސާހިބާ އިސްލާމީ ދިރިއުޅުން ބިނާކުރެއްވީ ފަރުދީގޮތުންވެސް އިޖުތިމާޢީގޮތުންވެސް ވަރަށް ވަރުގަދަ ބިންގަލެއްގެ މަތީގައެވެ. އެމާތް ސާހިބާގެ ޝަޚުޞިއްޔަތަކީ އިންސާނީ ތާރީޚުގެ ވަރަށްވެސް ރަންކުލަގަދަ ބާބެއްގެ ފެށުމެވެ. އޭގެކުރީން ދުވަހަކުވެސް ފެނިފައިނުވާފަދަ ފުރިހަމަ ބާބެކެވެ. އެބާބުގައި ދީންވެސް ދުނިޔެވެސްވަނީ އެކުލެވިފައެވެ. އަޚުލާޤާއެކު ސިޔާސަތުވެސް ވަނީ ޝާމިލުވެފައެވެ. ދަޢުވަތާއި ޢަމަލުވެސްމެއެވެ. އެބާބުގައިވަނީ އިންސާނިއްޔަތުގެ ޚިދުމަތާއެކު ޙައްޤު ދިފާޢުކުރުންވެސް އެކުލެވިފައެވެ. ހަތިޔާރުގެ ބޭނުންކޮށްގެން ޖިހާދުކުރުމާއި ބާރުގެ އަޖުމަބެލުންވެސްވަނީ ޝާމިލުވެފައެވެ. އެބާބުގައިވަނީ ޞުލްޙަވެރި ދިރިއުޅުމެއް އުޅޭނެ މަގުދައްކައިދީފައެވެ. މިހުރިހައި ފުރިހަމަ ކަމަކާއެކު އިންސާނީ ތާރީޚު ފަށައިގަނެވުމަކީ ވަރަށްވެސް ފުރިހަމަ އަދި އެހައިމެ މަތިވެރި ދައުރެއްގެ ފެށުމެވެ. އެދައުރުގައިވަނީ އިންސާނީ ޙަޔާތުގެ ހުރިހައި ކަމަކަށާއި ހުރިހައި ދިމަދިމާޔަކަށް ހިޔާލިބިދީފައެވެ. އިންސާނީ ތަފާތު ޖަމާޢަތްތަކާއި ވިލިތައް އެއްގިލަފައްޗަކަށް އަމުނައިލީ އެމަތިވެރި ރަސޫލާގެ ސާފު ޝަރީޢަތެވެ. އެންމެހައި އިންސާނުންނަކީ އެއްމަގަކުން އެއްވިސްނުމަކާއެކު އެއްމަންޒިލަކަށް ދަތުރުކުރާ ދަތުރުވެރީންކަމުގައި ހެދީ އެމަތިވެރި ޝަރީޢަތެވެ. އެމަގަކީ ހެޔޮކަމާއި ޙައްޤާއި މަތިވެރިކަމުގެ މަގެވެ."

ޝައްކެއްނެތެވެ. ކޮންމެ ދާޢީއެއްގެ ދަޢުވަތުގައިވަނީ ތަފާތު ފާޑުވެރިކަމެކެވެ. ކޮންމެ މުފައްކިރެއްގެ ފިކުރުފުޅު ގެންގުޅުއްވިގޮތް ތަފާތެވެ. ކޮންމެ މުޞަންނިފެއްގެ ލިޔުއްވުމުގައި ހުންނަނީ ތަފާތު ރަހައެކެވެ. ކޮންމެ މުބައްލިޣަކުވެސް ދީނަށް ގޮވައިލެއްވުމުގައި ގެންގުޅުއްވަނީ ތަފާތު އަމިއްލަފުޅު އުސްލޫބެކެވެ. ކޮންމެ އިންސާނެއްގެ ޙަޔާތުގައިވެސް އެމީހެއްގެ ޚާއްޞަ އިމްތިޔާޒީ ސިފައެއް ހުރެއެވެ. ކޮންމެވެސް އަމިއްލަވަންތަގޮތެއް އެކުލެވިފައިވެއެވެ. ކޮންމެ ޤައުމެއްގެ ކޮންމެ ދީނެއްގެ މީހެއްކަމުގައިވިޔަސްވެހެވެ. ޝައްކެއްނެތެވެ. އެންމެހައި ނަބީބޭކަލުންނަކީވެސް އިންސާނުންނެވެ. އެހެންކަމުން އެބޭކަލުންގެ ބަރަކާތްތެރި ޙަޔާތްޕުޅުންވެސް ކޮންމެވެސްކަމެއް އެބޭކަލެއްގެ އިމްތިޔާޒީކަމެއްގެ ގޮތުގައި ފާހަގަކުރެވިގެން އާދެއެވެ. މިސާލެއްގެގޮތުން ދަންނަވާނަމަ إبــراهيــم عـليــه السّـلام ގެ ޙަޔާތްޕުޅު ތުއްރަވާހަކީ ކެތްތެރިވެވަޑައިގެންނެވުމާއި ބަރުދާސްކުރެއްވުމެވެ. އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ރަސްކަންފުޅަށް ނިހާޔަތަށް ވަފާތެރިވެވަޑައިގެންނެވުމެވެ. يــوسف عـليــه السّـلام ގެ ޙަޔާތްޕުޅުން ފާހަގަވެފައިވާ ކުރިބޯއްޓަކީ ކެތްތެރިވެވަޑައިގެންނެވުމާއި އެންމެ ނުރައްކާތެރި ނުސިޔާނު ޙާލަތްތަކުގައިވެސް ޝަކުވާ ކުރެއްވުމުން އެއްކިބާވެވަޑައިގެންނެވުމެވެ. مــوسـى عـليــه السّـلام ގެ ޙަޔާތްޕުޅުގެ އިމްތިޔާޒަކީ ކީރިތި މޫރިތިކަމާއި އަބުއިކަމެވެ. عيسـى عليـه السّــلام ގެ ޙަޔާތްޕުޅުން ފާހަގަކުރެވެނީ ފުރިހަމަކަމާއި ރީތިކަމެވެ. އެކަމަކު މިހުރިހައި ރީތި ފުރިހަމަ ސިފަފުޅުތަކުގެ ތެރެއިން އެއްވެސް ސިފަފުޅަކީ އެސިފަފުޅުތަކުގެ ލޮބުވެތިކަމާއި ފުރިހަމަކަމާއެކުވެސް އޭގެ ސަބަބުން ފިކުރީ ދަޢުވަތަކަށްވެސް އެއްވެސްމީހަކު ހިންގައިލާ ނިޒާމަކަށްވެސް ދާއިމީ ކަމެއްގެ މަގާމު ލިބޭނެ ސިފަފުޅެއް ނޫނެވެ.

މެދުމިންކަން

އެހެނިހެން ނަބީބޭކަލުންގެ ޙަޔާތްޕުޅުން އަޅުގަނޑުމެން އިމްތިޔާޒީ ސިފަފުޅަކީ ކޮބައިކަން ފާހަގަކުރާފަދައިން އިސްލާމްދީނުގެ ނަބިއްޔާގެ ޙަޔާތްޕުޅާމެދު ވިސްނާއިރު ފާޅުކަންބޮޑު ގޮތެއްގައި ފެންނަނީ މެދުމިންކަމެވެ. އެމާތް ސާހިބާގެ ނުބުއްވަތަށް ނުވަތަ ސީރަތަށް އަބަދަށް ދެމިހުރުމުގެ ސިފަލިބިފައިވަނީ މެދުމިންކަމުގެ ސަބަބުންނެވެ. ކައުސާހިބާ صلّــى اللّــه عليـه وسلّـم ފިޔަވައި އެހެންހުރިހައި ނަބީބޭކަލުންގެ ދަޢުވަތަކީވެސް ވަކިސަރަޙައްދަކަށް ނުވަތަ ތަފާތު ޤައުމަކަށް ޚާއްޞަ ނުބުއްވަތެކެވެ. އެބޭކަލުންގެ ނަބީކަން އެއަށްވުރެ ބޮޑަށް ފުޅާވެފައެއް ނުވެއެވެ. މެދުކެނޑުމެއްނެތި ދެމިހުރުމެއްވެސް ލިބިފައެއް ނުވެއެވެ. ކީރިތި ޤުރްއާނުގެ އަންނަނިވި އާޔަތުން ހާމަކުރައްވައިފައިވަނީ އެޙަޤީޤަތެވެ.

(ނުނިމޭ)