ބޮލީވުޑަކީ ހުނަރަށް ވުރެ ނުފޫޒުގެ ބާރު ހިނގާ ވަކި ބަޔަކަށް ހާއްސަ ''އެކްސްކްލޫސިވް ކުލަބެއް'' ކަމަށް ބުނެ އިންޑަސްޓްރީއަށް ވިވެކް އޮބެރޯއި ފާޑުކިޔައިފިއެވެ.

މީގެ ކުރިން ބޮލީވުޑްގައި ވިދާލި ވިވެކް އޮބެރޯއިގެ ތަރި ވަނީ އިންޑަސްޓްރީގައި ފަހަކަށް އައިސް ފަނޑުވެގެން ގޮސްފައެވެ. އަދި މިހާރު ކާމިޔާބު ވެބް ސީރީސް ''އިންސައިޑް އެޖް 3'' ގައި މުހިއްމު ރޯލެއް ކުޅެމުން އަންނަ ވިވެކް ވަނީ ''ހިންދުސްތާން ޓައިމްސް'' އަށް ދިން ހާއްސަ އިންޓަވިއުއެއްގައި އޭނާގެ ކެރިއަރުގެ 20 އަހަރު ދުވަހުގެ ތަޖުރިބާގެ ވާހަކަތައް ވެސް ހިއްސާކޮށްފައެވެ. އެގޮތުން މިހާތަނަށް އައިއިރު އިންޑަސްޓްރީގައި އޭނާއަށްވެސް ހެދުނު ގޯސްތައް އެބަހުރިކަމަށާއި ނަމަވެސް އެއިން އެއްވެސް ކަމަކާ ހިތާމަ ނުކުރާ ކަމަށް އޭނާ ވަނީ ބުނެފައެވެ. އޭގެ އިތުރުން ވިވެކް ވަނީ އިންޑަސްޓްރީގައި ހުރި ކަންބޮޑުވުންތައްވެސް ހިއްސާކޮށްފައެވެ.

ބޮލީވުޑްގައި ހިފަހައްޓާލުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި ހާއްސަކޮށް އަލަށް އިންޑަސްޓްރީއަށް ނުކުންނަ މީހުންނަށް އެމީހެއްގެ ހުނަރު ދިރުވައި ކުރިއަރައިދިއުމުގެ ފުރުސަތު ހަނި ކަމުގައި ވިވެކް ވަނީ ބުނެފައެވެ. އިންޑަސްޓްރީއާ މެދު އޭނާގެ އެންމެ ބޮޑު ޝަކުވާ އަކީ އަލަށް ނުކުންނަ މީހުންނަށް އެ ފުރުސަތު ގެއްލިގެން ދަނީ ހުނަރަށް ވުރެ އިންޑަސްޓްރީއާ ގުޅުން އޮންނަ އާއިލީ މީހެއްގެ ނުވަތަ ބާރު ގަދަ މީހެއްގެ ނުފޫޒުގެ ސަބަބުން އެ ފުރުސަތު އޮންނާތީ ކަމަށާއި ބޮލީވުޑަކީ ވަކި ބަޔަކަށް ހާއްސަ ''އެކްސްކްލޫސިވް ކުލަބެއް'' ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

އޭނާ ބުނާގޮތުގައި އިންޑަސްޓްރީއެއް ކުރިއަރައި ދާނީ ތަނަވަސް ހިޔާލުތަކަށާއި ފިކުރުތަކަށް މަރުހަބާ ކިޔައިގެންނެވެ. ތަފާތު ކުރުމެއް ނެތި އަލަށް ނުކުންނަ މީހުންނަށް އެ ފުރުސަތު ފަހިކޮށްދީގެންކަމަށް އޭނާ ގަބޫލު ކުރާ ކަމަށް ވަނީ ބުނެފައެވެ. ވެބް ސީރީސްގައި ފާހަގަކޮށްލެވޭ ރޯލެއް ކުޅެމުން އަންނަ ވިވެކް ބުނީ ބޮލީވުޑާ ހިލާފަށް އޯޓީޓީ ޕްލެޓްފޯމުގައި މަސައްކަތްކުރާއިރު އެ ތަފާތު ފެނިގެން ދާ ކަމަށާއި މީހާގެ ހުނަރު ބަލައިގަނެ ކުރިއެރުމުގެ ފުރުސަތު ތަރިންނަށް ލިބިގެންދެއެވެ.

ވިވެކް އޮބެރޯއިގެ ބައްޕަ ސުރޭޝް އޮބެރޯ އަކީ ބޮލީވުޑްގައި މަޝްހޫރު ތަރިއަކަށް ވެފައި އައްބާސް މުސްތާންގެ ފިލްމަކުން ވިވެކް އިންޑަސްޓްރީއަށް ނެރެދޭން ބައްޕަ މަސައްކަތްކުރި ކަމަށާއި ނަމަވެސް އެކަމަށް އޭނާ އިންކާރު ކުރިކަމަށް ވިވެކް ވަނީ ބުނެފައެވެ. ބޮލީވުޑަށް ނުކުންނަން ބޭނުން ވީ އަމިއްލަ މަސައްކަތުން ކަމަށާއި އެގޮތުން ޑައިރެކްޓަރު ރާމް ގޯޕާލް ވަރްމާގެ އޮފީހަށް އަމިއްލައަށް ގޮސް އޯޑިޝަންއަކަށް އެދުނު ކަމުގައި މީގެ ކުރިން ދިން އިންޓަވިއުއެއްގައި ވިވެކް ވަނީ ބުނެފައެވެ. ވިވެކް އޮބެރޯ ބޮލީވުޑަށް ނުކުމެފައިވަނީ 2002ވަނަ އަހަރު ރާމް ގޯޕާލް ވަރްމާގެ ''ކޮމްޕެނީ'' އިންނެވެ.