އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުއްވާލައިފިއެވެ.

އެ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާފައި މިވަނީ މީގެ ކުރިން އެ ކޮމިޝަންގެ މެންބަރުގެ ގޮތުގައި ހުންނެވި، އަލީ އަޝްރަފު މިދިޔަ ބުރާސްފަތި ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނީ އޭސީސީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން މިމަހު 16 ވާ ބުރާސްފަތި ދުވަހުގެ 12:30 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި އިގުރާރާއި ކުށުގެ ރެކޯޑް ފޯމު ދޫކުރުމާއި ފޯމުތަކާއި އިގުރާރު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 އަދި 16 ވަނަ ދުވަހު ހެނދުނު 9:30 އިން މެންދުރު 12:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަމަށްވެސް ބުނެފައިވެއެވެ.

އެ އޮފީހުގެ ވެބްސައިޓް https://presidency.gov.mv/Downloads/dv/47 އިން ފޯމާއި އިގުރާރު ޑައުންލޯޑް ކުރެއްވޭނެއެވެ.