ގެވެށި އަނިޔާ ހުއްޓުވުމާ ގުޅޭ ހާއްސަ ތަމްރީނު ޕްރޮގްރާމެއް، މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް އާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ ގުޅިގެން ފަށައިފިއެވެ.
ޖެންޑާ މިނިސްޓްރީން އއްިޔެ ބުނީ އަންހެނުންނާއި އަންހެން ކުދީންނަށް ކުރާ އަނިޔާ ހުއްޓުވުމަށް، ބައިނައަގުވާމީ ފެންވަރުގައި ކުރާ މަސައްކަތްތަކާއި، ހޭލުންތެރިކަން އިތުރުކުރުމަށް ހިންގާ ހަރަކާތްތައް ހަރުދަނާ ކުރުމުގެ ގޮތުން “ކޮމްބޭޓިންގ ޑޮމެސްޓިކް ވަޔަލެންސް” ގެ ނަމުގައި ތަމްރީން ޕްރޮގްރާމެއް ފަށާފައިވާ ކަމަށެވެ.
އިއްޔެއިން ފެށިގެން މި މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދަން ހަމަޖައްސާފައިވާ މި ތަމްރީނު ޕްރޮގްރާމް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނަކީ މިނިސްޓާ އޮފް ސްޓޭޓް ޒިފްލީނާ ހަސަން އެވެ. މި ރަސްމިއްޔާތުގައި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އިބްރާހިމް ތައްޔިބު ވަނީ ބައިވެރިވެވަޑަގެންފައެވެ.
ޖެންޑާއިން ބުނީ، ފަސް ދުވަހުގެ މުއްދަތައް ކުރިއަށްގެންދާ މި ޕްރޮގްރާމް އަމާޒުކޮށްފައިވަނީ މިނިސްޓްރީގައި މަސައްކަތްކުރާ ސޯޝަލް ވޯކަރުންނަށް ކަމަށެވެ.
އެގޮތުން މި ތަމްރީން ޕްރޮގްރާމަކީ ގެވެށި އަނިޔާގެ އަމަލެއް ހިނގާހިނދު، އެކަމަށް އިޖާބަ ދޭން ޖެހޭ ހުރިހާ ރޮނގަކުން އިޖާބަ ދިނުމުގެ ގާބިލުކަން އިތުރުކުރުމަށް ޓަކައި، ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނަށާއި ގެވެށި އަނިޔާގެ މައްސަލަތައް ދެނެގަންނާނެ ގޮތާއި، ގެވެށި އަނިޔާގެ ޝިކާރައަކަށް ވާ މީހުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމުގައި މަސައްކަތްކުރާނެ ގޮތާއި ގުޅޭ ގޮތުން ގުޅުން ހުރި މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުން ތަމްރީން ކުރުމަށް ބާއްވާ ހާއްސަ ތަމްރީން ޕްރޮގްރާމެއް ކަމަށެވެ.
ޖެންޑާއިން އިތުރަށް ބުނީ މިއީ ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު މަހުގެ 25ން ފެށިގެން ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހާއި ހަމައަށް، އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް، ބައިނަލްއަގުވާމީ ފެންވަރުގައި ކުރާ މަސައްކަތްތަކާއި، ހޭލުންތެރިކަން އިތުރުކުރުމަށް ހިންގާ ހަރަކާތްތައް ހަރުދަނާކޮށް، އަދި މި ފަދަ މަސައްކަތްތަކުގައި ދިމާވާ ގޮންޖެހުންތަކާއި އިތުރަށް ކުރެވެން ހުރި ކަންތައްތައް ދެނެގަތުމުގެ މަގުސަދުގައި ހިންގާ ކެމްޕެއިނެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު