ކޮވިޑަށް ފަރުވާ ދެމުން އަންނަނިކޮށް އިތުރު މީހަކު މަރުވެ، ރާއްޖެއިން މަރުވި މީހުންގެ ޖުމުލަ އަދަދު 253 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ ހއ. ތުރާކުނުން ކޮވިޑަށް ފަރުވާ ދެމުންދިޔަ އުމުރުން 92 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހެނދުނު 8:28 ގައި މަރުވެފައިވާ ކަމަށެވެ.
އެ މަރަކީ މިއަދުގެ ދެވަނަ ކޮވިޑު މަރެވެ. ކޮވިޑުގައި މިއަދު ފުރަތަމަ މަރުވެފައިވަނީ ދ. ކުޑަހުވަދޫ ހޮސްޕިޓަލުގައި ކޮވިޑަށް ފަރުވާ ދެމުންދިޔަ އުމުރުން 93 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ މަރުވީ މިއަދު ހެނދުނު 7:10 ގައެވެ.
މިއަދުގެ ދެ މަރާއެކު ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 253 އަށް އަރައިފައެވެ. މިހާތަނަށް މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 236 ދިވެހީންނާއި 17 ބިދޭސީންނެވެ.
މި ބަލީގައި ރާއްޖެއިން އެންމެ ގިނަ މީހުން މަރުވެފައި ވަނީ މި އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު 13 މީހަކު މަރުވެފައިވެއެވެ.
ކޮވިޑުގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ޚަބަރު
ޚަބަރު