ވާހަކަ

ވަކިވާން ޖެހުމުން - 20

1

ވިހި ވަނަ ބައި..

ރިސޯޓުގެ ފިނި އަރާމު ލައުންޖުގައި ކޮފީއެއް ބޯން އިން ޒިޔާދުގެ ކަޅި، ކުޑަ ތަންކޮޅެއް ދުރުގައި މާގަސްތަކަކާ ކުޅެން ހުރި އޭނާގެ ލޯބިވާ ދަރިފުޅުގެ ގައިން ނެއްޓިގެނެއް ނުދެއެވެ. ހަފުތާ ބަންދުގެ މި ދެދުވަހު ހިތް އުފާކޮށްލަން ދަރިފުޅު ގޮވައިގެން މި ރިސޯޓަށް އޭނާ އައީ ހަމައެކަނި ދަރިފުޅު ހިތްހަމަ ޖައްސައިލުމުގެ ބޭނުމުގައޭ ބުނެފިނަމަ އެއީ މުޅީން ތެދަކަށް ނުވާނެއެވެ. އޭނާ މިތަނަށް އައީ އަމިއްލަ ހިތަށް ލިބުނު ވޭނާއި ކެކުޅުމުން ދުރުވުމަށްވެސްމެއެވެ.

ދަރިފުޅުގެ މަންމަގެ ވަކިވުމަށްފަހު ހަޔާތަށް އައި ފަޅުވީރާނާކަން ދުރުކުރުމުގެ ހިޔާލު ފުރަތަމަ ފަހަރަށް އޭނާގެ ސިކުޑީގައި އުފެއްދި އަންހެނަކީ ޝައުފާއެވެ. އޭނާ ބޭނުންވި ހުރިހާ ސިފަތަކެއް ޝައުފާއަށް ލިބިފައިވެއެވެ. އެންމެ ހާއްސަކަމަކީ ޝައުފާއާއި ނޯޔާގެ ގާތް އެކުވެރިކަމެވެ. ދަރިފުޅަށް ރަނގަޅު ހެޔޮލަފާ މަންމައެއްގެ ބޭނުން ޖެހިފައިވާކަން އޭނާއަށް ކުރިންވެސް އެނގެއެވެ. އެހެންނަމަވެސް ޖެހިލުމެއް ނެތި އެ ޒިންމާ ހަވާލުކުރާވަރުގެ އަމާނާތްތެރިއަކު އޭނާއަށް އެއްވެސް ދިމާލަކުން ނުފެނެއެވެ. ޝައުފާއާ ބައްދަލުވެ ދަރިފުޅަށް ކިޔަވައިދޭން ޝައުފާ ފެށިތާ މިވީ ދުވަސްތަކުގެ ތެރޭގައި އޭނާ ޝައުފާ ވަރަށް ރަނގަޅަށް ދެނެގެންފިިއެވެ. އަދި ނޯޔާއަށް މަންމައެއްގެ ލޯބި ދެވޭނެ މީހެއް ހުރިނަމަަ އެމީހަކީ ޝައުފާ ކަމުގައި އޭނާ ނިންމައިފިއެވެ.

އެހެންނަމަވެސް ބައެއް ހުވަފެންތައް އެއަށް ހަގީގީ ކުލަ ޖެއްސުމުގެ މާބޮޑަށް ވެސް ކުރީގައި ވިއްސި ވިހާލިވެ ރޫޅިގެން ދެއެވެ. އެއީ ދުނިޔޭގެ ކަން ހިނގާ އުސޫލެވެ.

ޒިޔާދު އޭނާގެ ހިތުގެ ހާލު ފޮރުވުމުގެ ނާކާމިޔާބު މަސައްކަތް ކުރަމުން މޭޒުމަތީގައި އޮތް ފޯނު ނަގައި ހުޅުވައިލިއެވެ.

އަސްތާއެވެ. ގެއްލިފައި އިނދެވުނު ވަރުން އެހާ ގިނަ ފަހަރު ބައްޕަ ގުޅުއްވި ކަމެއްވެސް ޒިޔާދަކަށް ނޭނގެއެވެ.

"ކީކޭ... ބައްޕާ... އަޅުގަނޑަށް ފޯނު ރިންގުވާ އަޑެއް ނީވުނީއޭ... ކިހިނެއްތޯ ވީ....؟" ޒިޔާދު، އޭނާގެ ބައްޕަ އަހުތަރަށް ގުޅައި ވާހަކަ ދެއްކިއެވެ.

"އާނ... މިއުޅެނީ ތިކޮޅަށް ދާން... ކޮންމެހެންވެސް ދާން ޖެހިއްޖެ... ދަރިފުޅަށް އެނގޭނެ ދަރިފުޅުގެ މަންމާފުޅަކީ ކަމެއް ބޭނުން ވެއްޖެއްޔާ ވަގުތުން ވަގުތަށް އެކަމެއް އެ ބޭނުންވާ ގޮތަކަށް ނިމެންޖެހޭ މީހެއްކަން...

އިއްޔެ ރޭ ނިދަން އޮށޯވެފަ، ހަމަ ކުއްލިއަކަށް ނޯޔާގެ ފުރަތަމަ ޓާމް ބަންދަށް މާލެ ދާން ބޭނުމޭ ކިޔައިފި... ބައްޕަ ހީކުރީ ދެން އެހެން ނުކިޔާނެ ކަމަށް... އެކަމަކު އެއީ ހަމަ އަސްލަށްވެސް މިފަހަރު ރަހުމާ ބޭނުންވާ ކަމަކަށް ވީ.. ޓިކެޓު ކަންތަކާ ވިސާ ކަންތަކާ އުޅެފަ ބައްޕަ މިއައީ.... ނަސީބު ވަރަށް ރަނގަޅު... ހަމަ މާދަމާ ހަވީރު މާލެ ދެވޭނެ ގޮތް ވެއްޖެ....."

އަހުތަރު ސަލީމަކީ ކާމިޔާބު ހުށިޔާރު ވިޔަފާރިވެރިއެކެވެ.

އުމުރުން އެންމެ ސޯޅަ އަހަރުގައި، ހުށިޔާރުތީރެއް އަމާޒަށް ދޫކޮށްލުމުގައި އަހުތަރު ސަލީމް ވަނީ ވަރަށް ފުރިހަމަ ކާމިޔާބީއެއް ހޯދައިފައެވެ. "ކަރާސީނުއާދަނު" ނުވަތަ "ކެރޮސިންއެޑަމް"ގެ އިން ހަމައެންމެ އަންހެން ދަރިފުޅުގެ ހިތް އަތުލުމުގައި އަހުތަރު ކާމިޔާބު ކުރީ ހަމައެކަނި ލޯބީގެ ވިޔަފާރިއެއް ނޫނެވެ. އެއީ ފައިސާއާއި މުދަލާއި ނަމާއި ދަރަޖަ، އާރާއި ބާރު މުށަށް ލުމުގައިވެސް ވަރަށް ފުރިހަމަ ކާމިޔާބީއެކެވެ.

އޭރު ރަހުމާ ސޯލިހުގެ އުމުރުން އޮތީ އަށާރަ އަހަރަށެވެ. އިސްކޮޅުން ކުރު ވިޔަސް، ހަމުގެ ދޮންކުލައާއި ފާޑުފާޑުގެ ޒީނަތްތެރިވުމުގެ ސާމާނާއި ކުލަތަކުން އަދި ފެޝަނުގެ އެކި ވައްތަރުތަކުން ހެދިލައިގެން ހުންނައިރު ރަހުމާ ވިދާބަބުޅާ ތަރިއަކަށް ވުރެ ތަންފުކެއްވެސް ދެރައެއް ނޫނެވެ. އަށްޑިހައިގެ ފަހުކޮޅުގެ އަހަރުތަކުގައި ރައްޖޭގެ އަންހެނަކު އެގޮތަށް ހެދިލައިގެން ހުރުމަކީ އެމީހަކީ ރާއްޖެއިން ބޭރު އެވަރަށް އަހުލުވެރިކަމާއެކު އުޅެފައި ނުވަތަ އުޅެމުންދާ މީހެއްކަމުގެ ހެއްކެކެވެ.

އާނއެކެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ތެލުގެ، ސާފުތެޔޮ ނުވަތަ ކެރޮސިން އޮއިލްގެ ވިޔަފާރިއެއް، އެހާ ފުޅާ ގޮތެއްގައި ފެށި މީހަކީ ރަހުމާ ސޯލިހުގެ ބައްޕަ އާދަމް ސޯލިހެވެ. އޭރު، ދަރު އުނދުންތަކުން ކައްކަމުން ދިޔަ މީހުންނަށް ތެޔޮ އުނދުން ބޭނުންކުރުމަށް ކުރަމުން ދިޔަ ހަރަދު ޖީބަށް ލުއި އަތްފޯރާ ވަރުގެ ހަރަދަކަށް ބަދަލުކުރުމުގައި އާދަނުވީ ވަރަށް ބޮޑު ބުއްދިވެރިއަކަށެވެ. މި ވިޔަފާރި ފުޅާވެގެން ގޮސް ރާއްޖެތެރޭގެ އެކި ހިސާބުތަކުގައި ސާފުތެލުގެ ބޭނުން ކުރާ މީހުން ގިނަވެ، އާދަނުގެ މުވައްޒަފުންނާއި އަތޮޅުތަކަށް ތެޔޮ އުފުލުމަށް އުފެދުނު އާދަނުގެ އަމިއްލަ އުޅަނދުތައްވެސް އިތުރުވެ، ތެޔޮ ޓޭންކުތައް ބަހައްޓާނެ ވަކި އަމިއްލަ ކުޑަ ރަށެއްވެސް ގަނެ، އެތަނަށް ވަކިން ހާއްސަ ކަމަށް އެންމެ އެކަށީގެންވާ ދާއިރާއިން ތަންދޮރު އެނގިގެން ތިބި ޒުވާންް، ކެރޭ މުވައްޒަފުން ހޯދާ، އެވިޔަފާރީގައި ހަމަ އެންމެ ކާމިޔާބު މުޅި ދުނިޔެއަށް ނަންހިގާ މަޝްހޫރު މީހަކަށް އާދަމް ސޯލިހު ވިއެވެ.

ޒިޔާދުގެ މަންމަ ރަހުމާ ސޯލިހު ކަހަލަ ސޯޝަލައިޒްޑް ލޭޑީއެއްގެ ފިރިއަކަށް ވުމަކީ އާދައިގެ ކުޑަކަމެއް ނޫނެވެ. ހަމައެހެންމެ އާދަމް ސޯލިހުގެ ވިޔަފާރި ކުރިއަށްގެންދާނެ އެކަމަށް ގާބިލު މީހެއް ނޫނީ ދަރިފުޅާ އިންނާކަށް އާދަނު އެއްބަހެއް ނޫނެވެ.

މިހުރިހާ ޝަރުތުތައް ފުރިހަމަ ދަނބިދަރިއަކު ލިބުމުން އާދަމް ސޯލިހުގެ މަރުމަތިވެސް އަމާންވި ކަހަލައެވެ.

ވަރަށްވެސް ފުރިހަމަ ސިއްހަތެއްގައި، އުމުރުގެ ފުދޭވަރެއްގެ ދިގު ގިނަ އަހަރުތަކެއް ދަރިފުޅާއި ދަރިފުޅުގެ ކުޑަކުޑަ އާއިލާއާއެކު އުޅެފައި، އެއް ދުވަހެއްގެ އިރުއޮއްސުނު ގަޑީގައި، އާދަނު އޭނާގެ ދަރިފުޅާއި ދަނބިދަރިފުޅަށް ގޮވައި ގެނައެވެ. އަދި ގިނަ ލިޔުންތަކެއް ހުރި ބޮޑު ފައިލަކާއި ސިޓި އުރައެއް ދެކުދިންނަށް ދިއްކޮށްލިއެވެ. އާނއެކެވެ. އެއީ އާދަނުގެ ވަސިއްޔަތާއި ވިޔަފާރިއާ ބެހޭ ލިޔުންތަކާއި ވާރުތަ މުދާތަކުގެ ހިބަ ފަތްފުށްތަކެވެ.

އެކަންތައް ކޮށް ނިންމާލަފައި، ތައްޔާރުވެގެން، ކާފަ ދަރިފުޅާއެކު މަޣްރިބު ނަމާދުކޮށްގެން މިސްކިތުން ގެއަށް އައި މަގުމަތީގައި، މެއަށް ތޫނު ތަދެއް އަރައިގެން އުޅުމަށްފަހު އިޝާއަށް ނުގޮވަނީސް، އާދަނު މިދުނިޔެއާ އަލްވަދާއު ކިޔައިފިއެވެ. ފުރިހަމަ ދިރިއުޅުމަކަށް ނިމުމެއް އައީއެވެ.

އާދަނު ނިޔާވުމަށްފަހު އާދަނުގެ ވަފާތެރި ދުވަސްވީ މުވައްޒަފުންނާއި ދޭތެރޭގައި އަހުތަރު ކަންތައް ކުރީ ވަރަށްވެސް އޯގާތެރިކޮށެވެ. އެމީހުންނާއެކު އެ ވިޔަފާރި ކުރިއަށްގެންދަމުން އިތުރު އެހެން ވިޔަފާރިއެއްވެސް އަހުތަރު ފެށިއެވެ. އެންމެ ކާމިޔާބު އެއް ވިޔަފާރި ތެރެއިން އަނެއް ވިޔަފާރި އުފަންވަމުން ދިޔައެވެ. ކާމިޔާބާއި މުއްސަނދި ކަމާއި ޖާހަތާއި ޝަރަފާއި ގަދަރު، މިހެން ގޮސް އެތައް އެތައް ކަމަކުން އަހުތަރާއި އޭނާގެ ހިންގުންތެރި އަނބިމީހާ ދިޔައީ ކުރިއަރަމުންނެވެ.

ރާއްޖެއިން ބޭރުގައި، އެންމެ މުއްސަނދި ދުބާއީގައި އަމިއްލަ ގެދޮރު ހުރިނަމަވެސް ލިބުނު ހަމަ އެންމެ ދަރިފުޅު ދުބާއީގައި ދިރިއުޅޭކަށް ގަސްދެއް ނުކުރިއެވެ. ދެލޮލުގެ ނޫރު ފަދައިން ބަލައި ބޮޑުކުރި ރީތި މޮޅު ފިރިހެން ދަރިފުޅުގެ ކައިވެނި ދުބާއީގެ ޝާހީ ހާންދާނުގެ އަމީރާއަކާ ކުރުވުމުގެ ހުވަފެން ދެކެމުން ދިޔައިރު އެކަމަށް މަގުވެސް އޮތީ ކޮށިފައެވެ. އެހެންނަމަވެސް ޒީލަގަދަ މަންމައާއި ބަސް ހަރުކަށި ބައްޕަގެ އަމުރާ ހިލާފަށް އެ ދެމީހުންގެ އެދުމާ ދެކޮޅަށް ޒިޔާދު އޭނާ އިންތިހާއަށް ލޯބިވާ އަންހެން މީހާއާ ކައިވެނިކޮށްގެން ދުބާއީގެ ދިރިއުޅުން ދޫކޮށް ރާއްޖެ ބަދަލުވެއްޖެއެވެ.

މާލެ އައުމަށްފަހު މަންމަގެ މުސްކުޅިވެ ބަލިކަށިވެފައި ހުރި ގެ، ތަޅައި ބިމާ ހަމަކޮށްލުމަށްފަހު އަލުން އާ ގަނޑުވަރެއް އެތާނގައި އަޅައި، އެ ގަނޑުވަރަކީ ލޯބިން މަހައްލައަކަށް ވެސް ޒިޔާދު ހެދިއެވެ. އެކަމަކު ނަސީބު ޒިޔާދަށް ކެހިދިނީއެވެ. ނޯޔާގެ މަންމަ ނިޔާވުމަށްފަހު ޒިޔާދު ދުބާއީއަށް އަނބުރާ ދާނެކަމަށް ހީކޮށްގެން ތިބި އަހުތަރާއި ރަހުމާއަށް މިފަހަރުވެސް ޒިޔާދަކަށް ބާރެއް ނުހިންގުނެވެ. ޒިޔާދުގެ ހިތުގައި އަނެއްކަވެސް ދިވެހި އަންހެން ކުއްޖަކު ހަރުލައިފިއެވެ. އަދި ނޯޔާއަށް އަމާނާތްތެރި އިހުލާސްތެރި މަންމައަކު ހޯދުމުގައި ޒިޔާދު ކާމިޔާބުވި ވާހަކަ އަޑު އިވުމާއެކު، އެ ކައިވެނި ކުރުވުމަށް ރާއްޖެ އައުމަށް ރަހުމާ ތައްޔާރުވެއްޖެއެވެ.

މަންމަ އާއި ބައްޕަ އަންނަކަމުގެ ހަބަރު ލިބުމުން ޒިޔާދުގެ ހިތަށް ހަމަޖެހުމެއް ލިބިގެންދިޔައެވެ. މި ދުވަސްކޮޅު ނޯޔާއަށް މާމައާއި ކާފަގެ ގާތްކަމާއި ލޯބި ކިތަންމެހާވެސް ބޭނުމެވެ. މުހިންމެވެ. ނޯޔާ ބޭނުންވެގެން ބުނެލި އެދެފި ކޮންމެ ކަމެއް ހިނދުން ހިނދަށް ކޮށްދެމުން އައި މި ބައްޕައަށް މިވަގުތަކީ ފަސޭހަ ވަގުތަކަށް ނުވެއެވެ. ދަރިފުޅު އެހާބޮޑަށް އެދޭ ކަމެއް ކޮށްދިނުމުގައި އޭނާ ފެއިލް ވެދާނެކަމުގެ ބިރު ހިތުގައި ގަދައަށް ރިއްސައިފިއެވެ.

ޝައުފާގެ އެންމެ ގާތް އެކުވެރިޔަކަށް ނުވިޔަސް ޝައުފާގެ ގިނަ ކަންތައްތަކެއް އެނގޭ މީހަކީ ޒިމްނާކަން ޒިޔާދަށް އެނގެެއެވެ. ސީދާ ޝައުފާއާ ހަމައަށް ހިތުގެ ވާހަކަ ހިފައިގެން ދާން ނުކެރުނީ އަމިއްލަ ފިނޑިކަމަކުން ނޫނެވެ. އެކަަމަކު ޝައުފާއަކީ އޭނާގެ ޕީއެސްއަށް ވެފައި ދަރިފުޅުގެ ޓީޗަރަށް ވުމުގެ އިތުރުން ކުރާ ގަދަރާއި އިހުތިރާމުގެ ސަބަބުންވެސްމެއެވެ.

ޒިމްނާއާ ދުރުދުރުން ޝައުފާއާ ބެހޭގޮތުން އޮޅުންފިލުވަން ލިބުނު ރަނުގެ ފުރުސަތުގެ ބޭނުން ކިތަންމެހާވެސް ފުރިހަމައަށް ހިފައިގެން އޭނާ ޝައުފާގެ ވާހަކަ ޒިމްނާއާ ދެއްކިއެވެ. ޒިމްނާގެ ދަރިފުޅަށް ނަން ކިޔުމުގެ ރަސްމިއްޔާތުގައި އެގޭގައި އޮތް ހާއްސަ ކެއުމަށް ގޮސް އުުޅުމުގެ ތެރޭގައި އޭނާއަށް ޝައުފާގެ މުޅިން އާ ތަފާތު ސިފައެއް ފެނުނެވެ. އެހާ ރީތި ހިނިތުންވުމުން ފުރިފައި ހުންނަ ނަލަނަލަ ޝައުފާއެއް އޭގެ ކުރިއަކުން ޒިޔާދަކަށް ފެނިފައެއް ނެތެވެ. އަބަދުވެސް ޒިޔާދަށް ފެނިފައިވަނީ ވަރަށް ސީރިއަސް ބަހުގައި ހަރު ބޮޑު ގޮތެއް ހުންނަ ތަންކޮޅެއް ހަރު ޝައުފާއެކެވެ. ދަރިފުޅަށް ކިޔަވައިދޭން ގޮސް ހުންނަ ޝައުފާއަކީ ހިތްހެޔޮ ކުޑަކުދިން ދެކެ ލޯބިވާ، ކުޑަކުއްޖަކަށް ވިސްނޭނެ ބަހުން ކިޔަވައިދޭން އެންމެ ފުރިހަމަ އެހެނަސް ހަމަ އެއްކަލަ ހަރުގޮތުގައި ހުންނަ ޝައުފާއެކެވެ.

އެކަމަކު....

ޒިމްނާގެ ދަރިފުޅަށް ނަން ކިޔުމުގެ ރަސްމިއްޔާތުން އެފެނި އެނގުނީ މުޅިން އެހެން ޝައުފާއެކެވެ.

ހައިރާންވެފައި ބަލަން ހުރެވުނު ޒިޔާދަށް ހީވަމުން ދިޔައީ އުދުހެމުންދިޔަ ރީތި ނަލަ ޕަރީއަކު، ވައިގެ ތެރޭގައި ނަށަމުންދާ ކަހަލަ ގޮތެކެވެ. ހިނިތުންވުމުން ފުރިފައި ރައްޓެހިންނަށް ކެއުމަށް އިންސާފު ކުރުވުމުގައި އުޅެފައި ދޭތެރެއަކުން ގޮސް ސޯފާގައި އިން ޒިމްނާގެ އުނގުގައި އޮތް ތުއްތު ދަރިފުޅާ ސަމާސާކޮށް ލޯބިކޮށްލާފައި، ޒިިމްނާގެ ކަންފަތްދޮށުގައި ކޮންމެވެސް ވާހަކައެއް ބުނެލުމާއެކު ޒިމްނާ ދޭ ޖަވާބަށް ލަދުން ރަކިވެފައި ހިނތުންވަމުން ދިޔަ ޝައުފާ އޭނާއަށް ފެންނަމުން ދިޔައީ މުޅީން އާ މޫނެއް ފަދައިންނެވެ. އުމުރުން ތިރީހުގެ އަހަރުތަކުގައި ގުނަމުންދާ އަންހެނެއްގެ އެއްވެސް ސިފައެއް އެ ޝައުފާގެ މޫނަކުން ފެންނާކަށް ނެތެވެ. ހީވަނީ އެއީ ހަމަ އެންމެ ލާނެތް ފުރާވަރުގެ އަންހެން ކުއްޖެއްހެނެވެ.

އެ ދެ އެކުވެރިން މައްލަވަ ކުރަމުން ލޮލާއި ބޮލުން ކުރަމުން ދިޔަ އިޝާރާތަށް ނިމުމެއް ގެނައީ ސޯފާގައި ޒިމްނާއާ ދާދި ގާތުގައި އިށީނދެލި ޒުވާނާއެވެ. އެއީ ކާކުކަން ދެނެގަންނާކަށް ޒިޔާދަކަށް އުނދަގުލެއް ނުވިއެވެ، އެކަމަކު ....

ޝައުފާގެ ކާކުކަން ދެނެގަންނާކަށް އޭނާއަކަށް ފަސޭހައެއް ނުވިއެވެ.

ޝާމިން ސައްތާރު ސައީދާއި ޝައުފާއާ އޮތީ ކިހިނެއްވީ ކޮން ގުޅުމެއް ބާވައެވެ.

ޝާމިން ސައްތާރު ފެނުމުން ނުވަތަ ޝާމިން ސައްތާރާ ހަތަރުކަޅި ހަމަވާ ކޮންމެ ވަގުތަކު ޝައުފާގެ މޫނަށް އަރާ އެ ރަކި ކުލަތަކާއި ތުންފަތަށް އެވެރިވާ މައުނަވީ ހިނިތުންވުމުގެ މާނައަކީ ކޮބައިބާވައެވެ.

އަނެއްކާ..... އެކަަމަކު.... ޝާމިނާއި ޔުއާނާ.. ޝާމިން ޔުއާނާ މީހަކާ އިންފަހުންވެސް ޔުއާނާއާ ބައްދަލުވެ އުޅުނެވެ. އެ ދެމީހުންގެ ގުޅުން ސިއްރިއްޔާތުގައި ކުރިއަށް ދިޔައެވެ. އަދި ޔުއާނާ ފިރިމީހާ ގާތުން ވަރިވާން އުޅުނު ހަބަރުވެސް ޒިޔާދަށް ލިބުނެވެ. އެހުރިހާ ކަމެއް އެނގޭނެ ނޫން ހެއްޔެވެ. ޝާމިނަކީ މަޝްހޫރު އާއިލާއެއްގެ ކާމިޔާބު ޒުވާނެކެވެ. އެސްޓީއާރް ސަންސްއަކީ ޒިޔާދުގެ ކުންފުންޏާ ގާތުގައި މަސައްކަތް ކުރި ކުންފުންޏެކެވެ. އަނެއްކޮޅުން ޔުއާނާއަކީ ޒިޔާދުގެ ނުހަނު ގާތް ރަހުމަތްތެރިއެއްގެ އަނބިމީހާގެ ދެބެންގެ ދެދަރި ކުއްޖެކެވެ. އަދި އޭނާވެސް ދެކެފަރިތަ ރައްޓެއްސެއްވެސްމެއެވެ.

އެންމެ ފަހުން ލިބުނު ރަނުގެ ފުރުސަތެއްގައި ޒިމްނާ ކުރެން ޒިޔާދު އެ ސުވާލު ދުރުދުރުން އަހާލިއެވެ.

"ބޮސްއަކަށް ނުވިއެއްނު... ޕީއެސްގެ ކަންތައް ނުކުރެވުނު ދުނިޔޭގެ ފުރަތަމަ ބޮސްތީ..."

ޒިމްނާ ހެމުންހެމުން މަޖާވެފައި ޖަވާބު ދިނެވެ.

"އަހަ... އަހަރެން މި ދެއްކީ ޝައު ބޭނުންވެގެން ދެއްކި ވާހަަކައެއް ނޫނޭ... މަމި އެހީ ޝައު އެތާ ކަނަކަށް ގޮސް ފިލާ އެހެރީ ކޮން ސޮރަކާ އެކީގަހޭ....؟"

ތަންކޮޅެއް ދުރުގައި ހުރި ތަނބެއްގެ ފަހަތުގައި ތުންގުޅައިގެން ތިބި ޝައުފާއާއި ޝާމިނަށް އިޝާރަތްކޮށްލަމުން ޒިޔާދު ކުރި ސުވާލަށް ޒިމްނާ ވަރަށް ފުރިހަމައަށް ޖަވާބު ދިނެވެ. އެއީ ޒިޔާދު އޮޅުންފިލުވަން ބޭނުންވި މައުލޫމާތެވެ. އެނގެން ބޭނުންވި ޖަވާބު ސީދާ ސުވާލު ކުރުމަކާ ނުލައި ޒިޔާދަށް ލިބުނެވެ.

"ޑޭޑީ....ޑޭޑް...."

ބާރަކަށް ގޮވަމުން އައިސް ޒިޔާދުގެ ފައިގައި ހިފައިގެން ތަޅުވައިގަތް ނޯޔާގެ މޫނަށް ހިޔާލުތަކުން ނުކުމެ ޒިޔާދު ބަލައިލިއެވެ.

"ކީކޭ ބައްޕަގެ ރާނީކަމަނާ....!؟" ޒިޔާދު ގުދުވެލާފައި މަލެއް ހިފައިގެން އައިސް ހުރި ދަރިފުޅުގެ ކޮލުގައި ވިކާލިއެވެ.

"ޑެޑީއަށް ގޮވީ އެކޮޅުގައި ހުރެއޭ... ޑޭޑް އިޒް ޑެއި ޑްރީމިން ހެން ހީވެގެން ނޯ މިއައީ... ހަމަ ރަނގަޅަށްތާ މިހީވީ.....!"

"ޑެޑީގެ ޕްރިންސަސް.... ރިއަލީ ވެރީ ސޮރީ.... ޑެޑީ އެޕޮލޮޖައިޒެސް.... އޯކޭ.. އަސްލު ދަރިފުޅުގެ ގްރޭނީ އެންޑް ގްރޭންޑްޕާ އިޒް ކަމިން ޓު މާލެ... އެހެންވެ އެކަމާ ވިސްނާލަން އިނދެވުނީ...!"

ޒިޔާދު ކިޔައިދިނެވެ. ނޯޔާއަށް މާމައާއި ކަފަ އަންނަ ހަބަރު ލިބުމުން އުފަލުން ފުމެގެންފައި ޒިޔާދުގެ އަތުގައި ހިފައި ތަޅުވައިގަތެވެ.

(ނުނިމޭ)