ސުނިލް ޝެޓީގެ ފިރިހެން ދަރިފުޅު އަހާން ޝެޓީ ބޮލީވުޑަށް ނުކުންނަ ފުރަތަމަ ފިލްމު ''ތަޅަޕް'' އަށް ފުރަތަމަ ދުވަހުވެސް ރަނގަޅު ތަރުހީބެއް ލިބިއްޖެ އެވެ.

އިއްޔެ ރިލީސްކުރި މި ފިލްމަކީ މިއަހަރުގެ ތެރޭގައި އެޅުވި ފިލްމުތަކުގެ ތެރެއިން ފުރަތަމަ ދުވަހު އެންމެ ރަނގަޅު އާމްދަނީއެއް ހޯދި 3 ވަނަ ފިލްމު ކަމަށް ބޮކްސް އޮފީހުން ބުނެއެވެ. އަހާން ޝެޓީ އަދި ތާރާ ސުތާރިއާގެ މި ފިލްމު ވަނީ އިއްޔެ އިންޑިއާގެ 1650 ސްކްރީނެއްގައި ރިލީސްކޮށްފައެވެ. މި ފިލްމް އިއްޔެގެ ނިޔަލަށް 3.75 އާއި 4.25 ކުރޯރު އިންޑިއާ ރުޕީސް އާއި ދެމެދުގެ އާމްދަނީއެއް ހޯދާފައިވާކަމަށް ބޮކްސް އޮފީހުން ލަފާކުރެއެވެ.

މިއީ މިއަހަރު އެޅުވި ފިލްމުތަކުގެ ތެރެއިން ފުރަތަމަ ދުވަހު އެންމެ ރަނގަޅު އާމްދަނީ ހޯދި ''ސޫރިޔަވަންޝީ'' (26.4 ކުރޯރު) ''އަންތިމް: ދަ ފައިނަލް ޓްރުތު'' (4.75 ކުރޯރު) އާއި ޖެހިގެން މި މަގާމަށް ދަތުރުކުރި ތިން ވަނަ ފިލްމެވެ. އަދި ''ތަޅަޕް'' މިވަނީ މިއަހަރު ރިލީސްވި ''ރޫހީ'' ''މުމްބާއީ ސާގާ'' ''ތަލައިވީ'' ''ބެލް ބޮޓޮމް'' (މަހަރާސްތުރާ ގައި ރިލީސް ނުކުރޭ) ''ސަތުޔަމޭވަ ޖަޔަތޭ 2'' އިން ފުރަތަމަ ދުވަހު ހޯދި އާމްދަނީއަށް ވުރެ ރަނގަޅު އާމްދަނީއެއް ހޯދައިފައެވެ.

މި ފިލްމަށް ފުރަތަމަ ދުވަހަށް ލިބޭނެ ކަމަށް ލަފާކޮށްފައި އޮތީ 3 ކުރޯރު އިންޑިއާ ރުޕީސް ނަމަވެސް އެޑްވާންސް ބުކިިންއަށް ޑިމާންޑު ބޮޑުވަމުން ދިއުމުގެ ސަބަބުން ފިލްމު އަޅުވާ ފަރާތްތަކަށް މިފިލްމާ މެދު އިތުބާރު ބޮޑުވެ ގިނަ ރިލީސްތަކަށް ވަނީ މަގުފަހިވެގެން ގޮސްފައެވެ.

ސާޖިދު ނަދިއަދްވާލާގެ ޕްރޮޑަކްޝަން އިން އުފެއްދި މިފިލްމަށް އެންމެ ރަނގަޅު އާމްދަނީއެއް މުމްބާއީ އަދި ބިހާރުން ހޯދާފައިވާއިރު މަހާރާޝްތުރައިގެ ބައެއް ސިނަމާތަކުގައިވަނީ ހައުސްފުލް ބޯޑު އަޅުވަން ފަށާފައެވެ.

''ތަޅަޕް'' އިން ފުރަތަމަ ދުވަހު ރަނގަޅު އާމްދަނީއެއް ހޯދިއިރު ކުރިއަށް އޮތް ހަފުތާ ބަންދާ ދިމާކޮށްވެސް ރަނގަޅު އާމްދަނީއެއް ހޯދާނެ ކަމަށް ބޮކްސް އޮފީހުން ލަފާ ކުރެއެވެ.

މިފިލްމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު މިއީ އިންޑަސްޓްރީއަށް އަލަށް ތައާރަފުވި އަހާން ޝެޓީގެ ކެރިއަރަށް ހެޔޮ ފާލެއް ކަމުގައި ބެލެވޭ ކަމަށް އިންޑަސްޓްރީގެ ހަބަރުތައް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.