މިދިޔަ 24 ގަޑިއިރު ތެރޭ 143 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، ރާއްޖޭގައި އެ ބައްޔަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު 91,893 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވީ މާލެ ސަރަހައްދުން 22 މީހަކާއި އަތޮޅުތެރެއިން 117 މީހަކާއި ރިސޯޓުތަކުން ހަތަރު މީހެއް ކަމަށެވެ.
ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވީ 100 މީހެކެވެ. އެއާއެކު ބަލިން ފަސޭހަވީ މީހުންގެ އަދަދު 89،913 އަށް އަރާފައިވާއިރު، މިހާރު ރާއްޖޭގައި މި ބައްޔަށް ފަރުވާދެމުން އަންނަނީ 1،716 މީހަކަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލައި އިރު، ހޮސްޕިޓަލުތަކުގައި 13 މީހަކު ކޮވިޑަށް ފަރުވާ ހޯދަމުން އެބަދެއެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 251 މީހަކު ވަނީ މަރުވެފައެވެ. އެއީ 234 ދިވެހީންނާއި 17 ބިދޭސީންނެވެ.
ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ޚަބަރު
ޚަބަރު