މަރާލުމަށްފަހު ފަޅުގެއެއްގެ ވަޅަކަށް ވައްޓާލާފައި އޮއްވައި ފެނުނު އދ. ދަނގެތީ މަހުމޫދު އަބޫބަކުރު (55އ) މަރާލުމުގެ ކުރިން މައްސަލައިގެ ތުހުމަތު ކުރެވޭ ބިދޭސީ މީހާއާ ދެމެދު ޒުވާބެއް ހިނގި ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން އެގޮތަށް ބުނެފައިވަނީ މަހުމޫދުގެ މަރުގެ މައުލޫމާތު ހިއްސާކުރުމަށް މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގައި ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓުގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ސައީދު ވިދާޅުވީ، މަހުމޫދަށް ސާލިމު ގުޅުމުން ނެދުންގެއަށް ގޮސްފައިވާ ކަމަށެވެ. ނެދުންގެއަކީ މަހުމޫދު މަރާލަން ހަމަލާދިން ގެ އެވެ.
ހަސަން ސައީދު ވިދާޅުވީ، ސާލިމު ގުޅައިގެން ދެއްކި ވާހަކަތަކުގެ ސަބަބުން މަހުމޫދު އެގެއަށް ދާން ޖެހޭ ސަބަބުތެއް އެބަހުރި ކަމަށާއި ނަމަވެސް އެއީ ޖިނާއީ ކުށެއްގެ ސަބަބުތަކެއް ނޫން ކަމަށެވެ. އަދި މަހުމޫދު އެގެއަށް ގޮސް ފަސް ގަޑިއިރު ވަންދެން ހުރި ކަމަށާއި، އެ ވަގުތުގައި މަހުމޫދާއި ސާލިމުގެ ދެމެދުގައި ޒުވާބެއް ހިނގި ކަމަށެވެ. ނަމަވެސް ކޯޓު މަރުހަލާއަށް ހުރަސް އެޅިދާނެތީ އެއީ ކޮން ކަމަކާ ގުޅިގެން ހިނގި ޒުވާބެއްކަން ހާމަކޮށްފައެއް ނުވެއެވެ.
އެ ޒުވާބު ހިނގި ވަގުތުގައި ނެދުންގެ ކޮޓަރީގައި އުމުރުން ދުވަސްވީ މީހަކު އޮތްކަމަށް ހަސަން ސައީދު ވިދާޅުވިއެވެ. އެއީ މަހުމޫދުގެ އާއިލާ މީހެކެވެ.
މީގެ އިތުރުން ހަސަން ސައީދު ވިދާޅުވީ، ސާލިމު ފައިސާ ބޭނުންވާކަން ފުލުހުންގެ ތަހުގީގަށް ހޯދުނު ކަމަށާއި، ބަންގުލަދޭޝްގައި ތިބި އޭނާގެ އާއިލާގެ ހާލަތުގެ މައުލޫމާތު ވެސް ހޯދި ކަމަށެވެ.
ހަސަން ސައީދު ވިދާޅުވީ، މަހުމޫދު މަރާލަން ޖެހުނު ސަބަބު ސާލިމު ވަނީ ތަހުގީގަށާއި ބަންދު މުރާޖައާކުރަން ކޯޓަށް ގެންދިއުމުން ކިޔައިދީފައި ކަމަށާއި މަހުމޫދު މަރާލީ ފައިސާގެ ދަހިވެތިކަމުގައި ކަމަށެވެ. އަދި މަހުމޫދު ފައިސާ ގެންގުޅޭތަން ސާލިމަށް ފެންނާނެ ކަމަށާއި ސާލިމު ހީކުރީ މަހުމޫދަށް ގުޅައިގެން ނެދުންގެއަށް ގެންދިޔައިރު ވެސް ފައިސާ ހުންނާނެ ކަމަށެވެ.
ފައިސާ ހޯދަން ވެގެން މަހުމޫދަށް "ޓޯޗާ" އަނިޔާކޮށްފައިވާ ކަމަށާއި އެއަށްފަހު މަރާލަން ހަމަލާދިން ކަމަށެވެ. އަދި އެ ހަމަލާއަށް ފަހު ވެސް މަރުނުވާކަން އެނގުމުން އިތުރު ހަމަލާތަކެއް ދިން ކަމަށް ވެސް ހަސަން ސައީދު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު