ދައުލަތުގެ މީޑިއާ ހިންގާ ކުންފުނި، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ބޯޑުން އަލީ މިދުހަތު (މިދޭ) ވަކިކޮށްފި އެވެ.
މިދޭ ވަކި ކުރިކަން އޭނާ ވަނީ ފޭސްބުކުގައި ހިއްސާކޮށްފަ އެވެ.
މިދުހަތުގެ ފޭސްބުކްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މީގެ ދެ ހަފުތާ ކުރިން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު އޭނާއަށް ގުޅުއްވައި ކަންތައްތަކެއް އޮޅުން ފިލުއްވި ކަމަށެވެ.
މިދުހަތު ވިދާޅުވީ އޭގެ ދެ ހަފުތާ ފަހުން ރައީސް އޮފީހުން އޭނާއަށް ސިޓީއެއް ފޮނުއްވައި އޭނާ ޕީއެސްއެމް ބޯޑުން ވަކި ކުރިކަން އަންގާފައިވާ ކަމަށެވެ.
ސަރުކާރުގެ އޮފިޝަލަކު މީގެ ކުރިން "ވަން" އަށް ވިދާޅުވީ، ޕީއެސްއެމްގެ ބޯޑަށް ބަދަލުތަކެއް ގެންނަވަން ރައީސް ނންމަވާފައިވާ ކަަމަށާއި އެ ބަދަލަކީ އެމަނިކުފާނަށް ގާނޫނުގެ ދަށުން ލިބިދީފައިވާ ބާރުގެ ދަށުން ގެންނަވާ ބަދަލެއް ކަމަށެވެ. އެގޮތުން މިދުހަތުގެ ބަދަލުގައި އެ މަގާމަށް އައްޔަން ކުރަން ނިންމަވާފައި ވަނީ ޓީވީއެމް އަދި ވީޓީވީގެ ސީއޯއޯކަން ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި މުހައްމަދު އާސިފް (މޮންދު) ކަމަށްވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.
މޮންދު "ވަން" އަށް މިއަދު ވިދާޅުވީ ސަރުކާރުގެ އެއްވެސް އިދާރާއަކުން އޭނާ ޕީއެސްއެމްގެ ބޯޑަށް އައްޔަން ކުރެއްވިކަން ނުވަތަ ކުރައްވަން އުޅުއްވާ ކަންވެސް ރަސްމީކޮށް އަންގާފައި ނުވާ ކަމަށެވެ
ޓީވީއެމްގައި 23 އަހަރު ދުވަހު ހިދުމަތް ކުރެއްވުމަށްފަހު މޮންދު އެތަނުން ވަކިވެވަޑައިގަތީ 2013 ވަނަ އަހަރެވެ. މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސްކަންވެސް ކުރައްވާފައިވާ މޮންދުއަކީ ރާއްޖޭގެ އެޑިޓާސް ގިލްޑުގެ އެކްސޯ މެންބަރެކެވެ.
މިކަމާ ގުޅިގެން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓިޒޭޝަން ބޯޑުގެ ބަހެއް ހޯދާލުމަށް "ވަން" އިން ގުޅާލުމުން ފޯނަށް ޖަވާބު ދީފައި ނުވަތީ އެތަނުގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު