ރާއްޖޭގެ ބެޑްމިންޓަނުގައި އެންމެ ފުންނާބު އުސް އަންހެން ދެ ތަރީން ކަމަށްވާ އައިމިނަތު ނަބީހާ (ނަބީ) އާއި ފާތިމަތު ނަބާހާ (ނަބާ) ވޯލްޑް ބެޑްމިންޓަން ޗެމްޕިއަންޝިޕުން ޖާގަ ހޯދައިފިއެވެ.
މި މަހު ސްޕެއިނުގައި ބާއްވާ ދުނިޔޭގެ ބެޑްމިންޓަން މުބާރާތުން ނަބީ އާއި ނަބާ ގެ ދެބޭން ފުރުސަތު ހޯދައިފައިވާ އިރު، މިއީ ރާއްޖޭގެ ބެޑްމިންޓަން ތާރީހުގައިވެސް ވޯލްޑް ޗެމްޕިއަންޝިޕެއްގައި ކުޅުންތެރިން ތަމްސީލު ކުރާނެ ފުރަތަމަ ފަހަރެވެ.
ސްޕެއިނުގައި މި މަހު 12-19 އަށް ކުރިއަށް ދާނެ ބެޑްމިންޓަން ވޯލްޑް ޗެމްޕިއަންޝިޕްގެ އަންހެން ޑަބަލްސް ފުރަތަމަ ބުރުން ނަބާ އާއި ނަބީގެ ޕެއާ އަށް ފުރުސަތު ލިބުނީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި އެ ދެ ކުޅުންތެރިންގެ ކާމިޔާބީއަށް ބެލުމަށް ފަހުއެވެ. އެންމެ ފަހުން ނެރުނު ދުނިޔޭގެ ރޭންކިންގައި ނަބާ އާއި ނަބީގެ ޕެއާ އޮތީ ދުނިޔޭގެ 117 ވަނައިގައެވެ.
މިއަހަރުގެ އޮލިމްޕިކްސްގައިވެސް ނަބާ ވާދަކޮށްފައިވާ އިރު، އޭނާއަކީ އޮލިމްޕިކްސް ބެޑްމިންޓަން އިވެންޓްގައި ވާދަކުރި ފުރަތަމަ ދިވެހި އެތުލީޓެވެ. ނަބީ އާއި ނަބާއަކީ ދުނިޔޭގެ ރޭންކިންގެ ގަދަ 100 ތެރޭގައި ހިމެނުނު ރާއްޖޭގެ އެންމެ ފުރަތަމަ ދެ ކުޅުންތެރިންވެސް މެއެވެ.
އަންހެން ޑަބަލްސްގައި ނަބީހާ އާއި ނަބާހާގެ ޕެއާ ވަނީ ރާއްޖެ އަށް ބައިނަލްއަގުވާމީ މުބާރާތްތަކުން ނުވަ މެޑަލް ގެނެސްދީފައެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ 2019 ވަނަ އަހަރު ޕާކިސްތާން މުބާރާތުގެ ޑަބަލްސް ބައިން ހޯދި ރަން މެޑެއްޔެވެ. މިއީ ބީޑަބްލިއުއެފް އިން ގަބޫލުކުރާ މުބާރާތެއްގައި ރާއްޖެ އަށް އަންހެން ޑަބަލްސް އިން ހޯދައިދިން ފުރަތަމަ ރަން މެޑަލް އެވެ.
އޭގެ ކުރިން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ނަބީ އާއި ނަބާގެ ޕެއާ ވަނީ ހަތަރު ރިހި މެޑެއްޔާއި ހަތަރު ލޯ މެޑަލް ހޯދައިފައެވެ. ރިހި މެޑަލް ހޯދީ 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ހޯދި މެޑެއްޔާއި ދެކުނު އޭޝިއާގެ 21 އަހަރުން ދަށުގެ މުބާރާތުގައި 2017 އާއި 2018 ވަނަ އަހަރު ހޯދި މެޑަލްގެ އިތުރުން މޮރިޝަސް ބެޑްމިންޓަން ސީރީސްގައި 2018 ވަނަ އަހަރު ހޯދި މެޑެއްޔެވެ.
ހަތަރު ލޯ މެޑަލް ހޯދީ މޮރިޝަސް ބެޑްމިންޓަން ސީރީސްގެ 2017 ވަނަ އަހަރާއި 2019 ވަނަ އަހަރުގެ އިތުރުން 2019 ވަނަ އަހަރު ދެކުނު އޭޝިއާގެ 21 އަހަރުން ދަށުގެ މުބާރާތާއި 2018 ވަނަ އަހަރުގެ ނޭޕާލް މުބާރާތުގަ އެވެ.
ވޯލްޑް ޗެމްޕިއަންޝިޕްގެ ފުރަތަމަ ބުރުގައި ނަބާ އާއި ނަބީގެ ޕެއާ ނުކުންނާނީ ރަޝިއާގެ އެކަޓެރީނާ މަލްކޯވާ އާއި އަލީނާ ޑަވްލެޓޯވާގެ ޕެއާއާ ދެކޮޅަށެވެ. މިއީ ދުނިޔޭގެ 34 ވަނައިގައި އޮތް ޕެއާއެކެވެ.