ޚަބަރު

ރައީސް ޔާމީނަށް އިނާޔަތް ލިބޭނެ، އެ ފައިސާ ދޭނީ ކޮންޓިންޖެންސީ ބަޖެޓުން: ފިނޭންސް މިނިސްޓްރީ

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ލިބެން ޖެހޭ އިނާޔަތްތައް ލިބިވަޑައިގަންނަވާނެ ކަމަށާއި އެ ފައިސާ ދެމުން ގެންދާނީ ކޮންޓިންޖެންސީ ބަޖެޓުން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓު މިދިޔަ މަހުގެ 24 ވަނަ ދުވަހު ފާސްކުރި އިރު، ޔާމީން ޖަލުގައި ހުންނެވުމުން، އެމަނިކުފާނަށް ލިބެން ޖެހޭ އިނާޔަތްތައް ބަޖެޓުގައި ހިމަނާފައެއް ނުވެ އެވެ.

އެކަމާ އިދިކޮޅުން ކަންބޮޑުވުން ފާޅުކުރަމުންދާތީ، "ވަން" އިން މިއަދު ސުވާލުކުރުމުން ފިނޭންސް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ލައްމާން ވަހީދު ވިދާޅުވީ، ބަޖެޓު ފާސްކުރި އިރު، ރައީސް ޔާމީން ހުންނެވީ ޖަލު ހުކުމެއްގައި ކަމަށްވީ ނަމަވެސް، އެމަނިކުފާނު މިނިވަންވުމުން ލިބެން ޖެހޭ އިނާޔަތްތައް ދޭނެ ކަމަށެވެ. އެގޮތުން އެކަން ހަމަޖައްސާނީ ކޮންޓިންޖެންސީ ބަޖެޓުން ކަމަށް ވިދާޅުވިއެވެ.

ކޮންޓިންޖެންސީ ބަޖެޓަކީ އަހަރީ ބަޖެޓުގައިވާ ކަންކަމުގެ ތެރެއިން އިތުރަށް ހަރަދުކުރަން ޖެހިދާނެ ކަމަށް ބަހައްޓާ މިންވަރެކެވެ. އެ ހަރަދު ކުރަނީ ފިނޭންސް މިނިސްޓްރީގެ ދަށުންނެވެ. އެގޮތުން އަންނަ އަހަރަށް ފާސްކުރި ބަޖެޓުގައި ކޮންޓިންޖެންސީ ބަޖެޓުގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ.

ލައްމާން ވިދާޅުވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ވެސް ޖަލު ހުކުމެއް އިއްވާފައި ވަނިކޮށް، ބަޖެޓް ފާސްކުރި ކަމަށާއި ނަމަވެސް އެދެބޭފުޅުން މިނިވަންވުމުން އެބޭފުޅުންނަށްވެސް އެ އަހަރުގެ އިނާޔަތްތައް ހަމަޖައްސައިދީފައި ވަނީ ކޮންޓިންޖެންސީ ބަޖެޓުން ކަމަށެވެ.

އަންނަ އަހަރަށް ސަރުކާރުން ހުށަހެޅި ބަޖެޓުގައި ކުރީގެ ތިން ރައީސުން ކަމަށްވާ މައުމޫން، ނަޝީދު އަދި ޑރ. މުހައްމަދު ވަހީދަށް އިނާޔަތްތަކުގެ ގޮތުގައި ޖުމުލަ 11.7 މިލިއަން ރުފިޔާ ދޭން ވަނީ ހިމަނައިފައެވެ. އަދި ޔާމީނަށް މަހަކު 275،000 ރުފިޔާ އަދި އަހަރަކަށް ބަލައި ނަމަ 3.3 މިލިއަން ރުފިޔާ ދޭނަމަ، އެ އަދަދު 15 މިލިއަނަށް އިތުރުވާނެއެވެ.