ދިރާގުން 'އިޔާ އެންޑް ބޯނަސް' ޕްރޮމޯޝަންގެ ނަމުގައި ދިރާގު ހޯމް ފައިބާ ބްރޯޑްބޭންޑް، ދިރާގު ޓީވީ އަދި މޮބައިލް އޮފާތަކެއް ތައާރަފު ކޮށްފިއެވެ.

ދިރާގު މައި އޮފީހުގައި އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ލޯންޗުކުރި އެ ޕްރޮމޯޝަނާ ގުޅޭ ގޮތުން ދިރާގުން ބުނީ، އެ ޕްރޮމޯޝަންގެ ދަށުން ދިރާގު ފައިބަ ކޭބަލް އެއް އަޅާފައިވާ ބިލްޑިންތަކުގައި ދިރިއުޅޭ ކަސްޓަމަރުންނަށް ދިރާގު ފައިބާ ބްރޯޑްބޭންޑުގެ ހިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ރައުޓާ އިން 50 ޕަސެންޓް ޑިސްކައުންޓްވެސް ލިބިގެންދާނެ ކަމަށެވެ.

އޭގެ އިތުރުން، ދިރާގު ފައިބާ ކޭބަލެއް ނެތް ބިލްޑިންތަކުގައި ދިރިއުޅޭ ކަސްޓަމަރުންނަށް އެ ޕްރޮމޯޝަންގެ ދަށުން 50 ޕަސެންޓް ޑިސްކައުންޓް ކަނެކްޝަން ފީން ލިބިގެންދާނެ ކަމަށް ބުންޏެވެ.

ދިރާގުން ބުނީ، އެ ޕްރޮމޯޝަންގައި ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ގެންގުޅޭ ކަސްޓަމަރުންނަށް 31 ޑިސެމްބަރު 2021ގެ ކުރިން ދިރާގު ޓީވީގެ ހިދުމަތައް އެދިގެން މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ޖޯއިބޮކްސްވެސް (ޑީކޯޑަރު) މުޅިން ހިލޭ ލިބިގެންދާނެ ކަމަށެވެ. އަދި ދިރާގު ޓީވީގެ ގޯލްޑް ޕެކޭޖް ނަގާ ކަސްޓަމަރުންގެ ތެރެއިން ހޮވާލެވޭ ނަސީބުވެރި ފަރާތަކަށް ސެމްސަންގްގެ އެންމެ ފަހުގެ ސްމާޓްފޯން، ޒީ ފޯލްޑް 3 ލިބޭނެ ކަމަށާއި ސްޓާޓާ ޕެކޭޖުން މަތި ކޮންމެ ޕެކޭޖެއް ނަގާ މީހުންގެ ތެރެއިން ހޮވާލެވޭ ނަސީބުވެރި 10 ފަރާތަކަށް އެ ކަސްޓަމަރުގެ ޕެކޭޖުގެ ހަ މަސް ދުވަހުގެ މަހުފީ މުޅިން ހިލޭ ލިބޭނެ ކަމަށްވެސް ބުންޏެވެ.

ދިރާގުން ބުނީ، އެ ކުންފުނީގެ މޮބައިލް ކަސްޓަމަރުންނަން ތައާރަފުކުރި ޕޮރޮމޯޝަންގެ ތެރޭގައި 500 ރުފިޔާއަށް ވުރެ މަތީގެ ދިރާގު ޕޯސްޓްޕެއިޑެއް ނުވަތަ އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭނަކަށް އެޕްލައި ކޮށްލައިގެން ތިން މަސް ދުވަހަށް ކޮންމެ މަހަކު 3ޖީބީ ލިބޭނެ ކަމަށާއި އަދި 500 ރުފިޔާއިން ދަށުގެ ޕްލޭންނެއް އެކްޓިވޭޓް ކޮށްގެން ތިން މަސް ދުވަހަށް ކޮންމެ މަހަކު 1ޖީބީ ލިބޭނެ ކަމަށެވެ.

އެ ކުންފުނިން ބުނީ، މިއީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއަކަށް ޑިޖިޓަލް ހިދުމަތް ފޯރުކޮށްދޭ ނެޓްވޯކާ ގުޅައިލުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ. އަދި ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ގިނަ ފައިދާތަކެއް ހޯދައިދީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް ކަމަށް ބުންޏެވެ.