ބ. ދަރަވަންދޫ އާއި އދ. މަހިބަދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ކޮވިޑް ކޭސްތަކަކާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދަރަވަންދޫ އާއި މަހިބަދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިއަދެވެ.

ދަރަވަންދޫ ކައުންސިލް މެމްބަރު އަހުމަދު ޒަނީމް މިރޭ "ވަން" އަށް ވިދާޅުވީ އެރަށުން އެންމެ ފުރަތަމަ ޕޮޒިޓިވްވެފައިވަނީ ސްކޫލު ދެ ކުއްޖެއް ކަމަށެވެ. އެ ދެކުދީން ޕޮޒިޓިވްވެފައިވަނީ އިއްޔެއެވެ.

އޭނާ ވިދާޅުވި އެ ދެކުދީންގެ ކޮންޓެކްޓް ޓްރޭސިން އިން ފާހަގަކުރެވުނު 28 މީހެއްގެ ސާމްޕަލް ނަގައި ޓެސްޓު ކުރުމުން އިތުރު ހަ މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. ޖުމުލަ މިހާތަނަށް އެރަށުން އަށް މީހަކު ޕޮޒިޓިވްވެފައިވާ ކަމަށާއި އެ ކޭސްތަކާ ގުޅިގެން މިހާރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރެވެމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

މަހިބަދޫ ކައުންސިލުގެ ރައީސް ރަޝާދު އަލީ މިރޭ "ވަން" އަށް ވިދާޅުވީ އެރަށުން އެންމެ ފުރަތަމަ ކޭސްއެއް ފެނިފައިވަނީ މިދިޔަ ހަފުތާގައި ކަމަށާއި އެއީ ރޯގާގެ އަލާމާތްތައް ހުރެގެން ދެއްކި ފަރާތެއް ކަމަށެވެ.

އެ ކޭސްއާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހަދާފައިވާ ކަމަށާއި މިހާތަނަށް އެރަށުން 32 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި މިއަދު އެކަނިވެސް ހަތް މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ރަޝާދު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ރަށުގެ ފިޔަވަޅުތައް ވަރުގަދަ ކުރެވިފައިވާ ކަމަށާއި އަދި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް އަންނަނީ ކުރެވެމުން ކަމަށެވެ.