ސުޕްރީމް ކޯޓުން ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމް ބާތިލު ކުރުމަކީ މިއަދު ޝަރުއީ ދާއިރާ އިސްލާހުވަމުން އަންނަ ކަމުގެ ހެއްކެއް ކަމަށް މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި އާސްކް ސްޕީކާ ޕްރޮގްރާމުގައި ނަޝީދު ވިދާޅުވީ ޖުޑީޝަރީ އިސްލާހު ކުރުމަކީ އެންމެ ބޮޑަށް ވަކާލާތު ކުރަމުން އަންނަ މަސައްކަތް ކަމަށެވެ. ޝަރީއަތް އިސްލާހު ކުރުމަކީ ވައުދެއް ކަމަށާއި އެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އިދިކޮޅު ފަރާތްތަކުންވެސް ޝަރީއަތް އިސްލާހުވެފައިވާ މިންވަރު ފާހަގަކުރާ ކަމަށާއި އެއީ މިއަދު ލިބިދޭ އުފަލެއް ކަމަށެވެ. އަދި ސުޕްރީމް ކޯޓުން މިއަދު ނިންމެވި ރައީސް އަބްދުﷲ ޔާމީންގެ ގަޒިއްޔާއާ ގުޅިގެން ވަރަށް ގިނަ ބަޔަކު ރާއްޖޭގެ ކޯޓުތައް އިސްލާހުވަމުން އަންނަ ކަމަށް ގަބޫލު ކުރާ ކަމަށްވެސް ވިދާޅުވިއެވެ.
"ރައީސް ޔާމީނަށް އިއްވި ހުކުމުން އަޅުގަނޑު ދެކޭ ގޮތުގައި ޝަރުއީ ނިޒާމު މިނިވަން ވަމުން އަންނަތަން އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ،" ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ މިނިވަންވާ މީހަކީ ކޮން ފަރާތެއްތޯ ބަލަން ނުޖެހޭނެ ކަމަށާއި ބައެއް ފަހަރު އެއްބަޔަކު ހިތްހަމަ ނުޖެހޭ މީހާ މިނިވަން ވެދާނެ ކަމަށެވެ. އަދި ވަރަށް ހިތްހަމަޖެހޭ މީހަކު މިނިވަން ވެދޭނެ ކަމަށެވެ. ނަމަވެސް އެންމެ މުހިންމީ މިއަދު ޖުޑީޝަރީ އިސްލާހުވެގެން އަންނަ މަންޒަރު ފެންނަމުން ދިއުން ކަމަށްވެސް ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ޝަރީއަތެއް ރަނގަޅަށް ކުރެވިގެން ޣަޒިއްޔާއެއް ރަނގަޅަށް ނިންމުމަކީ މުޅި ރާއްޖެއަށް ލިބޭ ކުރިއެރުމެއް ކަމަށެވެ. އަދި ޝަރުއީ ނިޒާމު އިސްލާހުވެ، މިނިވަންވެގެން އަންނަކަމީ ރައްޔިތުން އުފާވާނެ ކަމެއް ކަމަށާއި އެއީ ދިވެހިން އެދޭ ގޮތް ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު