ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލައިފައިވާ މަނީ ލޯންޑަރިންގެ ދައުވާއިން އެމަނިކުފާނު ދިފާއު ވުމަށް ލިބިދީފައިވާ ހައްގަށް އުނިކަމެއް އައިސްފައި ނުވާ ކަމަށާއި، ދިފާއުވުމުގެ ހައްގަށް އުނިކަމެއް އައިސްފައި ވާ ނަމަ އޭނާގެ ރައުޔު ތަފާތު ވާނެ ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
ފަނޑިޔާރު މަހާޒު އެގޮތަށް ވިދާޅުވީ މިހާރު ކުރިއަށްދާ ޔާމީންގެ އިސްތިއުނާފު މައްސަލައިގެ ހުކުމް އިއްވުމުގެ ޝަރީއަތުގެ މަޖިލީހުގައި އޭނާގެ ރައުޔުތައް އިއްވަވަމުންނެވެ. އެ ޝަރީއަތުގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު މަހާޒުއެވެ.
މީގެ ކުރިން ބޭއްވި ޝަރީއަތުގައި ޔާމީނުގެ ފަރާތުން އިސްތިއުނާފީ ދެ ވަނަ ނުކުތާގައި ފާހަގަކޮށްފައި ވަނީ މި މައްސަލައިގައި ޔާމީނުގެ މައްޗަށް އުފުލުނު މަނީ ލޯންޑްރިންގެ ކުށުގެ ދައުވާގައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ބަޔާންކޮށްފައިވާ މިންވަރަށް ކުށުގެ އަމަލުގެ ތަފުސީލުތައް ހިމެނިފައިނުވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އިބުތިދާއީ މަރުހާލާގައި ޔާމީނުގެ މައްޗަށް އުފުލުނު ދައުވާއަކީ ކޮބައިކަން ސާފުކޮށްދެވިފައި ނުވާ ކަމަށެވެ.
އެ ނުކުތާގެ ރައްދުގައި ދައުލަތުގެ ފަރާތުން ބުނެފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ މިންވަރަށް ދައުވާގައި ކުށުގެ އަމަލުގެ ތަފުސީލުތައް ހިމެނިފައިވާނެ ކަމަށެވެ. އެގޮތުން ދައުވާގައި މަނީ ލޯންޑްރިންގެ ގާނޫނުގެ ފަސް ވަނަ އަދި ތިން ވަނަ ނަންބަރުގައިވާ ކުށުގެ އުންސުރުތައް ޔާމީނުގެ އަމަލުން ފުރިހަމަވާ ގޮތް ތަފުސީލުކޮށް ދައުވާގައި ބަޔާންކޮށްފައިވާނެ ކަމަށެވެ. އަދި އިބުތިދާއީ އަޑުއެހުމުގައި ޔާމީނަށް ކުށުގެ އަމަލު ސާފުކޮށް ކިޔައިދީފައިވާނެ ކަމަށެވެ.
ހުކުމް އިއްވަމުން މިއަދުގެ ޝަރީއަތުގައި ފަނޑިޔާރު މަހާޒު ވިދާޅުވީ ކުށެއް ކުރިކަމުގެ ދައުވާ އުފުލިފައިވާ ކޮންމެ މީހަކަށް ގާނޫނުއަސާސީގެ 51 ވަނަ މާއްދާއިން ކަށަވަރު ކޮށްދޭ އެންމެހައި ހައްގުތައް ކަށަވަރުކުރެވޭނެ ފަދައަކުން އެ ދައުވާ އޮންނަން ޖެހޭނެ ކަމަށެވެ.
"ސުވާލަކީ ޔާމީނުގެ ފަރާތުން ފާހަގަކޮށްފައިވާ ގޮތަށް ވޮޑަމުލާގެ ވާހަކަ ދައުވާގައި ހިމެނިފައި ނެތުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ބޭނުމަށްޓަކައި ދައުވާގައިވާ އުނިކަމެއް ހެއްޔެވެ؟ އަދި އެ ރަށުގެ ވާހަކަ ނެތުމުގެ ސަބަބުން ދައުވާއިން ދިފާއުވުމަށް ހުރަހެއް ކުރިމަތިވި ހެއްޔެވެ؟" ޔާމީންގެ އިސްތިއުނާފީ މައްސަލައިގައި ރައުޔު އިއްވަމުން ފަނޑިޔާރު މަހާޒު ވިދާޅުވިއެވެ.
އެއަށްފަހު ފަނޑިޔާރު މަހާޒު ވިދާޅުވީ މައްސަލައިގެ ދައުވާއާ ގުޅިގެން ޔާމީނުގެ މައްޗަށް ޝަރީއަތް ކުރީ ހަމަހަމަކަން ގެއްލޭ ގޮތަށް ކަމަށް ޔާމީނުގެ ފަރާތުން ވިދާޅުވިޔަސް، ޝަރީއަތް ހިންގީ ހަމަހަމަކަން ގެއްލޭ ގޮތަށް ކަން ސާބިތުވާ ހެއްކެއް ޔާމީންގެ ފަރާތުން ހުށަހަޅާފައި ނުވާ ކަމަށެވެ.
އެހެންކަމުން ޝަރީއަތް ކޮށްފައިވަނީ ހަމަހަމަކަން ގެއްލޭ ގޮތަށް ކަމަށް ބެލެވެން ނެތް ކަމަށް މަހާޒު ވިދާޅުވިއެވެ. އަދި ދައުލަތުން ކުރި މަނީ ލޯންޑަރިންގެ ދައުވާ ސާފު ނުވާ ކަމަށް ޔާމީނުގެ ފަރާތުން ހުށަހެޅި ހުށަހެޅުމާ ގުޅިގެން ފަނޑިޔާރު މަހާޒު ވިދާޅުވީ އެކަމާ ގުޅިގެން ހައި ކޯޓުން ނިންމާފައިވަނީ ކުށާ ގުޅޭ ތަފުސީލީ މައުލޫމާތު އެކަށީގެންވާ މިންވަރަށް ދައުވާ ފޯމުގައި ހިމެނިފައިވާ ކަމަށް ކަމަށެވެ.
މަހާޒު ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން ވަކި އެއްޗެއް ހިމެނޭ ކުށެއްގައި، އެ ކަމެއް ސާފުކޮށްދީ ކޮށްފައިވާ ދައުވާ ސާފުވެފައި ނުވާނަމަ ދައުވާ ސާފުކޮށްދޭން ޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ ޔާމީނުގެ ފަރާތުން ގއ. ވޮޑަމުލާގެ ވާހަކަ ވަކިން ނެތުމަކީ އުނިކަމެއްތޯ ބަލާއިރު، ދައުވާ ސާފު ކޮށްދިނުމުގެ މަރުހާލާގައި ދައުލަތަށް ދެފަހަރު ދެގޮތަށް ވާހަކަ ދެކެވިގެން ނުވާނެ ކަމަށެވެ.
ފަނޑިޔާރު މަހާޒު ވިދާޅުވީ ދައުލަތުގެ ވާހަކައިގައި ފުށުއެރުމެއް ނުވަތަ ތަފާތެއް ނެތް ކަމަށާއި އެހެންކަމުން ދައުވާ ސާފު ނުވާ ކަމަށް ބުނެ ޔާމީން ހުށަހެޅި ހުށަހެޅުން ބަލައިނުގަތުމަށް ހައި ކޯޓުން ކުރި ހުކުމަށް ތާއީދު ކުރައްވާ ކަމަށެވެ.
ދައުވާއިން ދިފާއުވުމުގެ ހައްގު ނުލިބޭ ކަމަށް ޔާމީނުގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި ހުށަހެޅުމާ ގުޅިގެން ފަނޑިޔާރު މަހާޒު ވިދާޅުވީ މައްސަލައިގެ ޝަރީއަތް ތަވާލުކުރި އިރު އިޖުރާއީ ގޯހެއް ނެތަސް މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު މައްސަލަ ތާވަލުކުރި އިރު މަޝްވަރާ ނުކުރުމުގެ ސަބަބުން އިޖުރާއީ އައިބެއް އައިސްފައިވާ ކަމަށެވެ. ނަމަވެސް އެއީ ދައުވާއިން ދިފާއުވުމުގެ ހައްގަށް އުނިކަން ލިބޭ ފަދަ ކަމެއް ނޫން ކަމަށާއި އެހެން ކަމުން މި ކަމުގައި ހައި ކޯޓުގެ ނިންމުމަށް ތާއީދު ކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ ހައި ކޯޓުގައި ޔާމިނުގެ ދިފާއުވުމުގެ ހައްގަށް އުނިކަމެއް އައިނަމަ އޭނާގެ ރައުޔު ތަފާތުވާނެ ކަމަށެވެ.
ފަނޑިޔާރު މަހާޒުގެ އެ ރައުޔަށް ފަނޑިޔާރު މުހައްމަދު އިބްރާހީމާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުވެސް ވަނީ ތާއިދުކުރައްވައިފައެވެ.