މުނިފޫހިފިލުވުން

ޖޯން އަބްރަހަމްގެ "ސަތިޔަމޭވަ ޖަޔަތެ 2" އަށް ރަނގަޅު ތަރުހީބެއް ނެތް

އިންޑިއާގެ ތިއޭޓަރުތަކަށް ނޮވެމްބަރު 25 ގައި ރިލީސްކުރި ޖޯން އަބްރަހަމްގެ ''ސަތުޔަމޭވަ ޖަޔަތެ 2'' އަށް މާބޮޑު ކުރިއެރުންތަކެއް ލިބެމުން ނާންނަ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ހަފުތާ ބަންދާ ދިމާކޮށް ޖެހިޖެހިގެން ރިލީސް ކުރި ދެ ފިލްމުގެ ތެރެއިން ޖޯން އަބްރަހަމްގެ ''ސަތިޔަމޭވަ ޖަޔަތެ 2'' އަށްވުރެ 26 ނޮވެމްބަރު ގައި ރިލީސްކުރި ސަލްމާން ހާން އަދި އަޔޫޝް ޝަރްމާގެ ''އަންތިމް: ދަ ފައިނަލް ޓުރުތު'' ވަނީ ކުރިއަށް ޖެހިލައިފައެވެ.

ބޮކްސް އޮފީހުގެ ހިސާބުތަކަށް ބަލާއިރު ''ސަތިޔަމޭވަ ޖަޔަތެ 2'' އަށް ފުރަތަމަ ދުވަހު 3.6 ކުރޯޅު ލިބިފައިވާއިރު ޖެހިގެން އައި ދުވަހު ވަނީ 1.75 ކުރޯޅަށް ވެއްޓިފައެވެ. ފިލްމުގެ އާމްދަނީ 10.5 ކުރޯޅު އިންޑިއަން ރުޕީސް ގައި އުޅޭއިރު ވާދަވެރި ފިލްމު ''އަންތިމް'' ވަނީ މިހާތަނަށް 17 ކުރޯޅު ހޯދާފައެވެ.

އިންޑިއާގެ ތިއޭޓަރުތައް އަލުން ހުޅުވާލުމާއެކު ނޮވެމްބަރު 5 ގައި ރިލީސްކުރި އަކްޝޭ ކުމާރުގެ ''ސޫރްޔަވަންޝީ'' އަންނަނީ އަދިވެސް ގިނަ ކާމިޔާބީތަކެއް ހޯދަމުންނެވެ.

އެ ފިލްމު ރިލީސް ކުރިތާ އެންމެ 24 ދުވަހުގެ ތެރޭގައި ބޮލީވުޑް ފިލްމުތައް ކަމަށްވާ ''ބާޖީރާއޯ މަސްތާނީ'' އަދި ''ޔެ ޖަވާނީ ހެ ދިވާނީ'' އިން ހޯދި އާމްދަނީ އަށްވުރެ ބޮޑު އާމްދަނީއެއް ވަނީ ހޯދައިފައެވެ. ''ސޫރިޔަވަންޝީ'' އިން މިހާތަނަށް ވަނީ 189 ކުރޯޅު ހޯދައިފައެވެ.