ޚަބަރު

ގައުމީ ޝިޕިން ކުންފުނިން އިތުރު ބޯޓެއް ރާއްޖެ ގެންނަނީ

އަލީ ޔާމިން

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިން ކުންފުނިން އަމިއްލަ އިތުރު ބޯޓެއް އަންނަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެ ގެންނާނެ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި އަމްރު ރޭ ވިދާޅުވީ، ހުއްޓިފައި އޮތް ގައުމީ ޝިޕިން ލައިންގެ ހިދުމަތް އަލުން ފަށައިގަނެ ހިންގަން ފެށުމަކީ ރާއްޖޭގެ އިގްތިސޯދަށް މަންފާ ކުރަމުން އަންނަ ކަމެއް ކަމަށާއި އެމްއެސްއެސް މިދިޔަ އަހަރު ވުޖޫދު ކުރެވިގެން މިހާތަނަށް އައިއިރުގައި، އަމިއްލަ ބޯޓެއްގައި ހިދުމަތް ދެމުން އަންނަ ކަމަށެވެ.

އެމްއެސްއެސްގެ އަމިއްލަ ބޯޓު "އެމްއެސްއެސް ގެލީނާ" މުދަލާއެކު ރާއްޖެ އައިސްފައިވަނީ މިމަހުގެ 23 ވަނަ ދުވަހުއެވެ.

އަމްރު ވިދާޅުވީ، އެމްއެސްއެސްގެ ހިދުމަތް ފުޅާ ކުރުމަށް އަމިއްލަ އިތުރު ބޯޓެއް އަންނަ އަހަރު ގެންނާނެ ކަމަށާއި އެ ބޯޓަކީ މިހާރު އޮތް ބޯޓަށް ވުރެ ޖާގަ ތަނަވަސް ބޯޓެއް ކަމަށެވެ.

"ޖެނުއަރީ މަހުގެ ތެރޭގައި އެއަށް ވުރެ ބޮޑު ބޯޓެއް އިރާދަކުރެއްވިއްޔާ އަންނާނެ." އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ، އަލަށް ގެންނަނީ، 45،000 ޓަނުގެ ކާގޯ އުފުލޭނެ ބޯޓެއް ކަމަށާއި އިމާރާތް ކުރުމަށް ބޭނުންވާ ސާމާނު އެ ބޯޓުން ފަސޭހަކަމާއެކު ގެނެވޭނެ ކަމަށާއި އެކަމުގެ ސަބަބުން ހެޔޮއަގުގައި އިމާރާތްކުރާ ސާމާނު ރާއްޖެއިން ލިބޭނެ ކަމަށެވެ.

އަމްރު އިތުރަށް ވިދާޅުވީ، އެސްޓީއޯގެ އަމާޒަކީ އެމްއެސްއެސްގެ ހިދުމަތް ފުޅާކޮށް، ރާއްޖެ ނައިސް ރާއްޖެއިން ބޭރުގެ އެކި ގައުމުތަކަށް މުދާ އުފުލޭ ހިސާބަށް އެކުންފުނި ކުރިއެރުވުން ކަމަށެވެ.