ވާހަކަ

ވަކިވާން ޖެހުމުން - 19

5

ނަވާރަވަނަ ބައި...

އެއްވެސް ވާހަކައެއް އާއިލާގެ މީހަކަށް ނާންގައި އުޅުމަށް ޝާމިން ކުރި ހުރިހާ މަސައްކަތެއް ފެނަށްވިކަމުގެ އިހުސާސް ކުރެވިފައި ހަދާނެ ގޮތެއް ނޭނގިފައި ޝާމިނަށް އިނދެވުނީއެވެ. މަންމައަށް ދޭނެ ޖަވާބަށްވުރެ ބޮޑަށް މީގެ ސަބަބުން ޝައުފާއަށް ލިބިދާނެ ގެއްލުމެއް ނުވަތަ އަނިޔާއަކާ ދޭތެރޭ ވިސްނާލެވުނު ވަރާއި އެކަމާ ހެދި ހާސްވެ ކަންބޮޑުވިވަރު މާބޮޑެވެ.

********

އެނދުގެ ސައިޑްކަބަޑްގައި ލެނގިލައިގެން އަތުގައި އޮތް ފޮތުގެ ހުޅުވިފައިވާ ސަފުހާގައި ލިޔަމުން ދިޔަ ވާހަކަ މެދުކަޑާލަމުން ޝައުފާ، އެނދާ ގާތުގައި ހުރި ކުޑަ މޭޒުމަތީގައި ހުރި ކޮފިތަށި ނަގައި އެއިން އެތިފޮދެއް ބުއިމަށްފަހު އަނެއްކާވެސް ގަލަމުގެ ތުނޑު ފޮތުގައި ޖައްސައިލިއެވެ.

"އަހަންނަށްޓަކައި އެއީ ވަރަށް އަގުބޮޑު އެހާމެ މުހިންމު ހާއްސަ މީހެކެވެ. އެހެން ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ބުންޏަސް އަހަރެންގެ އެއްވެސް ފަރުވާލެއް އެކަމަކަށް ނެތެވެ."

އޭނާ ޝާމިނާ ބެހޭގޮތުން ލިޔަމުން ދިޔަ ކޮންމެ ބަހަކި ހިތުގެ އަޑިން ބުނަމުން ގެންދިޔަ ތެދެކެވެ.

އެއިން ކޮންމެ ލަފްޒަކީ އަދި ކޮންމެ ޖުމުލައެއް ވަކިވަކިން އެއީ ހިތާއި ފުރާނައިން އޭނާ ވާ ވައުދެކެވެ.

ޝާމިނާ އެންމެ ފުރަތަމަ ބައްދަލުވި ދުވަހު އޭނާ މިއަދު އެހެރަ ހިސާބުގައި ޝާމިންގެ މީހެއްގެ ގޮތުގައި އިންނާނެކަމުގެ އެއްވެސް އިހުސާސެއް ކުޑަކޮށްވެސް ކުރެވިފައެއް ނެތެވެ. އެއްދުވަހެއްގެ ހޫނު މެންދުރެއްގައި މާލޭގެ މަގެއްގެ މަތިން ބައްދަލުވެ އޭގެ ހަމަ އެންމެ ދެ ދުވަހެއްގެ ފަހުން ޒިމްނާގެ ގެއިން ބައްދަލުވެ ރަހުމަތްތެރިކަން ބަދަހިވެގެންދިޔަ އެޒުވާނާ ދެކެ ހިތާއި ނަފްސުން އިންތިހާއަށް ލޯބިވެވިދާނެ ކަމަކަށް އޭނާ ފަހަރެއްގައިވެސް ކުޑަކޮށްވެސް ހިއެއް ނުކުރެއެވެ.

ޝާމިނާ ބައްދަލުވެ އެކުވެރިކަން ބަދަހިވުމުގެ ކުރިން އޭނާ އުޅުނީ ތޮށިގަނޑެއްގެ ތެރޭގައި ފިލައިގެންނެވެ. އަމިއްލަ ނަފްސުގެ ހަގީގަތާއި އަމިއްލަ މާޒީގެ ހިތި ހިތްދަތި ސިއްރުތަކާއި އެތަކެއް އުއްމީދުތަކާއި އެތަކެއް ހުވަފެންތަކެއް ކުލަ ޖައްސާފައިވާ ސޫރައެއްގެ ފަހަތަށްލައި ފޮރުވައިގެން އުޅުނު އޭނާގެ އަތުގައި ހިފައިގެން އެ އަނދިރިކަމުގެ ތެރެއިން އަލިކަމާއި ރީތި ދުނިޔޭގެ އުފާވެރިކަމުގެ ތެރެއަށް ނުކުތީ ޝާމިނެވެ.

އެންމެ ފުރަތަމަ ޝާމިނާ ދިމާއަށް ލެބެމުންދިޔަ ހިތަށް އޭނާ ވިސްނައިދޭން މަސައްކަތް ކުރީ ޝާމިނަކީ އެހެން މީހެއްގެ ލޯބީގައި އާވާރާވެފައިވާ ދީވާނާ އާޝިގެއްކަމަށް ވާތީ އެ މޮޔަވުމުން ދުރުވުމަށް ބެނުންވެގެންނެވެ.

އެހެންނަމަވެސް ޝާމިން ފަދަ ފިރިހެނެއް ދެކެ ކޮންމެ އަންހެން ކުއްޖަކުވެސް ލޯބިވާނެއެވެ. އެއީ ލޯބިވެވޭ ފަދަ ޝަހުސިއްޔަތެކެވެ. ކޮންމެ އަންހެން ކުއްޖެއްގެ ހުވަފެނުގައިވެސް ރަސްކަން ކުރާނީ އެފަދަ ސިފަތަކެއް ލިބިފައިވާ ޝެހެޒާދާއެކެވެ. ނޭނގި ހުއްޓައި މަޑުމަޑުން އޭނާގެ ހިތުގައި ޝާމިން ރަސްކަން ކުރަން ފަށައިފިއެވެ.

އޭނާއަކީ ރާއްޖެތެރޭގެ ރަށެއްގެ ހަތަރުކަށިމަތި ރާއްޖެތެރޭގެ ރަށަކަށް ނިސްބަތްވާ މާބޮޑު ނޫން ހަމަ ވަރަށް އާދައިގެ އާއިލާއަކުން އައިސްފައި އިން މެދުމިނުގެ ވިސްނުމާއި ފިކުރުގެ އަންހެނެކެވެ. ތިމާގެ އަމިއްލަ ގެދޮރު އުފަލާއި ހަމަޖެހުމުން ބިނާކުރަން ބޭނުންވާ އޭނާގެ އީމާނަކީ ތެދުވެރިކަމާއެކު ﷲއަށް ބޯލެނބުމުގައި ހޭދަކުރާ އިހުލާސްތެރިކަމެވެ.

އޭނާގެ ޒީނަތްތެރިވާ ގަހަނާއަކީ ލަދުވެތިކަމާއި އަދަބުއަހުލާގެވެ. އޭނާގެ މޭކަޕަކީ އީމާންތެރިކަމާއި ހުލްގު ހެޔޮކަމެވެ. އޭނާގެ މުދަލަކީ ވަރުގަދަ އަގީދާއަކާއި އަމާނާތްތެރިކަމެވެ. އޭނާގެ ކޮންމެ ދުވަހެއް ފެށެނީ ﷲތައާލާއަށް ވެވޭ އަޅުވެތިކަމުގައި އެކަލާނގެ މިންވަރުފުޅަށް ކުރާ އިތުބާރާއެކު އަނެކުންނަށްޓަކައި އަމާންކަމުގެ ހިނިތުންވެލުމަކުން މަސައްކަތަށް ނުކުންނަމުންނެވެ. ކޮންމެ ދުވަހެއް ނިމިގެން ދަނީ ކޮންމެވެސް މީހަކަށް އޭނާގެ ފަރާތުން ކޮންމެވެސް މިންވަރެއްގެ އެހީއެއް ވެދެވުނު ކަމުގެ ހިތްހަމަޖެހުން ލިބިގަތުމާއެކު އެއްވެސް އެދުމެއް ނެތް ސާފު ހިތަކާއެކުގައެވެ. އެހެންނަމަވެސް ދުވާލުގެ އަލިކަމުގަޔާއި މީހުންގެ ކުރިމަތީގައި އޭނާގެ ފޮރުވާފައި ހުންނަ ކަރުނަތައް ރޭގަނޑު އޭނާގެ ބޯއަޅާ ބާލީހަށް ހިނދިގެންދާއިރު ވަޅުލެވިފައިވާ އޭނާގެ ޅަޒުވާން އުއްމީދުތަކާއި ހުވަފެންތަކަށް ސަމާލުކަމެއް ދޭނެ އެއްވެސް މީހަކު ނުހުރެއެވެ. އެކަމަކު....

އެކަމަކު އެއީ ޝާމިނާއި ދިމާވުމުގެ ކުރިންނެވެ.

ޝާމިނަށް އޭނާގެ މާޒީގެ ބިރުވެރި ވާހަކަ އެނގުނު ހިނދުން ފެށިގެން އޭނާއާ ވަރަށް ގާތަށް ޝާމިން އަތުވެއްޖެއެވެ. އޭނާ ހީކުރީ ޝާމިން އޭނާގެ އެ ވާހަކަތަކަށް ފަހު މަލާމާތްކޮށް އޭނާގެ ރަހުމަތްތެރިކަންވެސް ދޫކޮަށްލާނެ ކަމަށެވެ. އެކަމަކު ޝާމިން ވީ އެއަށްވުރެ މާ އޯގާތެރި ހިތްހެޔޮ މީހަކަށެވެ.

މަޑުމަޑުން ބަދަހިވަމުން އައި އެކުވެރިކަމުގެ ގުޅުމުގައި ލޯބީގެ ވިއްސާރަދުނި ކުލަތައް ޖެހުނީ ކޮންއިރަކު ކިހިނެއް ކަމެއް ހުދު ޝައުފާއަކަށްވެސް ނޭނގެއެވެ.

އެއް ދުވަހެއްގެ ރޭގަނޑު ޖެހެމުން ދިޔަ ފިނި ރޯޅިތަކާއެކު ކުޑަދޮރުގެ ބިއްލޫރުގަނޑަށް ވިއްސަމުން ދިޔަ ވާރޭގެ ކަނިތަކުގެ ރީތި މަންޒަރަށް ގެއްލިފައި އިނދެވުނު ޝައުފާގެ ކަންފަތްދޮށުގައި ސިއްރު ވާހަކައެއް ބުނެލީ އަމިއްލަ ފޯނުން ކޮންމެވެސް މައުލޫމަތެއް ކިޔަން އިން ޝާމިނެވެ.

"މީގައި މިއޮތީ ކިހާބޮޑު ތެދެއް.... ތިމާ މީހެއް ދެކެެ ހިތާއި ނަފްސުން ލޯބިވުމަކީ އެމީހެއްގެ އުފަލާ އެއްވަރަށް ހިތާމައާއި ލަދާއި ތަދުވެސް ހިއްސާކުރުމެވެ..... ކިހާ ބޮޑު ތެދެއް.... ޝައު އެންމެ ފުރަތަމަ އަހަރެންގެ ކާމިޔާބާއި މޮޅުކަން ދެނެގަނެ އޭގެ ފައިދާ ލިބިގަތުމުގެ ކުރިން ހިއްސާވީ އަހަރެންގެ ލަދާއި ތަދުތަކުގައި.... އަހަރެން މި މުޖުތަމައުގެ ގަވާއިދާއި ގާނޫނުން ބޭރުވެފައި ހުއްޓައި އަހަރެންގެ ހުރިހާ ލަދެއް ބޮލުގައި އަޅައިގެން މީހަކަށް ހެދީ ޝައު.... ތީ އަހަރެންގެ ލޯބިވެރިޔާ ނޫން އެހެން ދެން ކާކު...؟ ބުނެބަލަ... މަށާއި ދިމާއަށް "ޕްރިޝިއަސް" ކިޔަނީ ކީއްވެ.... ތީ އަހަރެންގެ "އަސްލު" … މަގޭ "ރިއަލް..."އެއް ނޫންތަ.........!"

ޖެނުއަރީ މަހުގެ ފަސްވަނަ ދުވަހުުގެ ރޭގެ އެ ހަނދާން އަދިވެސް އިއްޔެ މެންދުރުގެ ތާޒާ ކަމެއް ފަދައިން ޝައުފާގެ ހިތާއި ސިކުޑީގައި ހަރުލާފައި އެބަހުއްޓެވެ. އޭނާއާ ބައްދަލުވި އިރު މަސްތުވާތަކެތީގެ ޝިކާރައަކަށްވެ އޭގެން ނުކުންނާނެ އެއްވެސް ގޮތެއް ނޭނގިފައި ހުރި ޝާމިނަށް މަގު ދައްކައި އެ ޝާމިން މީހަކަށް ހެދިއިރު އޭނާގެ ހިތުގައި އެފަދަ އެއްވެސް އެދުމެއް އިހުސާސެއް ނެތެވެ. އެހެންނަމަވެސް މަޑުމަޑުން އޭނާގެ ހިތުގައި މޯޅިއަކަށް ދެމެމުން އައި ޝާމިންގެ ލޯބީގެ ހުޅުކޮޅު ދިޔައީ ދުވަހަކަށްވުރެ ދުވަހެއް ބޮޑުވަމުންނެވެ. އެންމެ ފަހުން ޝާމިންގެ އަތުން އޭނާގެ އަތުގައި ހިފައި އެ ގުޅުމުގައި ސާބިތުވުމަށް ކޮޅަށް ތެދުކުރީއެވެ.

ވޭތުވެދިޔަ ދުވަސްތަކުގައި އެކަކު އަނެކަކާ ނުހަނު ގާތުގައި އުޅެމުން އައި އިރު ޝައުފާއަށް ވިސްނުނީ ޝާމިނަކީ ހަމަ ކޮންމެ އަންހެން ކުއްޖަކުވެސް ލޯބިން ފިދާވާ ފަދަ ގާބިލު ޒުވާނެއްކަމެވެ.

އެހެންނަމަވެސް ޝާމިން ދެނެގަތުމުގައި ޔުއާނާއަށް ވަރަށް ބޮޑަށް އޮޅުނީއެވެ. އަމިއްލަ އަތުން ނަގައި އެއްލާލި އަގުނުކުރެވޭ ފަދަ ޖަވާހިރު އެހެން މީހަކުގެ މިލްކަކަށް ވާތަން ފެނުމުން ޔުއާނާ ތެޅިގަތެވެ. ކިތަންމެ ތެޅުނަސް އަދި ކިތަންމެ އާދޭހެއް ކުރިޔަސް ޝާމިން ހުރީ ޝައުފާއާ ވަކިވާކަށް ނޫނެވެ. އެހެންކަމުން ޔުއާނާއަށް ރައްދު ޖަވާބު ދިނީވެސް ޝައުފާގެ ހާޒިރުގައެވެ.

"އެންމެ ކުޑައިރުވެސް ބައްޕަ އަހަރެން ގާތު ބުނުއްވި ވާހަކައެއް މިހާރުވެސް ހަނދާން އެބަހުރި.... ބައްޕަ ބުނުއްވާނެ ވަރަށް ގިނައިން އެހެން ބުނުއްވާނެ.... 'ދަރިފުޅާ ދޮންކަލޯ ޝާމިން... ނަމަނަމަ މީހަކާ އިންނައިރު ތިމާ އެމީހެއް ދެެކެ ވާ ލޯތްބަށްވުރެ ތިމާ ދެކެ ލޯބިވާ އަންހެނަކާ ނޫނީ ނީންނާތި... އެންމެ ފުރަތަމަ ކަމަކީ ދީން... އީމާންތެރި އަންހެން ކުއްޖެއްނަމަ ބަކީ ހުރިހާ ކަމެއްވެސް ފުރިހަމަ ވާނެ....'.. އަސްލު ޔުއާނާގެ ގައިގައި އެކަހަލަ އެއްވެސް ކަމެއް ނެތް.... އެކަމަކު... ޝައު.... ބައްޕަ ދުނިޔޭގައި ހުންނެވިނަމަ ޝައުއާ ހެދި ބައްޕަ އުފަލުން މޮޔަވެލައްވާވަރުވެސްް ވީސް.... ތީ ހަމަ ބައްޕަ އެދިލެއްވި ހުރިހާ ސިފަތަކެއް ހުރި ކަމަނާއެއް....."

ޝައުފާގެ ލޮލުން ވެއްޓުނު ކަރުނަ ތިކިތަކުން، އޭނާގެ އުނގުގައި އޮތް ފޮތުގެ ސަފްހާގައި ލިޔެފައި ހުރި އަކުރުތައް ތެންމައި ދެލި ފޭދިގެން ދިޔައެވެ. އެއީ އިރެއްގައި ހިތި ވޭނީ ކަރުނައިގެ ރަހަ ދުށް ގަޑުތަކެއް ހުރި ފޮތެއް ނަމަވެސް މިއަދު އެ ސަފްހާތައް އިހުސާސް އެކުރީ އުފަލުގެ ކަރުނައިގެ ރަހައެވެ.

ހިނިތުންވެ އިނދެ މިއަދުގެ ހާއްސަ ވާހަކަތައް ނޯޓު ކުރަމުން ދިޔައިރު، އަނެއްކޮޅުން އޭނާގެ ތަގުދީރު ޝާމިނުގެ ނަމާއި ވަކިން ލިޔުމަށް ބަޔަކު މަސައްކަތް ކުރަން ފެށިކަމުގެ އެއްވެސް ހިލަމެއް ޝައުފާއަކަށް ނުވެއެވެ. ޝާމިންގެ ގޭގައި ބޮމެއް ގޮވުން ފަދަ ބޮޑު ކަމެއް ލައިގަނެގެން އުޅޭ ކަމުގެ އެއްވެސް ހަބަރެއް ޝައުފާއަކަށް އެނގިފައެއް ނެތެވެ.

***************

ރިސޯޓުގެ ފިނި އަރާމް ލައުންޖުގައި ކޮފީއެއް ބޯން އިން ޒިޔާދުގެ ކަޅި، ކުޑަތަންކޮޅެއް ދުރުގައި މާގަސްތަކަކާ ކުޅެން ހުރި އޭނާގެ ލޯބިވާ ދަރިފުޅުގެ ގައިން ނެއްޓިގެނެއް ނުދެއެވެ. ހަފުތާ ބަންދުގެ މި ދެދުވަހު ހިތް އުފާކޮށްލަން ދަރިފުޅު ގޮވައިގެން މި ރިސޯޓަށް އޭނާ އައީ ހަމައެކަނި ދަރިފުޅު ހިތްހަމަ ޖައްސައިލުމުގެ ބޭނުމުގައޭ ބުނެފިނަމަ އެއީ މުޅީން ތެދަކަށް ނުވާނެއެވެ. އޭނާ މިތަނަަށް އައީ އަމިއްލަ ހިތަށް ލިބުނު ވޭނާއި ކެކުޅުމުން ދުރުވުމަށްވެސްމެއެވެ.

ދަރިފުޅުގެ މަންމަގެ ވަކިވުމަށްފަހު ހަޔާތަށް އައި ފަޅުވީރާނާކަން ދުރުކުރުމުގެ ހިޔާލު ފުރަތަމަ ފަހަރަށް އޭނާގެ ސިކުޑީގައި އުފެއްދި އަންހެނަކީ ޝައުފާއެވެ. އޭނާ ބޭނުންވި ހުރިހާ ސިފަތަކެއް ޝައުފާއަށް ލިބިފައިވެއެވެ. އެންމެ ހާއްސަކަމަކީ ޝައުފާއާއި ނޯޔާގެ ގާތް އެކުވެރިކަމެވެ. ދަރިފުޅަށް ރަނގަޅު ހެޔޮލަފާ މަންމައެއްގެ ބޭނުން ޖެހިފައިވާކަން އޭނާއަށް ކުރިންވެސް އެނގެއެވެ. އެހެންނަމަވެސް ޖެހިލުމެއް ނެތި އެ ޒިންމާ ހަވާލު ކުރާވަރުގެ އަމާނާތްތެރިއަކު އޭނާއަށް އެއްވެސް ދިމާލަކުން ނުފެނެއެވެ. ޝައުފާއާ ބައްދަލުވެ ދަރިފުޅަށް ކިޔަވައިދޭން ޝައުފާ ފެށިތާ މިވީ ދުވަސްތަކުގެ ތެރޭގައި އޭނާ ޝައުފާ ވަރަށް ރަނގަޅަށް ދެނެގެންފިިއެވެ. އަދި ނޯޔާާއަށް މަންމައެއްގެ ލޯބި ދެވޭނެ މީހެއް ހުރިނަމަަ އެމީހަކީ ޝައުފާ ކަމުގައި އޭނާ ނިންމައިފިއެވެ.

އެހެންނަމަވެސް ބައެއް ހުވަފެންތައް އެއަށް ހަގީގީ ކުލަ ޖެއްސުމުގެ މާބޮޑަށް ވެސް ކުރީގައި ވިއްސި ވިހާލިވެ ރޫޅިގެން ދެއެވެ. އެއީ ދުނިޔޭގެ ކަން ހިނގާ އުސޫލެވެ.

(ނުނިމޭ)