ފުޓްސަލް

މިނިވަން ފަރު އިންޓަ އޮފީސް ފުޓްސަލް މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް "ވަން"

ކ. ހިންމަފުށީގައި ބާއްވާ ފުރަތަމަ އިންޓަ އޮފީސް ފުޓްސަލް މުބާރާތް، މިނިވަން ފަރު އިންޓަ އޮފީސް ފުޓްސަލް މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް "ވަން އޮންލައިން" ހަމަޖައްސައިފިއެވެ.

އޮންލައިން މީޑިއާ ޕާޓްނަރަކަށް "ވަން" ހަމަޖައްސައި މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. "ވަން"ގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މުބާރާތް އިންތިޒާމު ކުރާ މިނިވަން ފަރުގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ރައީސް މޫސާ އަހުމަދެވެ. އަދި "ވަން"ގެ ފަރާތުން ސޮއިކުރެއްވީ މާކެޓިން މެނޭޖަރު މަރިޔަމް ހަޝްމާއެވެ.

މިނިވަން ފަރު އިންޓަ އޮފީސް ފުޓްސަލް މުބާރާތަށް އިއްޔެ ފުރުސަތު ހުޅުވާލާފައިވާ އިރު، މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ ފަސްވަނަ ދުވަހަށެވެ. ހިންމަފުށީގެ ސަރުކާރުގެ އިދާރާތަކާއި އޮފީސްތައް، އަދި އަމިއްލަ ކުންފުނިތަކަށްވެސް ބައިވެރިވުމަށް ހުޅުވާލާފައިވާ މުބާރާތް ކުރިއަށްދާނީ ހިންމަފުށީ ރަސްމީ ފުޓްސަލް ދަނޑުގައެވެ.

މުބާރާތް ކުރިއަށްގެންދަން މިނިވަން ފަރުން ނިންމާފައިވަނީ އަންނަ މަހުގެ 23 އިން 28 އަށެވެ.

މީގެ ކުރިންވެސް މިނިވަން ފަރުގެ ކާމިޔާބު ހަރަކާތްތަކެއް، މުބާރާތަށް ތަރުހީބު ބޮޑުވާނެ

ދެހާސް ނަވާރަވަނަ އަހަރު ހިންމަފުށީގައި ވުޖޫދުވެގެން އައި މިނިވަން ފަރު ޖަމިއްޔާއަކީ އެ ރަށުގެ އާބާދީއަށް ތަފާތު އިވެންޓުތައް ގެނެސްދީ، ރަށުގެ ޒުވާނުންނަށް ތަފާތު ޕްލެޓްފޯމެއް ގާއިމުކޮށްދޭ ޖަމިއްޔާއެކެވެ. ހާއްސަކޮށް ޒުވާނުންނާއި ތިމާވެށި ގުޅުވާލަ ދިނުމުގެ އިތުރުން އެކިއެކި އެހެން ދާއިރާތަކުންވެސް ޒުވާނުން ބާރުވެރިކުރުވުމަށް މިނިވަން ފަރުން މީގެ ކުރިންވެސް ވަނީ ގިނަ އިވެންޓުތަކެއް ހިންމަފުއްޓަށް ގެނެސްދީފައެވެ.

މިނިިވަން ފަރުގެ ކާމިޔާބު ބައެއް އިވެންޓުތަކަށް ބަލައިލާ އިރު، 2019 ވަނަ އަހަރު އެ ޖަމިއްޔާއިން ބޭއްވި ޖަލު ކާޅު ސާފިން މުބާރާތާއި، ހަމަ އެ އަހަރު ބޭއްވި ބައިބަލާ މުބާރާތްވެސް ފާހަގަކޮށްލެވެއެވެ. އޭގެ އިތުރުންވެސް 2019 ވަނަ އަހަރު މިނިވަން ފަރުން ވަނީ ދުނިޔޭގެ ޓޫރިޒަމް ދުވަހާ ގުޅުވައިގެން އެރަށުގެ ކަލްޗަރަލް ނައިޓެއް ބޭއްވުމާއި، އެރަށުގައި ޓީޗަރުންގެ ދުވަސް ފާހަގަކުރުމަށް ސްކެވެންޖާ ހަންޓެއްވެސް ބާއްވައިފައެވެ.

މިނިވަން ފަރުން ހިންމަފުށީގައި މީހުން ބިނާކުރުމަށް 2019 ވަނަ އަހަރު ހޭންޑްބޯލް ޓްރެއިނިން ޕްރޮގްރާމެއްވެސް ކުރިއަށް ގެންގޮސްފައިވާ އިރު، މިދިޔަ އަހަރު އެ ޖަމިއްޔާއިން ވަނީ ބީޗް ސޮކާ ގެސްޓް ހައުސް ޗެލެންޖަކާއި، ރާޒުވާ މުބާރާތެއްވެސް ބާއްވައިފައެވެ.

މިފަހަރު ބާއްވަން ގަސްދުކޮށްފައިވާ މުބާރާތާ ގުޅިގެން ޖަމިއްޔާގެ ކޯ ފައުންޑަރު އަބްދުﷲ ޖަލާލް "ވަން"އަށް ވިދާޅުވީ މުބާރާތަކީ ފުރަތަމަ އިންޓަ އޮފީސް މުބާރާތް ނަމަވެސް ތަރުހީބު ބޮޑުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"މިއީ ހިންމަފުށީގައި ބާއްވާ ފުރަތަމަ އިންޓަ އޮފީސް ފުޓްސަލް މުބާރާތް. މިއީ ފުރަތަމަ މުބާރާތް ނަމަވެސް ތަރުހީބު ބޮޑުވާނެ. މި މުބާރާތުގެ މަގުސަދެއް އެއީ އޮފީސްތަކާއި އިދާރާތަކުގެ ގުޅުން ބަދަހިކޮށް، ހިންމަފުއްޓަށް ފައިދާ ކުރާނެ ފަދަ މުބާރާތެއް ބޭއްވުން،" ޖަލާލް ވިދާޅުވިއެވެ.