ހަނގުރާމަވެރި ސަރަހައްދުތަކުގައި ދިވެހި ރައްޔިތުންނަށް އުފަންވާ ކުދިން ރާއްޖެއަށް ރަޖިސްޓްރީ ކުރެވޭގޮތަށް ގާނޫނަށް އިސްލާހު ގެނެސް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މަޖިލީހުން އެގޮތަށް ފާސްކުރީ، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ގެނައި އިސްލާހުގެ ތެރޭގައި ހިމަނައިގެންނެވެ.
މި އިސްލާހު މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ. ތާއީދު ކުރެއްވީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމްއެވެ.
މި އިސްލާހުގައި ބުނެފައި ވަނީ، ހަނގުރާމަވެރި ސަރަހައްދެއްގައި ދިވެހި ރައްޔިތުންނަށް އުފަންވެފައިވާ ކުދިން އަނބުރާ ރާއްޖެ އައުމުގެ ކުރިން އެކުދިންގެ އުފަންވުން ރާއްޖޭގައި ރަޖިސްޓްރީ ކުރަންވާނެ ކަމަށެވެ.
އެގޮތަށް ރަޖިސްޓްރީ ކުރުމަށް ގާނޫނުގައި ބުނެފައިވާ ލިޔެކިޔުންތައް ހުށަހަޅާފައި ނުވާނަމަ އެ ކުއްޖެއްގެ އުފަންވުން ރަޖިސްޓްރީ ކޮށްދެވޭނީ އެއީ ދިވެހި ރައްޔިތަކަށް އުފަން ދަރިއެއް ކަމާމެދު ގޮތެއް ކަނޑައެޅުމަށް، ކޯޓަށް ހުށަހަޅައި އެ ކުއްޖެއްގެ އުފަންވުމާ މެދު ކޯޓުން ގޮތެއް ކަނޑައެޅުމުން ކަމަށްވެސް އިސްލާހުގައިވެއެވެ.
އެކަމަށްޓަކައި ކޯޓަށް މައްސަލަ ހުށަހަޅާނީ އެކުއްޖާގެ ބެލެނިވެރިޔާ ނުވަތަ ބެލެނިވެރިޔާ، ޕަވާއޮފް އެޓާނީއެއް މެދުވެރިކޮށް ކަނޑައަޅާ ފަރާތަކުން ކަމަށްވެސް ބުނެފައިވެއެވެ.
އެގޮތަށް ކޯޓަށް ނުށަހަޅާ މައްސަލަތަކުގައި އެއީ ދިވެހި ރައްޔިތަކަށް އުފަން ދަރިއެއް ކަަމާމެދު ގޮތެއް ކަނޑައެޅުމަށް ޝަރިއަތަށް ހުށަހަޅަންޖެހޭ ހެކީގެ ބާވަތްތަކާއި އެ ހެކިތައް ޝަރީއަތުން ގަބޫލުކުރަންޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.
ހެކީގެ ގޮތުގައި ހުށަހެޅުމަށް އިސްލާހުގައި ހިމަނާފައި ވަނީ، ކުއްޖާގެ ޑީއެންއޭ ޕްރޮފައިލާއި ކުއްޖާގެ މަންމަ ކަމަށް ބުނާ ފަރާތުގެ ޑިއެންއޭ އަޅައިކިޔައި ހަދާފައިވާ ޕެޓާނިޓީ ޑީއެންއޭ އެނެލިސިސް، ނުވަތަ ކުއްޖާގެ ބައްޕަ ކަމަށްބުނާ ފަރާތުގެ ޕެޓާނިޓީ ޑީއެންއޭ އެނަލިސިސް، ކުއްޖާގެ މަންމަ އާއި ބައްޕަ ދުނިޔޭގައި ނެތްނަމަ ކުއްޖާގެ ޑީއެންއޭ ޕްރޮފައިލާއި ކުއްޖާގެ އާއިލާގެ އެހެން މެންބަރެއްގެ ޑީއެންއޭ އަޅައިކިޔައި ހަދާފައިވާ ޑީއެންއޭ އެނެލިސިސް އެވެ. އޭގެ އިތުރުން ކުއްޖާގެ މަންމަގެ ބަޔާނާއި، މަންމަ ނެތްނަމަ ބައްޕަގެ ބަޔާން، އެ ދެމީހުން ނެތްނަމަ ކުއްޖާގެ ބެލެނިވެރިޔާކަން ހަވާލުކޮށްފައިވާ ފަރާތުގެ ބަޔާނާއި ކުއްޖާގެ އުފަންވުން ހެކި ކޮށްދޭނެ އިތުރު ފަރާތެއް ހުރިނަމަ އެ ފަރާތެއްގެ ބަޔާން ހުށަހެޅިދާނެ ކަމަށްވެސް ބުނެފައިވެއެވެ.
ފެމިލީ ކޯޓަށް ހުށަހެޅޭތާ 14 ދުވަހުގެ ތެރޭގައި އެފަދަ މައްސަލަތައް ނިންމަންވާނެ ކަމަށްވެސް ހިމަނާފައިވެއެވެ.
މި އިސްލާހު މަޖިލީހުން ފާސްކުރީ ޖަލްސާގައި ތިއްބެވި 57 މެންބަރުންގެ ތެރެއިން 49 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު