އަންނަ އަހަރު ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 43.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި އަންދާޒާކޮށްފިއެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅުއްވަމުން މިނިސްޓަރު ވިދާޅުވީ އަންނަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 43.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި މިއީ 2026 ވަނަ އަހަރާ އަޅައި ބަލާއިރު 1.4 ބިލިއަން ރުފިޔާ އިތުރު އަދަދެއް ކަމަށެވެ.
އަދި މެދުރާސްތާގައި ދައުލަތުގެ އާމްދަނީ އިތުރުވަމުން ދާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށާއި އެގޮތުން 2028 ވަނަ އަހަރު 46.6 ބިލިއަން ރުފިޔާ އަދި 2029 ވަނަ އަހަރު 49.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އަދި އަންނަ އަހަރުގެ އާމްދަނީ އިތުރު ކުރުމުގެ ގޮތުން ދައުލަތުން ނަގާ އެއްވެސް ޓެކުހެއް މަތި ނުކުރުމަށް ނިންމާފައިވާ ކަމަށެވެ. އޭގެ ބަދަލުގައި ދައުލަތުގެ ޓެކްސްގެ ނިޒާމު އެފިޝިއެންޓްކޮށް، މިހާރު ހުރި ލޫޕްހޯލްތައް ބައްދައި، ޓެކުހުގެ ގާނޫނުތަކާއި ގަވާއިދުތަކަށް އަމަލުކުރާ މިންވަރު އިތުރު ކުރުމަށް މަސައްކަތް ކުރެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިގޮތުން، މި އަހަރު ތައާރަފު ކުރި "މޯލްޑިވްސް ގެސްޓް އިންފޮމޭޝަން ސިސްޓަމްގެ" ބޭނުން އިތުރަށް ފުޅާކޮށް، "އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް" މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން، ޓެކުހުގެ ނިޒާމު ހަރުދަނާ ކުރުމަށް ޒަމާނީ އީ-އިންވޮއިސިން ނިޒާމެއް ތައާރަ ފުކުރުމަށް ރޭވިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
"މި ފިޔަވަޅުތަކުގެ ސަބަބުން އިދާރީގޮތުން އާމްދަނީ ބެލެހެއްޓުން ހަރުދަނާވެ، ދައުލަތަށް ލިބެންޖެހޭ ޓެކުހުގެ ފައިސާ އެންމެ ފުރިހަމަ ގޮތުގައި ލިބިގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން، އާމްދަނީގެ ސިޔާސަތުތައް ތަންފީޒު ކުރުން އިތުރަށް ހަރުދަނާ ކުރުމަށާއި ކޮމްޕްލަޔަންސް އިތުރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ހަލުވިކުރުމަށްޓަކައި، މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ފިސްކަލް މެންޑޭޓް މި މިނިސްޓްރީން ބެލެހެއްޓުމަށް ބަދަލުކުރުމަށާއި ޓެކުހުގެ ގާނޫނުތަކަށް އިސްލާހުތައް ގެނައުމަށް ވެސް ބަޖެޓުގައި ހިމަނާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ދައުލަތުގެ ބަޖެޓު 2027
ދައުލަތުގެ ބަޖެޓު 2027
ދައުލަތުގެ ބަޖެޓު 2027
ކޮމެންޓް