ބައެއް މާއްދާތައް ކިޔަވައިދިނުމަށް ރަށްރަށަށް ޓީޗަރުން ނުލިބޭ ހާލަތުގައި އެ ރަށްރަށަށް ބަދަލުވާ ޓީޗަރުންނަށް އަންނަ އަހަރުން ފެށިގެން 3،000 ރުފިޔާގެ އެލަވަންސެއް ދޭން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުނުއިރު ރާއްޖޭގެ ބައެއް ސްކޫލުތަކަށް ބައެއް މާއްދާތައް ކިޔަވައިދޭން ޓީޗަރުން ނުލިބުމުން އިންޑިއާއިން ދިހަ ޓީޗަރަކު ގެނެސްފައިވެއެވެ. ނަމަވެސް އެ ޓީޗަރުންގެ ބަދަލުގައި ދިވެހި ޓީޗަރުން ހޯދުމަށް ބާރުއެޅުމުގެ ގޮތުން ސަރުކާރުން ނިންމާފައިވަނީ ރަށްރަށަށް ބަދަލުވާ ޓީޗަރުންނަށް އިތުރު އެލަވަންސެއް ދޭށެވެ. ނަމަވެސް އެލަވަންސްގެ ގޮތުގައި ދޭނީ ކިހާ އަދަދެއް ކަމެއް އެއިރު ސަރުކާރުން ބުނެފައެއް ނުވެއެވެ.
އެކަމާ ގުޅޭގޮތުން މިއަދު "ވަން" އަށް މައުލޫމާތުދެއްވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ، އެ އެލަވަންސަކީ، ބައެއް މާއްދާތައް ކިޔަވައިދިނުމަށް ބައެއް ރަށްރަށުގައި ޓީޗަރުން ހަމަނުވާތީ، އެފަދަ ރަށްރަަށަށް އެހެން ރަށްރަށުންދާ ޓީޗަރުންނަށް ދޭ އެލަވަންސެއް ކަމަށާއި އެލަވަންސްގެ ގޮތުގައި އަންނަ އަހަރުން ފެށިގެން 3،000 ރުފިޔާ ދޭނެ ކަމަށެވެ.
"އަޅުގަނޑުމެން އެދިގެން އެހެން ރަށަށް ދާން އެއްބަސްވާ ޓީޗަރުންނަށް އެލަވަންސް ދޭ ގޮތަށް އޮތީ މާކުރިން ފެށިގެންވެސް ހަމަޖެހިފައި. އެއީ ބައެއް ސްކޫލުތަކަށް ބައެއް މާއްދާތައް ކިޔައިވައިދޭން،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އެގޮތަށް ޓީޗަރުން ބޭނުންވުމުން އެޑިއުކޭޝަން މިނިސްޓްރީން އިއުލާން ކުރަމުން ގެންދާނެ ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ރަށްރަށަށް ބަދަލުވާ ޓީޗަރުންނަށް ހާއްސަ އެލަވެންސެއް ދޭން ނިންމެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަމަށާއި އެމަނިކުފާނު ބޭނުންފުޅުވަނީ ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދޭ ޓީޗަރުންގެ ފެންވަރު ރަނގަޅުކުރުމަށް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު