އެއްދުވަހުގެ ތެރޭގައި އެންމެ ގިނަ މަސައްކަތް ނިންމި ރެކޯޑާއެކު، މުޅިން އާ ދެ ގާނޫނަކާ ބެހޭ ބިލުތައް ހިމެނޭގޮތަށް ކޮމިޓީތަކުން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ހުށަހެޅި އިތުރު ބިލުތަކާއި ޕެޓިޝަންތަކާއި މައްސަލަތަކާ ބެހޭ 18 ރިޕޯޓެއް ފާސްކޮށް، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރު ނިންމައި މަޖިލިސް ޗުއްޓީއަށް ހިނގައްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަކީ މިއަހަރުގެ ފަހު ޖަލްސާކަމުން ޗުއްޓީއަށް ދިއުމުގެ ކުރިން ކޮންމެހެން ނިންމަންޖެހޭ ކޮމިޓީ ރިޕޯޓުތައް މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައެވެ.

ގިނަ މަސައްކަތަކެއް މިއަދު ނިންމަން ހުރިކަން ފާހަގަކުރައްވައި، މިއަދުގެ ޖަލްސާ ފައްޓަވަމުންވެސް މި ޖަލްސާ މިރޭ ދަންވަރާ ހަމައަށް ކުރިއަށް ގޮސްފާނެ ކަަމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.

ނަމަވެސް މިއަދުގެ މަސައްކަތްތައް ނިންމުމަށް ހުރިހާ މެންބަރުން އެހީތެރިކަން ދެއްވުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

މިއަދު ހެނދުނުން ފެށިގެން މިރެއާ ހަމައަށް ކުރިއަށްދިޔަ ޖަލްސާގައި، އެޖެންޑާ ކޮށްފައިވާ 18 ރިޕޯޓާއި އެ ރިޕޯޓަށް ހުށަހަޅާފައިވާ އިސްލާހުތަކަށް 59 ވޯޓެއް ނެގިއެވެ.

އެ ކަންތައްތަކަށް ވޯޓަށް އައްސަވައި ނިންމަވާލައްވައި، ޖަލްސާ ނިންމަވައިލައްވަމުން މަޖިލިސް ރައީސް ވިދާޅުވީ، ނިމިގެން މިދިޔައީ މަޖިލީހުގެ ވަރަށް ދިގު ދައުރެއް ކަމަށާއި، މި ދައުރުގައި މެންބަރުން 44 ޖަލްސާއަށް ވަޑައިގެންނެވި ކަމަށެވެ.

އެއީ 112 ގަޑިއިރުގެ މަސައްކަތް ކަމަށާއި، މި ދައުރުގެ ޖަލްސާތަކުގައި 950 ފަހަރު މެންބަރުން ވާހަކަ ދެއްކެވި ކަމަށްވެސް ވިދާޅުވިއެވެ.

މި ދައުރުގައި 320 ކޮމިޓީ ބައްދަލުވުމުގައި މެންބަރުން ބައިވެރިވެވަޑައިގެންނެވި ކަމަށާއި، އެ ކޮމިޓީ ބައްދަލުވުންތަކުގައި މެންބަރުން 331 ގަޑިއިރު ހޭދަކުރެއްވި ކަމަށްވެސް ވިދާޅުވިއެވެ.

އެ މަސައްކަތްތަކުން މެންބަރުން ނެރުއްވި ނަތީޖާއަކި މި ދައުރުގައި މަޖިލީހުން 20 ބިލުގެ މަސައްކަތް ނިންމެވުން ކަމަށްވެސް ވިދާޅުވިއެވެ.

އެއީ މި ދައުރަށް ހުށަހެޅުނު ނުވަ ބިލާއި ކުރީ ދައުރުން މި ދައުރަށް ވާރުތަވި 32 ބިލާއެކު 41 ބިލުގެ ތެރެއިން ނިންމުނު މިންވަރު ކަމަށްވެސް ވިދާޅުވިއެވެ. މި ދައުރަށް ހުށަހެޅުނު ދެ ގަރާރާއި ކުރީ ދައުރުގައި އޮތް 12 ގަރާރާއެކު އޮތް 14 ގަރާރުގެ ތެރެއިން ނިންމުނީ ހަތަރު ގަރާރުގެ މަސައްކަތް ކަމަށްވެސް ވިދާޅުވިއެވެ.

ސަރުކާރުން މަޖިލީހަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން ކުރީ ދައުރުގައި އޮތް ދެ މައްސަލައާއި މި ދައުރުގައި ހުށަހެޅި ފަސް މައްސަލާއެކު ޖުމުލަ ހަތް މައްސަލައިގެ ތެެރެއިން ފަަސް މައްސަަލަ ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެެވެ.

ރިޔާސަތުން ހުށަހެޅި މައްސަލަތަކުގެ ތެރެއިން ކުރީ ދައުރުން އައިސްފައިވާ ތިން މައްސަލައާއެކު ހުށަހެޅުނު އަށް މައްސަލައިގެ ތެރެއިން ތިން މައްސަލަ ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މެންބަރުން ހުށަހެޅި 13 މައްސަލައިގެ ތެރެއިން ނުވަ މައްސަލަ ނިމިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ކުރީ ދައުރުގެ އަށް ސުވާލާއެކު 39 ސުވާލު ވަޒީރުންނާ ކުރުމަށް މި ދައުރުގައި އޮތް ނަމަވެސް ކުރެވިފައިވަނީ 32 ސުވާލު ކަމަށްވެސް ވިދާޅުވިއެވެ.

މަޖިލިސް ރައީސް ވިދާޅުވީ، ހުރިހާ ބާވަތެއްގެ 95 މަސައްކަތް މި ދައުރުގައި ނިންމިފައިވާ ކަމަށާއި، އެއީ ޖުމުލަ 65.5 ޕަސެންޓް މަސައްކަތް ކަމަށެވެ.