ކައުންސިލުތަކުން ލޯނު ދޫކުރެވޭ ގޮތަށް، ސަރުކާރުން ދައުލަތުގެ މާލިއްޔަތު ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.
މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބުދުﷲ އެވެ.
ބިލުން މާލިއްޔަތުގެ ގާނޫނުގެ ހަތަރުވަނަ މާއްދާގެ (ޅ) އަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 82 ވަނަ މާއްދާގައި ބުނެފައިވާ ހާލަތުގައި، ވަކި ކައުންސިލަކަށް އެ އަހަރަކަށް ލިބޭ އާމްދަނީން ހަރަދުތައް ކަނޑައި ބާކީ ހުންނަ ފައިސާ، އެއްބަސްވާ ގޮތެއްގެ މަތިން އެހެން ކައުންސިލަކަށް ލޯނުގެ ގޮތުގައި ދޫކުރެވިދާނެ ކަމަށެވެ.
އެގޮތަށް އެއް ކައުންސިލުން އަނެއް ކައުންސިލަށް ދޫކުރާ ލޯނު ނުދައްކައިފި ނަމަ، ލޯނު ދޫކުރި ކައުންސިލަށް އެ ފައިސާ އަނބުރާ ހޯދާނެ ގޮތްވެސް މި ބިލުގައި ކަނޑައަޅާފައިވެއެވެ.
އެގޮތުން ސަރުކާރުން ކައުންސިލުތަކަށް ފައިސާ ދޫކުރާ އިރު، ލޯނު ނުދެއްކި ކައުންސިލުގެ ފައިސާ އިން، އެ ބައި އުނިކޮށް، ލޯނު ދޫކުރި ކައުންސިލަށް އެ ފައިސާ ދިނުމަށް ވަނީ ހިމަނައިފައެވެ.
ނަމަވެސް އެއް ކައުންސިލަކުން އަނެއް ކައުންސިލަކަށް ލޯނު ދޫކުރާ ނަމަ އެކަމާބެހޭ ހުރިހާ ތަފުސީލެއް ފިނޭންސް މިނިސްޓްރީއަށް ދޭން ޖެހޭނެ ކަމަށްވެސް ބިލުގައި ހިމަނާފައިވެއެވެ.
ކައުންސިލަކުން ދަރަންޏަށް ފައިސާ ނަގަންވާނީ، ކައުންސިލުން ފާސްކުރުމަށް ފަހު، ފިނޭންސް މިނިސްޓްރީން ހުއްދަ ހޯދައިގެން ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.
އާމްދަނީގެ ގޮތުގައި ކައުންސިލުތަކަށް ލިބޭ ފައިސާ ޕަބްލިކް ބޭންކު އެކައުންޓަށް ޖަމާކުރަން ނުޖެހޭނެ ކަމަށާއި، ކައުންސިލުތަކުން ހުޅުވާ އެކައުންޓުތަކަށް ބެލެވޭނީ ޕަބްލިކް ބޭންކް އެކައުންޓުގެ ގޮތުގައި ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު