ޚަބަރު

ސަރުކާރުން ހުށަހެޅި ގޮތަށް ކައުންސިލުތަަކަށް ބިން ވިއްކުމުގެ ބާރުދޭން މަޖިލީހުން ފާސްކޮށްފި

އިބްރާހިމް ޒަކީ

ކައުންސިލުތަކުގެ މިލްކުވެރިކަމުގެ ދަށުގައިވާ ބިންތައް ވިއްކުމުގެ ބާރު، ކައުންސިލުތަކަށް ދިނުމަށް ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް ބިމާބެހޭ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.

މިއީ ލާމަރުކަޒީ ގާނޫނުގެ ދަށުން ދައުލަތުގެ ބައެއް ބާރުތައް ކައުންސިލުތަކަށް ދޫކުރުމަށް ސަރުކާރުން ގާނޫނުތަކަށް ގެންނަ އިސްލާހުތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ހުށަހެޅުއްވި އިސްލާހެކެވެ.

މި ބިލުން ބިމާބެހޭ ގާނޫނުގެ ނުވަވަނަ މާއްދާގެ (ނ) އަށް ގެންނަން ފާސްކުރި އިސްލާހުގައި ބުނެފައިވަނީ، ކައުންސިލުތަކުގެ މިލްކުވެރިކަމުގެ ދަށުގައިވާ ބިން، ގާނޫނުއަސާސީ އާއި ބިމާބެހޭ ގާނޫނާ ހިލާފު ނުވާ ގޮތުގެ މަތިން ދެވަނަ ފަރާތަކަށް ވިއްކައި ނުވަތަ ކުއްޔަށް ދޫކުރެވޭނެ ކަމަށެވެ.

އެގޮތަށް ދެވަނަ ފަރާތަކުން ގަންނަ، ނުވަތަ ކުއްޔަށް ހިފާ ބިމާއި އެ ބިމާ ގުޅިފައިވާ ހައްގުތައް އެ ފަރާތަކާއެކު ކުރެވިފައިވާ މުއާމަލާތަކާ އެއްގޮތަށް އެ ފަރާތަަކަށް ރަޖިސްޓްރީ ކޮށްދެވޭނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި ހަމަ އެ ބިން ލިބޭ ފަރާތުން، އެ ބިން ނުވަތަ ބިމުން ބައެއް އެހެން ފަރާތަކަށް ވިއްކަން ބޭނުން ނަމަ ކައުންސިލުގެ ހުއްދަ ލިޔުމުން ލިބިގެން އެ ބިން ނުވަތަ ބިމުން ބައެއް، ވިއްކައިލެވިދާނެ ކަމަށާއި ބިން ބަދަލު ކުރެވިދާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ކައުންސިލުތަކުގެ މިލްކުވެރިކަމުގެ ދަށުގައިވާ ބިން އެ ކައުންސިލުތަކުން ކުއްޔަށް ދީ، ބިމާބެހޭ އެހެނިހެން މުއާމަލާތްތައް ކުރަން ވާނީ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން އެހެން ފަރާތްތަކަށް ބިންތައް ދޫކުރަން ވާނީ، ނުވަތަ ކުއްޔަށް ދޭންވާނީ އެ ބިން އޮތް ރަށެއް ނުވަތަ ސިޓީއަކަށް ގާނޫނުގައިވާ ގޮތުގެ މަތިން ކަނޑައަޅާފައިވާ ލޭންޑްޔޫސް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށްވެސް ބިލުގައިވެއެވެ.