ޚަބަރު

ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އަންދާޒާއަށް ވުރެ އިތުރުވެއްޖެ

އަލީ ޔާމިން

ޓެކުހުގެ ގޮތުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި މިއަހަރު ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށް ވުރެ އިތުރަށް އާމްދަނީ ލިބިއްޖެއެވެ.

ޓެކުހުގެ ގޮތުގައި މިއަހަރު ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާ ކޮށްފައިވަނީ 10.8 ބިލިއަން ރުފިޔާއެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އާންމުކުރާ މާލީ ތަފާސްހިސާބުގެ ރިޕޯޓުގައިވާ ގޮތުން މިއަހަރުގެ މިހާތަނަށް ޓެކުހުގެ ގޮތުގައި ދައުލަތަށް 12.2 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިމަހުގެ 18ގެ ނިޔަލަށް ދައުލަތަށް ޖުމުލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 16.8 ބިލިއަން ރުފިޔާއެވެ. މިއަހަރު ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާ ޖުމުލަ އާމްދަނީއަކީ 21 ބިލިއަން ރުފިޔާއެވެ.

ދައުލަތަށް މިހާތަނަށް ލިބިފައިވާ އާމްދަނީގެ 73 ޕަސަންޓް ހިއްސާކުރަނީ ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައިވާ އާމްދަނީއެވެ. ބާކީ 27 ޕަސަންޓަކީ ޓެކްސް ނޫން ގޮތްގޮތުން ދައުލަތަށް ލިބުނު އާމްދަނީއެވެ. އޭގެ ތެރޭގައި ހިލޭ އެހީގެ ގޮތުގައި ލިބުނު 664 މިލިއަން ރުފިޔާއާއި ކެޕިޓަލް ރިސިޕްޓްގެ ގޮތުގައި ލިބުނު 13.5 މިލިއަން ރުފިޔާގެ އިތުރުން އެހެނިހެން ގޮތްގޮތުން ލިބުނު 3.9 ބިލިއަން ރުފިޔާއެވެ.

ޓެކުހުގެ ގޮތުގައި މިއަހަރުގެ މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ، ޖީއެސްޓީންނާއި ޓީޖީއެސްޓީންނެވެ. އެގޮތުން ޖީއެސްޓީގެ ގޮތުގައި ހަ ބިލިއަން ރުފިޔާ ލިބިފައިވާ އިރު، ޓީޖީއެސްޓީގެ ގޮތުގައި ހަތަރު ބިލިއަން ރުފިޔާ ލިބިފައިވެއެވެ.

ޓެކްސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީގެ ބޮޑު ބައެއް ހިއްސާކޮށްފައިވަނީ ޕްރޮޕަޓީ އިންކަމް އާއި ރިސޯޓު ކުއްޔެވެ. އެގޮތުން ރިސޯޓުތަކުގެ ކުލިން މިހާތަނަށް 1.5 ބިލިއަން ރުފިޔާ ލިބުނު އިރު، ޕްރޮޕަޓީ އިންކަމްގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.

މިއަހަރު ހަރަދު ކުރަން 33.4 ބިލިއަން ރުފިޔާގެ ބަޖެޓެއް ދީފައިވާ އިރު، ބަޖެޓުގެ 26.9 ބިލިއަން ރުފިޔާ މިހާރު ވަނީ ހޭދަކޮށްފައެވެ. ބަޖެޓުގެ 73 ޕަސެންޓް ރިކަރަންޓް ހަރަދުތަކަށް ހޭދަކޮށްފައިވާ އިރު، ބާކީ ހޭދަކޮށްފައިވަނީ ކެޕިޓަލް އެކްސްޕެންޑިޗާއަށެވެ.